'މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި ނުސްވެރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'މީޑިއާ ކޮންޓްރޯލް ބިލު'ގެ މަސައްކަތްކުރަން މާދަމާ ކޮމިޓީ ބާއްވަނީ

މީޑިއާ ކޮންޓްރޯލް ބިލުގެ ނަމުގައި މަޝްހޫރުވެފައިވާ އެ ބިލު ތަޅުމަށް ބަލައިގަންނަން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން މި ނިންމީ، އެ ބިލު އަނބުރާ ގެންދިއުމަށް ނޫސްވެރިންނާއި ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށް
27 އޯގަސްޓު 2025

މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރުމަށް މާދަމާ ކޮމިޓީ ބާއްވަން ތާވަލުކޮށްފި އެވެ. 

ވީކިހިނެއް؟ - ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން މިއަދު ފާސްކުރި އެވެ. އެ ގޮތުން:

  • ބިލު ބަލައިގަންނަން ފާސްކުރީ ސަރުކާރަށް ނިސްބަތްވާ 49 މެންބަރުންގެ ވޯޓުން 

  • ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުން

ތަފްސީލް - މަޖިލީހުގެ ހިނގަމުން ދިޔަ މި އަހަރުގެ ދެވަނަ ދައުރު ވެސް ނިންމާލައި ޗުއްޓީގައި އޮތް މި ވަގުތު އެ ބިލުގެ މަސައްކަތް ކުރުމަށް މާދަމާއަށް ކޮމިޓީ ތާވަލުކުރީ:

  • ހެނދުނު 10 ޖަހާއިރު

  • ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުން އެޖެންޑާގައި ހިމަނާފައި

އާންމުކޮށް ބިލެއްގެ ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީން ބިލު ދިރާސާކުރުމުގެ މަސައްކަތް ނިންމާނެ ސުންގަޑި އާއި ހިޔާލަށް ހުޅުވާލާނެ މުއްދަތު ނިންމާނެ އެވެ. 

ބިލުގެ ތަފްސީލް - މިހާރު އެ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.

ބިލުގައިވާ ގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން

  • މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން

  • މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު ވެސް 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށް

  • މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ

  • ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވަންޖެހޭނީ އިލެކްޝަން ކޮމިޝަނުން 

ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ. މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:

  • މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު

  • ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު

  • ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ.އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު

  • ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް