މަޖިލީހުގެ ޖަލްސާގައި ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޕީއެންސީ

ޕީއެންސީން މީޑިއާ ކޮންޓްރޯލް ބިލަށް ފުރިހަމައަށް ތާއީދު: ފަލާހު

އޭނާ ވަނީ ދޮގު ހަބަރު ފަތުރާ ފަރާތްތައް އުލު ބައިންދަން ޖެހޭ ކަމަށް ވިދާޅުވެފައި؛ އަދި ވިދާޅުވީ ބިލުން މީޑިއާއަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް
27 އޯގަސްޓު 2025

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާތަކުގެ ކޮންޓްރޯލް ނަގާ ބިލަށް ވެރިކަން ކުރާ ޕާޓީ އަދި މަޖިލީހުގެ ބައިބޯ ޕާޓީ، ޕީއެންސީން ފުރިހަމައަށް ތާއީދުކުރާކަން މިއަދު ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - އެކަން ހާމަކުރެއްވީ، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެ ބިލްގައި ބަހުސްގައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. 

ތަފްސީލް - ދައުރުން ބޭރުން މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ:

  • ބިލަށް ފުރިހަމައަށް ތާއިދުކުރަން އަދި އެ ބިލްގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތަކަށް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެއްވޭ 

  • އޭނާ ވަނީ މިއަދު ބިލް ބަލައިގަންނަން ޕީއެންސީގެ ޕީޖީ ގްރޫޕުން ވޯޓް ދޭނޭ ކަމަށް ވެސް ވިދާޅުވެފައި

"މި ބިލް ތަފްސީލްކޮށް ވިދާޅުވެދެއްވިއްޔާ ރަނގަޅަށް މަސައްކަތް ކުރާ މީހަކު ބިރު ގަންނާކަށް ނުޖެހޭ. މީޑިއާގެ ބިލެއް އޮވެގެން ނެތިގެން ވީކަމެއް ނޫން މީގެ ކުރީ ސަރުކާރުތަކުގައި ނޫސްވެރިން ޖަލަށްލާ ހެދުމަކީ،" ފަލާހު ވިދާޅުވި އެވެ. 

އެ ބިލް ދިފާއު ކުރައްވައި އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރާ، މީހުންގެ އަނބުރު ނަގާލުމުގެ ސަބަބުން ހުދު އޭނާއަކީ އޭގެ ތަކުލީފު އުފުލަން ޖެހުނު މީހެއް ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި:

  • އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކޮށް ހަދާފައިވާ ވީޑިއޯއެއް ދައުރުކޮށް މީޑިއާއިން އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހެދި 

  • އެކަމުން އޭނާ އާއި އާއިލާއަށް ފުން އަސަރުކުރިކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެކަހަލަ ދޮގު ހަބަރު ފަތުރާ މީހުން އުލު ބައިދަންވީ ކަމަށް

  • ފުލުހަށް މައްސަލަ ހުށަހެޅި ނަމަވެސް އެކަމާ ގުޅިގެން ކަމެއް ނުވި ކަމަށް ވިދާޅުވި

  • ބިލްގައި އޮންނާނީ މީޑިއާ ރެގިއުލޭޓަރީ ބޮޑީގެ މެޖޯރިޓީ މީޑިއާތަކަށް ދޭ ގޮތަށް އަދި ރައީސް ވަނީ އެ ކޮމިޝަނަށް ރައީސްއަކު އައްޔަން ކުރަން ބޭނުން ނޫން ކަމަށް ބުނެފައި

އެ ބިލް ބަލައިގަންނަން ވޯޓް ނުދޭ މީހަކީ ގައުމު ފަސާދަ ކުރަން އުޅޭ މީހެއްގެ ގޮތުގައި ވެސް ފަލާހު ސިފަކުރެއްވި އެވެ. އަދި ބިލް ހުށަހެޅުއްވި ހަންނާނަށް އޭނާ ހިފެހެއްޓުމެއް ނެތް ތައުރީފް ކުރެއްވި އެވެ. އެ ބިލަކީ ޕީއެންސީން އަޑީގައި އޮވެ ހުށަހެޅި ބިލެއް ކަމަށް ބުނާތީ ފަލާހު ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ. ވިދާޅުވީ: 

  • މަޖިލީހަށް ބިލެއް ހުށަހެޅުމުގެ ގާބިލްކަން އަދި ކެރުންތެރިކަން ޕީއެންސީ މެންބަރުންގެ ހުންނާނެ 

އޭނާ އަދި ވިދާޅުވީ ކޮމިޓީ މަރުހަލާގައި ނޫސްވެރިން ރަނގަޅު ވާހަކައެއް ދައްކާ ނަމަ ބަލައިގަނެ ބިލް އިސްލާހު ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ އެކަށީގެންވާ ކަންބޮޑުވުމަކަށް ވާން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް