ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މެންބަރު ފަލާހު

ނޫސްވެރިން އުލުބައިންދަން ގޮވާލި މައްސަލާގައި ފަލާހަށް ފިޔަވަޅު އަޅަން އެމްޖޭއޭން ގޮވާލައިފި

ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭން ބުނީ ފަލާހު ދެއްކެވި ވާހަކައަކީ ނޫސްވެރިންނަށް ބިރު ދައްކައި އިންޒާރު ދިނުމުގެ ގޮތުން ދެއްކެވި ވާހަކައެއް ކަމަށް ދެކޭ ކަމަށް

ނޫސްވެރިން އުލުބައިންދަން ނުވަތަ އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދޭން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ގޮވާލެއްވި މައްސަލާގައި ފިޔަވަޅު އެޅުމަށް، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިރޭ ގޮވާލައިފި އެވެ.

ވީކިހިނެއް؟ - ފަލާހު ނޫސްވެރިންނަށް ހަރުކަށި އިންޒާރެއް ދިނީ ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - ބިލުގެ ބަހުސްގައި ފަލާހު ނޫސްވެރިންނަށް މަރުގެ އަދަބު ދޭން ގޮވާލީ އޭނާ ފެންނަ ވީޑިއޯއެއް ކަމަށް ބުނެ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުުޅުވައިގެންނެވެ.

"މިއަދު ވަރަށް އަސަރާ އެކު މި ވާހަކަ މި ދަންނަވަނީ. އަޅުގަނޑަކީ ވެސް މީޑިއާގައި މަސައްކަތް ކުރާ ބޭފުޅުން ނުހައްގުން ލިޔާ އެކިއެކި މަޖައްލާތަކުގެ ސަބަބުން ވަރަށް ނިކަމެތިކަމެއް ދިމާވެފައި ހުރި މީހެއް. އެއް ޖިންސުން ގުޅުން ހިންގާ މީހަކަށް ހަދާފައި ހުރި މީހެއް އަޅުގަނޑަކީ،" ފަލާހު ވިދާޅުވި އެވެ.

"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާތައް ގެންގޮސް ޖަލަކަށް ނޫން، އުލުބައިންދަންވީ. އުލު، ސީދާ ބައިންދަންވީ. އެގޮތަށް މަސައްކަތް ކުރާ ބޭފުޅުން."

ތަފްސީލް - ފަލާހުގެ މި ވާހަކަ ކުށްވެރިކޮށް އެމްޖޭއޭން ނެރުނު ބަޔާނުގައި ގޮވާލީ:

  • މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ގޮވާލައްވާފައި ވާތީ ވެރިކަންކުރާ ޕީއެންސީން ފަލާހުއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް

  • އާންމުކޮށް އެނގޭނެހެން އެވާހަކަތަކާ މެދު ފަލާހު މައާފަށް އެދުމަށް

ދިވެހި ރަދީފުގައި އުލުބޭންދުމުގެ މާނަ:

"މާ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާ ގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީ އެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީ އެވެ."

އެނގުން މުހިންމު - ފަލާހުއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ތުހުމަތުކޮށް، އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޭނާ ވަނީ މިއަދުގެ ޖަލްސާގައި އެ ވާހަކަ ދޮގުކުރައްވައި މާތްﷲ ގަންދީ ހުވާ ވެސް ކުރައްވާފަ އެވެ.

ކޮމެންޓް (3)

ފަލާހު ބުނީ ހެޔޮކޮށް

28 އޯގަސްޓު 2025
އެމް.ޖޭ.އޭ ކަނު އަނދިރީތަ. ފެންނަނީ ވަކި އެއްޗެއްތަ. ފަލާހު އާއި ފަލާހުގެ އާއިލާއަށް ވީގެއްލުން އެނގޭތަ. ރާއްޖެއަކީ ކުޑަތަނެއް. ކޮންމެ ޚަބަރެއްވެސް ވައިރަލްވޭ. އޭނާ ވަރިފަށަށް އެރިކަން އެނގޭތަ. އެމް.ޑީ.ޕީ ވެރިކަމުގައި ފުލުހުންގެ ތަހުޤީޤުން އޭނާ ނޫންކަމަށް ސާބިތުކުރި. ދެން އަދިވެސް އެވާހަކަ ދެއްކި އެއްވެސް ބަޔަކަށް ފިޔަވަޅު އެޅުމަށް ގޮވާލީ ކާކު. ތިއެށޯސިއޭށަނުން އަޚްލާޤީ މިންގަނޑު ހިފަހައްޓަނީ ކިތައް ބައެއްތޯ ބެލެނީ ކިހާވަރަކަށް. އެބަޔަކަށް ފިޔަވަޅު އަޅަން ގޮވާލިންތަ؟ ސެލެކްޓިވް އަދި ހާލްފް ބޭސްޑް އެކްޝަން ކަމަކު ނުދޭ.
0 0

އަބުރު ރައްކާތެރިކުރޭ

28 އޯގަސްޓު 2025
ފަލާހު އެއްނުބުނޭ ހުރިހާ ނޫސްވެރިން އުލުބައިންދަންޖެހޭ ވާހަކަ. އޭނާ އެބަބުނަނީ ސާބިތު ނުހިފޭ ވާހަކަ ދައްކާ އޭނާ އާއި އޭނާގެ އާއިލާއަށް ނަފްސާނީ ކުރުވާ އިންތިހާއަށް ގެއްލުން ކުރަނިވި ގޮތަށް ޚަބަރު ޖަހާ ނޫސްވެރިން އުލުބައިންދަންޖެހޭ ވާހަކަ. އޭނާގެ ވާހަކައިން ރާއްޖޭގެ މަޝްހޫރު އަދި އެސްޓެބްލިޝްޑް މީޑިއާތައް ކަމުގައިވާ ދައުރު، މިހާރު ފަދަ ތަންތަނެއް ނުވަދޭ. އެހެނީ އެމީހުންނަކީ ސާބިތު ނުހިފޭ ވާހަކަ ލިޔާ ބަޔަކަށް ނުވާތީ. މިކަމުގައި އެމް.ޖޭ.އޭ އިން ފިޔަވަޅު އެޅުމަށް ފުރަތަމަ ގޮވާލަންވީ މީހެއްގެ މުޅި އަބުރު ނަގާލާ އޭނާ ނަފްސާނީ ކުރުވަން ހަޤީޤަތެއް ނެތް ވާހަކަ ދައްކާ ނޫސްވެރިކަމުގެ ތާކިހާގައި އުޅޭ މީހުންނަށް. އެހީ ނޫސްވެރިންނެއް ނޫން
0 0

ތެފައާސާ.

28 އޯގަސްޓު 2025
އިއްޒަތްތެރި ޕީޖީ ލީޑަރަށް ފިޔަވަޅު އަޅަން ނޫސްވެރިންނަކަށް ތިޔަހެން ގޮވައެއް ނުލެވޭނެ. މިއަދު މި ބިލް ފާސްކޮށްގެން، މި ގޮވާލުން ގޮވާލި ހުރިހާ ނޫސްވެރިން ހައްޔަރު ކުރަންވީ. މިއީ ހަމަ ސީދާ، ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ގައުމީ ސަލާމަތާއި ގުޅުން ހުރި މައްސަލައެއް. މި ޚަބަރު ޝާއިއު ކުރި ނޫސްތައްވެސް ފުރަތަމަ ސަސްޕެންޑުކޮށްފައި އޭގެ ފަހަށް މައްސަލަ ބަލަން ފަށަންވީވެސް. ބައްޕާފުޅުގެ ފޮތުގައި އޮތީވެސް މިގޮތަށް.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް