މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި، ނޫސްވެރިން އިއްޔެ މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'މީޑިއާ ކޮންޓްރޯލް ބިލު' ހިޔާލަށް ހުޅުވާލައި 2 ހަފްތާ ތެރޭ ނިންމަން ކޮމިޓީން ފާސްކޮށްފި

ހިޔާލަށް ހުޅުވާލީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް

މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު ހިޔާލަށް ހުޅުވާލައި ދެ ހަފްތާ ތެރޭ ނިންމަން މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން ދެންމެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު، އަމިއްލަ މެންބަރެއް "މެދުވެރިކޮށް" މަޖިލީހަށް މިދިޔަ ހަފްތާގައި ހުށަހެޅުއްވި ބިލު، ޗުއްޓީގައި އޮތް މަޖިލިސް ހުޅުވައިގެން އިއްޔެ ވަނީ ބަލައިގެންފަ އެވެ. އަދި މި ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ ބިލުގެ ސުންގަޑި ކަނޑައެޅުމާއި މަސައްކަތް ކުރިއަށް ދާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

ތަފްސީލު - ކޮމިޓީ ފެށުމާ އެކު، މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ކޮމިޓީގެ މުގައްރިރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހުސައިން ރިޒާ އާދަމް މެންބަރުންގެ ހިޔާލަށް ހުޅުވާލެއްވި އެވެ. އެއާ އެކު، ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވީ:

  • މިއަދުން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހަށް އާންމުންގެ ހިޔާލަށް ހުޅުވާލުމަށް

  • އަންނަ މަހު 15ގެ ކުރިން ބިލު ކޮމިޓީން ނިންމަން

އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުގައްރިރު، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ.

"އަޅުގަނޑު ގަބޫލުކުރަން މިއީ ވަރަށް މުހިންމު ބިލެއް ކަމަށް. އަދި މިވަގުތުން ވަގުތަށް [މަސައްކަތް] ކުރިއަށް ގެންދިއުމަށް ގެންދަން ވަރަށް މުހިންމުކަން އަޅުގަނޑު ފާހަގަކުރަން،" ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

މި ހުށަހެޅުން ފާސްވި ކަމަށް ރިޒާ އިއުލާން ކުރެއްވި އެވެ. ނަމަވެސް ފާސްވީ ކިހާ ވޯޓަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭގެ އިތުރުން، ރިޒާ ވިދާޅުވީ މިފަދަ ބިލެއް ހުށަހެޅުމުން އާންމުކޮށް ކަމާ ބެހޭ ފަރާތްތަކާ ކޮމިޓީން މަޝްވަރާ ކުރާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ގަސްތު ކުރަނީ އަންނަ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ކޮމިޓީން ކަނޑައަޅާ ފަރާތްތަކާ މަޝްވަރާ ކުރުމަށް 

  • އޭގެ ތެރޭގައި ރާއްޖޭގެ ނޫސްތަކާއި ދައުލަަތުގެ އިދާރާތައް ހިމެނޭނެ

އެ ވާހަކައަށް ކޮމިޓީގެ މެންބަރުން ތާއީދު ކުރައްވައި ވިދާޅުވީ ބޭނުންވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ މި ބިލު ބަލައިގެންފައި ވަނީ ނޫސްވެރިންނާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރުމުން ދަނިކޮށެވެ. ނޫސްވެރިންގެ ކަންބޮޑުވުމަކީ މި ބިލު ފަރުމާކޮށްފައިވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނުސްވެރިކަމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގު ވަރަށް ބޮޑަށް ހަނި ކުރެވޭ ގޮތަށެވެ. 

މި ބިލާ ދެކޮޅަށް ނޫސްވެރިން އިއްޔެ މަޖިލީހާއި ރައީސް އޮފީސް އަދި މުލިއާގެ ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރު ވެސް ކުރުމަށް ފަހު، ފަހުން ވަނީ ދޫކޮށްލާފަ އެވެ.

ކޮމެންޓް (2)

މުޙައްމަދު ބިން ޢާދިލް

28 އޯގަސްޓު 2025
މިޤައުމުގައި ޢިލްމީ ގޮތުން ބަހުސްކޮށް ކަންކަން އިޞްލާޙު ކުރުމަށް މަސައްކަތް ކުރާ އެއްބައިގަނޑުވެސް ނެތް. އެންމެންވެސް ބޭނުމީ ފަސޭހަގޮތް ހޯދަން. ބިލު ބޭރުކުރުން ފަސޭހަ، ބިލްގަ ހުރި މައްސަލަތައް ބަލައި ދިރާސާކޮށް އޭގެ އެންމެ ރަނގަޅުގޮތް ބުނެދިނުމަށް ވުރެ. ނިކަން ނޫސްވެރިން މުޒާހަރާ ހުއްޓާލާފައި ގަލަން ހިއްލާލަބަލަ ބިލުގަ މައްސަލަތަކާ ގުޅޭގޮތުން. އަދި އޭގެ ރަނގަޅުގޮތް. އެއީ ތަހުޒީބީ މުޖުތަމައެއްގައި ކަންހިނގާގޮތް.
1 1

ދަމީރު

28 އޯގަސްޓު 2025
@މުޙައްމަދު ބިން ޢާދިލް މިހާރު ވެސް ރެގިއުލޭޓު ކުރުމުގެ އިންތިޒާމް ތައް ހަމަޖެހި ހިނގަމުން ދާ ކަމެއް މީ. ބޭރު ކުރަން ޖެހެނީ ބޭކާރު އެއްޗަކަށް ވެސް ވާތީ. އިސްލާހު ކުރަން ޖެހޭނީ ބޭނުންތެރި އެއްޗަކަށް ވާނަމަ އެއްނު؟.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް