މަޖިލީހުގެ ޖަލްސާގައި ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މެންބަރު ފަލާހު

ނޫސްވެރިންނަށް އަނިޔާވެރިކޮށް މަރުގެ އަދަބު ދޭން ފަލާހު ގޮވާލައިފި

ފަލާހު ނޫސްވެރިންނަށް އިންޒާރު ދެއްވީ އޭނާ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނެ ކާކުކަން ނޭނގޭ ސޯޝަލް މީޑިއާ އެކައުންޓަކުން މީގެ ކުރިން އާންމުކުރި ވީޑިއޯއަކާ ގުޅުވައިގެން. އެއް ޖިންސުން ގުޅުން ނުހިންގާ ކަމަށް ބުނެ އޭނާ ވަނީ މާތްﷲ ގަންދީ ހުވާ ވެސް ކޮށްފައި

ނޫސްވެރިންނަށް އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ފަލާހު ނޫސްވެރިންނަށް ހަރުކަށި އިންޒާރެއް ދިނީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.

ބުނީ ކީކޭ؟ - ބިލުގެ ބަހުސްގައި ފަލާހު ނޫސްވެރިންނަށް މަރުގެ އަދަބު ދޭން ގޮވާލީ އޭނާ ފެންނަ ވީޑިއޯއެއް ކަމަށް ބުނެ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުުޅުވައިގެންނެވެ.

"މިއަދު ވަރަށް އަސަރާ އެކު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑަކީ ވެސް މީޑިއާގައި މަސައްކަތް ކުރާ ބޭފުޅުން ނުހައްގުން ލިޔާ އެކިއެކި މަޖައްލާތަކުގެ ސަބަބުން ވަރަށް ނިކަމެތިކަމެއް ދިމާވެފައި ހުރި މީހެއް. އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހަދާފައި ހުރި މީހެއް އަޅުގަނޑަކީ،" ފަލާހު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމާ އެކު ފަހަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމަށް ވެސް ލިބިވަޑައިގަތީ ކުއްލި ހައިރާން ކަމެކެވެ.

"އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން، އަޅުގަނޑަކީ އެއް ޖިންސުން [ގުޅުން ހިންގާ މީހަކަށް ހަދައިގެން]. އަޅުގަނޑުގެ ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން އެބަ ތިބި. ކުޑަ ދަރިން އެބަ ތިބި،" ފަލާހު ވިދާޅުވި އެވެ.

"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން."

'އުލު ބައިންދަންވީ'އޭ ބުނެ ހަޅޭއްލަވައިގަތުމުން ފަހަތުން އެހެން ބައެއް މެމްބަރުން އޭނާއަށް ތާއީދުކުރައްވާ އަޑު ވެސް އިވެ އެވެ.

ދިވެހި ރަދީފުގައި އުލުބޭންދުމުގެ މާނަ:

"މާ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާ ގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީ އެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީ އެވެ."

އެނގުން މުހިންމު - ފަލާހުއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ތުހުމަތުކޮށް، އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާ ވަނީ މިއަދުގެ ޖަލްސާގައި އެ ވާހަކަ ދޮގުކޮށް، މާތްﷲ ގަންދީ ހުވާ ވެސް ކޮށްފަ އެވެ.

ކޮމެންޓް (11)

ޝަޚްޞު ކަތިލުން ހުއްޓާލާ

28 އޯގަސްޓު 2025
ނޫސްވެރިން ފަލާހުގެ ވާހަކައަށް ރިއެކްޓު ކުރިގޮތުންވެސް އެނގިއްޖެ އެމީހުންގެ އެއްވެސް އަގެއް ނެތްކަން. މިކުޑަކުޑަ ދިވެހި ރާއްޖޭގައި މީހާ މަރާލުމަށް ވުރެ ނުރައްކާ ކަމެއް މީހާ އާއި ގުޅޭގޮތުން ދޮގުވާހަކަ ފެތުރުމަކީ. ފަލާޙު ޢާއްމުކޮށް ހުރިހާ ނޫސްވެރިންނަށް ބުނި ވާހަކައެއް ނޫން. ތި އެންމެން ބޭނުންވަނީ ހިތުހުރިހާ އެއްޗެއް ކިޔުމުގެ މިނިވަންކަންތަ. ހެޔޮނުވާނެ. ޒިންމާދާރުކަމާއި އެކީ ތިކަންކުރަން ނޭގެންނާ ތިކަން ނުކުރޭ. އަހުރެން ކުރިން މިބިލާއި ދެކޮޅޫ. މިހާރު އެއްކޮޅަށް ޖެހެނީ މި. އެންމެ ފުރަތަމަ އުލުބައިންދަންޖެހޭ އެކަކު އެއީ ދިޔަރެސް އަޒާނު
0 0

ފަލާޙުގެ ވާހަކައަށް ތާޢީދު

28 އޯގަސްޓު 2025
އެއްވެސް ޙަޤީޤަތެއް ނެތް ސާބިތު ނުހިފޭ ވާހަކަތަކަކުން، ކިތަން ދަރިންނެއްތޯ ބުލީގެ ޝިކާރައަކަށްވެ ނަފްސާނީވެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީ. ކިތަންމެ ސިޔާސީ ވިޔަސް، ހަޤީޤަތެއް ނެތް ކަންކަން ޚާއްސަކޮށް ޖިންސީ ކަންކަމާ ގުޅޭގޮތުން ދެއްކުމަކީ އަނބިދަރިން މުޅިންހެން ނަފްސާނީ ވާކަމެއް. ނޫސްވެރިން ފަލާހު ސައިޑް އޮފް ދަ ސްޓޯރީ ނިކަން ގެނެސްބަލަ. އޭނާއަށް ހާދަވަރެއްވީމައޭ އެހެން ބުނާނީ. އެހެން ވިސްނާކަށް ނުވޭތަ. ވިސްނާލާ ދަރިފުޅު ސްކޫލް ބަދަލުކޮށް ކިޔެވުމަށް ހުރަސްއެޅި އުޅެންޖެހުން. ކޮބާ އޭނާގެ ކުށަކީ.
0 1

ތެފައާސާ.

28 އޯގަސްޓު 2025
ނޫސްވެރިންނަށް އަނިޔާވެރިކޮށް މަރުގެ އަދަބު ދޭން ފަލާހު ގޮވާލުން އެއީކީ މައްސަލައެއް ނޫން. މިތަނުގައި މައްސަލައަކީ ފަލާހު އެހެން ގޮވާލިކަމަށް ޚަބަރުގައި ޝާއިއުކުރުން. މައްސަލައަކީ މި ޚަބަރު ޝާއިއުކުރި ނޫސްވެރިންނާއި ނޫސްތައް. އާ ބިލު ފާސްވީމާ މިކަންކަން ހައްލުވާނެ. އެ ބިލުގައި ބުނާ ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ ބައިގެ ތެރެއިން، ފަލާހުގެ މި ޚަބަރު ޝާއިއު ކުރި ނޫސްވެރިން ހައްޔަރުކޮށް އަދަބު ދެވޭނެ. މީޑިއާ ރެގިއުލޭޓު ކުރުމަކީ މިއީ. މިއީ ބެސްޓް ޕްރެކްޓިސް.
3 1

ފަލާހުއަށް ޖަޒުބާތު ވުން ޙައްޤު

28 އޯގަސްޓު 2025
@ތެފައާސާ. ނޫސްވެރިންނަކަށް ނޫން އަނިޔާވެރިކޮށް މަރުގެ އަދަބުދޭން އެގޮވާލަނީ. ނޫސްވެރިކަމުގެ ތާކިހާގައި އުޅޭ އަދި މުޅި ނޫސްވެރިކަމަށް އޮތް ހުތުރަކަށް ވާގޮތަށް މަސައްކަތް ކުރާ މީހުން އުލުބައިންދަން ޖެހޭނީ. އަޒާނު އާއި ދިޔަރެސް ހިނގީވެސް މިބީދައިން. އަދަދު މިހާރު އެއުޅެނީ އެހެންވޭތޯ. އެކަމަކު މިހާރު އަދި ދައުރު ފަދަ ކޮލިޓީ އަދިނޫސްވެރިކަމުގެ އެތިކްސް ހުންނަ މަޖައްލާތައް ހުރޭ. އެމީހުންނަށް ރައްކާތެރިކަން ދޭންވާނެ.
1 0

އިމްތިޔާޒު

27 އޯގަސްޓު 2025
ލަދު ގަންނަން ޖެހޭ. މީނާ އަށް ވޯޓު ލީ މީހުންވެސް. މިއީ ކޮންކަހަލަ މީހެއް. ޖަޒްބާތުގައި ޖެހިގެން ވެސް މި ފެންވަރު ވާހަކަ ދައްކައިގެން ނުވާނެ.
4 2

ތިހުރީ ޖަޒުބާތުވެފައި

28 އޯގަސްޓު 2025
@އިމްތިޔާޒު އޭނާއަށް އެކަމުން ވީ ގެއްލުން އަންދާޒާ ކުރެވޭތަ. ދަރިން ބުލީގެ ޝިކާރައަކަށްވެ ނަފްސާނި ވެ ބޭސްކާން ޖެހުމުން ޖަޒުބާތީ ވެވޭނެ. އެނާ ގޮވާލީ އެކަން ކުރި މީހުންނަށް އަދަބުދޭން. އޭނާގެ ޝަޚުސު ކަތިލައި މަރައިފި. މީހާ ދުނިޔޭގައި ހުރިކަން
0 0

އިމްތިޔާޒު

29 އޯގަސްޓު 2025
@ތިހުރީ ޖަޒުބާތުވެފައި ހައްދެއް ހުދޫދެއް އޮންނަންވާނެ އިމްތިޔާޒް އޮތަސް. މީނާގެ ވިސްނުމުގެ ފެންވަރު މި ދޭހަވީ. ހާމަވީ ފަލާހުގެ ނޭއްގާނީ ކަމާއި ޖާހިލުކަމާއި ތަންދޮރު ނޭގެ މިންވަރު. ރައްޔިތުންގެ ހާދިމުންގެ ގޮތުގައި މަސައްކަތް ކުރާ ބަޔަކު މި މޭރުމުން ރައްޔިތުންނާ ވާހަކަ ދެއްކުމުން ކުފޫ ހަމައެއް ނުވޭ. ކިހިނެއްތޯ ދެން ރައްޔިތުންގެ އަޑު އިއްވާނީ. އޭނާ އެހެރީ ބަދަލުހިފާ ރޫހެއްގައި. އޭނަ އޭ ކިޔައިގެން ވާހަކަތަކެއް ދެއްކީ ނޫސްވެރިނެއް ނޫން. ސިކުނޑީގެ ތެތްކަމެއް ނެތީމަ ނޭގެ އެެޔެއް މިއެއް.
0 0

ކަވާބޭ

27 އޯގަސްޓު 2025
ބަދަލު ހިފަން ވިޔަސް. މުށުތެރެއަށް ބާރު ލައިގެން ރައްޔިތުން ފިއްތާލާ. ކަވާބު ހަދާ
3 0

ހުވަދޫ އަހައްމަދޭ

28 އޯގަސްޓު 2025
@ކަވާބޭ ތިނޫން މީހަކު އެބަހުރިތަ ތިޔަ ތަނުގަ. މިއަދު ރައްޔިތު ކޮހުންވެސް ހަޅޭލަވަލަވާފަ މާދަން ކުރިމަތިލިޔަސް ހޮވާނެ. މިގައުމުގެ ރައްޔިތުން ފުރަތަމަ އިސްލާހު ވާންވީ.
2 0

ކަވާބޭ

29 އޯގަސްޓު 2025
@ހުވަދޫ އަހައްމަދޭ ތިޔަކަންވެސް އޮތީ ތިހެން. އެކަމަކު މީނާގެ އަނބިދަރީންވެސް މީނަ މި ބަރަހަނާ ކުރަނީ މަޖުލީހުގައި. ތިމަންނަގެ އެބަތިއްބޯ ބޮޑު ދަރިންނާ ކުޑަ ދަރިން ކިޔާފަ.
0 0

ބައްޒާކު

27 އޯގަސްޓު 2025
ފަލާހު ކަލޭމެން އަބަދު ވެރިކަމުގެ ބާރުގަ ނުތިބޭނެކަން ހަނދާން ކުރާތި!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް