ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު އަދި ޔޫތު އެންޑް އާޓްސް މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ނޫސްވެރިން އުލުބައިންދާ ވާހަކައަށް ހަލީލާއި ވަހީދު އެއްޗެއް ވިދާޅުވާން ބޭނުމެއް ނުވި
ނޫސްވެރިން އުލުބައިންދަން ނުވަތަ އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދޭން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ގޮވާލެއްވި މައްސަލާގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލާއި އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު އެއްޗެއް ވިދާޅެއް ނުވި އެވެ.
ވީ ކިހިނެއް؟ - ފަލާހު ނޫސްވެރިންނަށް ހަރުކަށި އިންޒާރެއް ދެއްވީ ދައުރުން ބޭރުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ތަފްސީލް - ރައީސް އޮފީސް ކުރިމަތީ ގާއިމްކޮށްފައިވާ 'ނޫސްވެރިންގެ ފެންޑާ' ހުންނަ ސަރަހައްދުގައި މިއަދު ހަލީލް އާއި ވަހީދު ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަވާފައިވެ އެވެ.
ނޫސްވެރިން ވަނީ އިއްޔެ ފަލާހު މަޖިލީހުގައި ދެއްކެވި ވާހަކަ ކުށްވެރި ކުރައްވަންތޯ އަދި އެ ވާހަކަތަކާ މެދު މިނިސްޓަރުން ދެކެވަޑައިގަންނަވާ ގޮތާ މެދު ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
އުލުބައިންދަން ގޮވާލި ވާހަކައަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު ވަހީދު ތާއީދު ކުރައްވަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ވާހަކަތަކަށް ޖަވާބު ދެއްވުމަށް ޕާޓީ ތެރެއިން ބޭފުޅުން ހަމަޖައްސާފައި ތިބޭނެ ކަމަށެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި 'ސަންގު ޓީވީ'ގެ ވެރިޔާ ވަހީދުގެ އަމިއްލަ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ވެސް އެ ސުވާލަށް ޖަވާބު ދެއްވަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
"އަޅުގަނޑު ދެއްކި ވާހަކައެއް ނޫނޭ ތިއީކީ،" ވަހީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"މަޖިލީހުުގެ ތަޅުމުގައި އެއްވެސް މެންބަރަކު ދެއްކެވި އެއްވެސް ވާހަކައަކަށް ޖަވާބުދޭކަށް ބޭނުމެއް ނޫން،" ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.
"މާޒީގައި ވެސް މީހުން އެބަހުރި އަޅުގަނޑުމެން ވަރަށް އުއްމީދު ނުކުރާ ފަދަ ވާހަކަ ދައްކާފައި. އަޅުގަނޑު ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫން."
ހަލީލް ވިދާޅުވީ އެއްވެސް ރައްޔިތަކާ ދިމާއަށް ބޭއިންސާފުން، އެއްވެސް ވާހަކައެއް ދެއްކުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
ނޫސްވެރިންގެ ކަންބޮޑުވުން އޮތް ބިލު އަނބުރާ ގެންދިއުމާ މެދު ސުވާލު ކުރުމުން ދެ މިނިސްޓަރުން ވެސް ވިދާޅުވީ ކޮމެޓީ މަރުހަލާގައި ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މީޑިއާ ކޮންޓްރޯލު ކުރާ ގޮތަށް އެއްވެސް ކަމެއް އޮންނަން ރައީސް މުހައްމަދު މުއިއްޒު ތާއީދު ނުކުރައްވާ ކަމަށާއި ބިލު ފާސް ވާނީ މީޑިއާގެ ބަސް އަހައިގެން މީޑިއާ އިން ބޭނުންވާ ގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ހަލީލް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ނޫސްވެރިން އުލުބައިންދަން ނުވަތަ އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދޭން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ގޮވާލެއްވި މައްސަލާގައި ފިޔަވަޅު އެޅުމަށް، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ވަނީ ގޮވާލައިފަ އެވެ.
ބިލު ތަސްދީގުނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.
ކޮމެންޓް (1)
މިކަން މިހާ ބޮޑުކުރާކަށް ނުޖެހޭ