ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ނަޝީދު ހުންނެވިއިރު، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު މަޖިލިސް އިދާރާއަށް ވަޑައިގެން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވަނީ (ފައިލް ފޮޓޯ)

'މީޑިއާ ކޮންޓްރޯލް ބިލު' ތަސްދީގު ނުކުރަމަށް ނަޝީދު ގޮވާލަައްވައިފި

މިއީ މި ބިލާ ދެކޮޅަށް ނަޝީދު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު

މީޑީއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް އިއްޔެ މަޖިލީހުން ބަލައިގަތް ބިލު ތަސްދީގުނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު، އަމިއްލަ މެންބަރެއް "މެދުވެރިކޮށް" މަޖިލީހަށް މިދިޔަ ހަފްތާގައި ހުށަހެޅުއްވި ބިލު، ޗުއްޓީގައި އޮތް މަޖިލިސް ހުޅުވައިގެން އިއްޔެ ވަނީ ބަލައިގެންފަ އެވެ.

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މި ބިލާ ގުޅޭ ގޮތުން ނަޝީދު އަޑުއުފުއްލެވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވި ނަޝީދު ވިދާޅުވި ގޮތުގައި، ސަރުކާރަކުން ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނި ކުރާ ކޮންމެ ފަހަރަކު އޭގެ ސަބަބުން އެ ގައުމެއްގެ މިނިވަންކަމާއި ތަނަވަސްކަން ކުޑަވެގެންދާނެ އެވެ.

އެހެންވެ ލިޔުންތެރިއެއްގެ ހައިސިއްޔަތުންނާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕްރިޒަނާ އޮފް ކޮންސައިންސްގެ ހައިސިއްޔަތުން ނަޝީދު، ރައީސް މުއިއްޒަށް ގޮވާލެއްވީ މީޑިއާ ބިލު ތަސްދީގުނުކުރެއްވުމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ބިލު އިއްޔެ މަޖިލީހުން ބަލައިގެންފައި ވަނީ ވެސް ކުއްލި ގޮތަށް އިއްޔެ ބަހުސް ނިންމާލުމަށް ފަހު، އަނެއްކާ ބަހުސް ފަށައި ވަރަށް "ހީލަތްތެރި ރޭވުމަކުން"ކަން ނޫސްވެރިން އަންނަނީ ފާހަގަ ކުރަމުންނެވެ.

އިއްޔެ މިކަމާ ގުޅިގެން ނޫސްވެރިން މަޖިލީހާއި ރައީސް އޮފީސް އަދި މުލިއާގެ ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރު ވެސް ކުރި އެވެ.

ނަޝީދުގެ ޕޯސްޓުގައި އިއްޔެ މުޒާހަރާއިން ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައްވާފައިވެ އެވެ. ނަމަވެސް އިއްޔެ މުޒާހަރާއިން ހައްޔަރު ކުރި ނޫސްވެރިން މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލާފައިވެ އެވެ.

ގުޅުން ހުރި - 'މިޑިއާ ކޮންޓްރޯލް ބިލު'އާ ދެކޮޅަށް ނަޝީދު ޕޯސްޓެއް ކުރެއްވިއިރު، މިދިޔަ ހަފްތާގައި ފާހަގަ ކުރި ގައުމީ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒަށް ރައްދެއް ވެސް ދެއްވާފައިވެ އެވެ.

ކޮމެންޓް (2)

ރައީސަށް ދަންނަވަން

28 އޯގަސްޓު 2025
ރައީސަން ދަންނަވަން. ކުޑަ ރާސްތާގައި، ރައީސްގެ ތާޢީދު ނެތިދާނެކަމަށް ހީވިޔަސް، ދުރުރާސްތާގައި ތިޔަކުރެވެނީ ޤައުމީ ޚިދުމަތެއް. މިބިލު ފާސްކުރުމަށް އެދެން. އެކަމަކު ސިޔާސީ ބޭނުމަށް އިދިކޮޅުގެ އަޑު ކަނޑުވާނުލާތި. އަދި ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރުމަށް އެމީހުންނަށް ދަސްކޮށްދީ. އަދި ޤާނޫނެއް ހެދިޔަކަސް ނުވާނެ. ރަނގަޅަށް ތަންފީޛުކުރެވެން ޖެހޭ.
2 0

ތެފައާސާ.

28 އޯގަސްޓު 2025
ބައްލަވާ ރައީސް ނަޝީދޫ، ރޫޅާލުންގަނޑާ އިބޫ ނޫންގޮތެއް ހޯދުންގަނޑު ކިހިނެތް ކިހިނެތްތޯ؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް