ބަންޑާރަނައިބު އަހުމަދު އުޝާމް. (ފޮޓޯ/ރައީސް އޮފީސް)
މީޑިއާ ކޮންޓްރޯލު ކުރާ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރަން: އޭޖީ
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލު ކުރާ ބިލު ނަގަން ޖެހޭނެ ކަމަށް ސަރުކާރުން ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބިލާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަނިކޮށް މިއަދު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި އެ ޑްރާފްޓާ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
ތަފްސީލް - "އެބިލަށް ބަލާއިރު މައިގަނޑު ގޮތެއްގައި ތިބޭފުޅުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ބަލާއިރު މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައި އޮތް ބިލާ، މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑެތި ތަފާތުތަކެއް ނެތް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
މިހާރު މަޖިލީހުގައި އޮތް ބިލާ މެދު ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އައްޔަނު ކުރާ މެންބަރުންތަކެއް މީޑިއާ ކޮމިޝަނުގައި ތިބުން ކަމަށާއި، ކޮމިޝަނުގެ ރައީސަކަށް ވެސް ރައީސް އައްޔަނު ކުރާ މީހަކު ހުރުން ކަމަށް އުޝާމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ރައީސް ދެއްވާ ހައްލު ވިދާޅުވެފައިވާކަން ފާހަގަ ކުރައްވާ އުޝާމް ވިދާޅުވީ
-
މީޑިއާ ކައުންސިލުން އޭޖީ އޮފީހަށް ހުށަހެޅި ބިލުގެ4 ވަނަ މާއްދާގައި މީޑިއާ ކޮމިޝަން އެކުލެވިގެންވާ7 މެންބަރުންގެ ތެރެއިން5 މެންބަރުންނަކީ މީޑިއާ ތަކުން އިންތިހާބު ކުރާ މެންބަރުން ކަމަށް އެބަ އޮތް
-
ދެން ތިބޭ ދެ މެންބަރުން އައްޔަނު ކުރަނީ ރައީސް ކަމަށް
އުޝާމް ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އޮތީ ރައީސް ހުށަހަޅާ ނަންތަކެއް މަޖިލީހުން ފާސްކޮށްގެން ކޮމިޝަނެއް އައްޔަނު ކުރަން ކަމަށެވެ.
މީޑިއާ ކައުންސިލުން އޭޖީ އަށް ފޮނުވި ބިލުގައި ރައީސަށް ބޭނުން ދެ ނަމެއް ހުށަހެޅޭ ގޮތަށް އޮވެފައި، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އިތުރު ލޭޔާ އެއް ލާފައި ރައީސް އައްޔަނު ކުރާ މެންބަރުން ތިބޭ ގޮތަށް އޮތް އޮތުން ނޫސްވެރިންނަށް މައްސަލައަކަށް ވާ ސަބަބު ފަހުމު ނުވާ ކަމަށް އޭޖީ ވިދާޅުވި އެވެ.
މީޑިއާ ތަކަށް ފިޔަވަޅު އަޅާ، ޖޫރިމަނާ ކުރަން ވެސް ކައުންސިލުން ހުށަހެޅި ބިލުގައި ހުރީ މާ ބޮޑެތި އަދަދުތަކެއް ކަމަށް އޭޖީ ވިދާޅުވި އެވެ.
-
ކައުންސިލުން ހުށަހެޅި ޑްރާފްޓު ގައި އޮތީ 5،000ރ އާއި50،000ރ އާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރަން
-
މިހާރު މަޖިލީހުގައި އޮތް ބިލުގައި އޮތީ25،000ރ އާ ހަމައަށް ޖޫރިމަނާ ކުރަން
"އެއަށް ވުރެ ވެސް ތަންކޮޅެއް އެކްސްޓްރީމް މާއްދާ އެއް މީޑިއާ ކައުންސިލުން ހުށަހެޅި ބިލުގައި އެބަ އޮތް،" އުޝާމް ވިދާޅުވި އެވެ.
އެ މާއްދާގައި އޮތް ގޮތަށް ވިދާޅުވެދެއްވަނީ ކަމަށް ވިދާޅުވެ އުޝާމް ވިދާޅުވީ:
"ކޮމިޝަނުން އަންގާ އެންގުމަކަށް ތަބާ ނުވެއްޖެ ނަމަ ނުވަތަ ކޮމިޝަނުގެ ގަދަރަށް އުނިކަމެއް އަންނަ ގޮތަށް އަމަލެއް ކޮށްފި ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބަލާ5،000ރ އާއި50،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެފަދަ ފަރާތްތަކާމެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާ ތަހުގީގު ކޮށް ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަމެއް ބަލާ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެ އެވެ." މިފަދަ އިން އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މަޖިލީހުގައި އޮތް ބިލުގައި މިފަދަ މާއްދާ އެއް ނެތް ކަމަށެވެ.
"މިހާތަނަށް މީޑިއާ ކައުންސިިލުން ކޮށްފައި ހުރި މަސައްކަތުގެ އަލީގައި ބިލުގައި ވަކި ނެތް އެކްސްޓްރީމު ކޮންކަމެއް ބާއޭ މިހާރު މަޖިލީހަށް ހުށަހެޅިފައި އޮތް ބިލުގައި އޮތީ،" އުޝާމް ވިދާޅުވިއެވެ.
"މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލާއި މިހާރު މަޖިލީހަށް ބިލުގެ މައްޗަށް ބިނާކޮށް އެ ބިލަށް އިސްލާހު ނުގެނެވެންވީ ސަބަބެއް އޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ."
އޭޖީ ވިދާޅުވީ މީޑިއާ އާއި މީޑިއާ ކައުންސިލް އަދި އެންޖީއޯތަކާއި ބްރޮޑްކޮމްގެ ހުށަހެޅުންތަކުގެ މައްޗަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި އެ ދިރާސާގެ އަލީގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށެވެ.
"ހުށަހެޅުމަށް ފަހު ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކާ ކުރަންޖެހޭ ކަންތައް ކުރާނެ ވާހަކަ ދަންނަވަން،"
އުޝާމް ވިދާޅުވީ ބިލުގައި ކޮމިޝަނަށް ދީފައިވާ ބާރުތަކަށް ބަލާ، އެއަށް އިސްލާހު ނުގެނެވެންވީ ސަބަބެއް ނެތް ކަމަށެވެ.
"ކަންބޮޑުވުމަކީ މިހާތަނަށް މީޑިއާ ކައުންސިލުން ކޮށްފައި ހުރި މައްސަލަތަކުގެ އަލީގައި ވަކި ނެތް އެކްސްޓްރީމު ކޮންކަމެއް ބާއޭ މިހާރު މަޖިލީހަށް ހުށަހެޅިފައި އޮތް ބިލުގައި މި އޮތީ.؟" އުޝާމް ވިދާޅުވި އެވެ.