ރައީސް މުއިއްޒު ހިރިމަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ ރައީސް އޮފީސް)
ހަނިމާދޫއަށް ހިޖުރަކުރާ ހިރިމަރަދޫ ރައްޔިތުންނަށް ދޮޅު އަހަރުގެ ތެރޭ ގެ އަޅައިދޭނަން: ރައީސް
ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހިޖުރަ ކުރަން ބޭނުންވާ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ގިނަވެގެން ދޮޅު އަހަރު ތެރޭ ގެ އަޅައި ނިންމައި، ހަވާލުކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދިރިއުޅޭ އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ނިންމާފަ އެވެ. މި މައުލޫގައި ރައީސް އިތުރަށް ވާހަކަ ދެއްކެވީ މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި މިއަދު ހިރަމަރަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ. މި ބައްދަލުވުމުގައި:
-
ހަނިމާދޫއަށް ހިރިމަރަދޫން ހިޖުރަކުރާ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގެވުމަށާއި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރެއްވުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ
-
ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޗްޑީސީއާއެކު
President Dr @MMuizzu addresses HDh. Hirimaradhoo residents, highlighting planned initiatives and reiterating the Government’s commitment to achieving the island’s development goals.
— The President's Office (@presidencymv) August 24, 2025
#RayyithunGaathah #HaaDhaaluAtollVisit pic.twitter.com/UvMA0SGyfy
ތަފްސީލު - ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއޫއަކީ ހިރިމަރަދޫ ރައްޔިތުންގެ މުސްތަގުބަލައްޓަކައި ކުރިއަށް ގެންދާ މަޝްރޫއޫއެއް ކަމަށެވެ. އަދ މި މަޝްރޫއުގެ ދަށުން ދަށުން ހިރިމަދޫގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރިކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން:
-
ހިރިމަރަދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި 154 ގޯތި މީގެ ތެރޭގައި ހިމެނޭ
-
މިއިން ކޮންމެ ގޯއްޗަކަށް، ހަނިމާދޫއިން ގޯއްޗެއް އަދި އެ ގޯތީގައި ގެ އެޅިގެންދާނެ
-
އޭގެ އިތުރުން، ހިޖުރަކުރާ މީހުންނަށް ބަދަލެއްގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދޭނެ
"އަމިއްލަ ގޯތީގައި މިވަގުތު އިމާރާތެއް ނެތަސް [ނުވަތަ] ހުއްޓަސް [ހަނިމާދޫން ދޭ] ގޯތީގައި ވެސް ގެ އެޅިގެން ދާނެ. އަދި ބަދަލުގެ ގޮތުގައި ދޭ ފައިސާގެ އަދަދު މިހާރު މި ދަނީ މުތާލިއާ ކުރަމުން،" ކުރިން ހިޖުރަކުރާ މީހުންނަށް ދެމުން އައި ބަދަލަށްވުރެ ބޮޑު އަދަދެއް ލިބޭނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވި އެވެ.
"އެންމެ ގިނަވެގެން 18 މަސް ދުވަސް [ނުވަތަ] ދޮޅު އަހަރު ތެރޭ ނިންމައި ހަވާލުކުރާނަން."
ރައީސް ވިދާޅުވީ، ހިރިމަރަދޫގެ އިތުރުން އިތުރު ދެތިން ރަށެއްގައި މިގޮތަށް ހިޖުރަ ކުރަން ބޭނުންވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރާއިރު ސަރުކާރުގެ ވިސްނުމަކީ، އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަން ދީގެން އެކަން ކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރުން އެއްވެސް ރަށަކަށް މަޖުބޫރެއް ނުކުރާނަން ރައްޔިތުން ބަދަލުވާން ޖެހެނީ މިވެނި ރަށަކަށޭ. އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން،" ބަދަލުވާން ބޭނުންވާ ރަށްތައް ކަނޑައަޅަނީވެސް ރަށުގެ ރައްޔިތުންގެ މެދުގައި ސާވޭއެއް ކުރުމަށްފަހުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން މިގޮތަށް ދޫކޮށްލާފައި ދާ ރަށް ކޮންމެވެސް އެހެން ބޭނުމަކަށް ސަރުކާރުން ބޭނުންކޮށް، އޭގެ އިގްތިސާދީ ފައިދާއިން ކޮންމެވެސް ކަހަލަ މާލީ އިނާޔަތެއް ރަށުގެ ރައްޔިތުންނަށްވެސް ލިބޭނެ ގޮތް ހެދުމަށެވެ. ނަމަވެސް އަދި ތަފްސީލުކޮށް ނުނިމޭތީ، އެކަމުގެ ތަފްސީލަކަށް އެމަނިކުފާނު ވަޑައިނުގަންނަވަ އެވެ.
"އަޅުގަނޑުމެން މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ކުރީގެ ސަރުކާރުތަކުން ގެންދިޔަ ގޮތަށްވުރެ ވެސް ފުރިހަމަކޮށް. އެއްކަމަށް ބަދަލުގެ ގޮތުގައި ދޭ ފައިސާ ބޮޑު ވާނެ. ދެވަނަ ކަމަކަށް ދޫކޮށްލާފައި ދާ އަމިއްލަ ރަށުން [ނުވަތަ] އުފަން ރަށުން ކޮންމެވެސް ކަހަލަ އިގްތިސާދީ ނަފާ އެ ފަރާތްތަކަށް ލިބޭނެ ގޮތަށް ބައްޓަން ކުރަން ގަސްތު ކުރަން،"
ކޮމެންޓް (1)
ތަރަތަރަ ރާޖާ