ހދ. ހިރިމަރަދޫގެ އަތިރިމަތީގައި ދެ މީހަކު ކުނިކަހަނީ. އެ ރަށުގެ ގިނަ މީހުން މިހާރު ބޭނުން ވަނީ އެހެން ރަށަކަށް ހިޖުރަކުރަން (ފޮޓޯ/ ޒުވާން މަސްވެރިޔާ)
ހިތްގައިމު ރަށެއް؛ ހިރިމަރަދޫން ފައިބަން މިއުޅެނީ ކީއްވެ؟
ކައުންސިލްގެ ނައިބު އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި އޭނާގެ އުފަން ރަށް، ހދ. ހިރިމަރަދޫހާ ހިތްގައިމު ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. އެއީ އުޅެލަން ފަސޭހަ، ހިތަށް ހަމަޖެހުން ގެނެސްދޭނެ ކަހަލަ ރަށެކެވެ. އެކަމަކު އޭނާ ގަބޫލުކުރައްވާ ގޮތުގައި، މި ފަދަ ޒަމާނެއްގައި ހަމައެކަނި ރަށުގެ ރީތިކަމުން ފަރުޖެއްސޭކަށް ނެތެވެ.
"ހަގީގަތުގައި ވެސް ވަރަށް ދެރަވޭ މިހެން ދަންނަވަން. އަދި މިއީ އަޅުގަނޑުމެންނަށް ފަސޭހަ ނިންމުމެއް ވެސް ނޫން،" ޝަރީފް ވިދާޅުވި އެވެ.
"އެކަމަކު މިއަދު އަޅުގަނޑުމެންނަކަށް ނެތް ރަށުގައި ވަޒަންވެރިވެގެން އުޅެވޭކަށް."
ހިރިމަރަދުއަކީ ބިން ބޮޑު، ފެންތިލަ ރަށެކެވެ. މޫދުގެ ރީތިކަމާއި މުއްސަނދިކަން ވަށައިގެން ފެންނަން އޮތް ރަށެކެވެ. އެކަމަކު މިއިން އެއްވެސް ކަމަކުން މި ވަގުތު ރައްޔިތުންނަށް ހިފޭނެ މާ ބޮޑު ބޭނުމެއް އޮތް ކަމަކަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ.
ހިރިމަރަދޫ ކައުންސިލުން ވަނީ ރަށުން ހިޖުރަކުރަން ބޭނުންވާތީ، އިއްޔެ ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ބައްދަލުކޮށް އެކަމާ މަޝްވަރާކޮށްފަ އެވެ. ބަދަލުވާން ޝައުގުވެރިވާ ރަށްތަކުގެ ކުރީގައި އޮތީ ކ. ތުލުސްދު އެވެ. އެއީ މާލޭ ސަރަހައްދުގެ ރަށަކަށް ވާތީ، މުސްތަގްބަލުގެ ފަސޭހައަށް ވިސްނައި ރަށުގެ ބައެއް މީހުން ބޭނުންވި ގޮތެވެ. އެކަމަކު އެއީ އަދި ރަށުގެ ހުރިހާ އެންމެންގެ ވިސްނުމެއް ނޫނެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހިރިމަރަދޫގައި މީހުން ދިރިއުޅޭ އާބާދީއަކީ 314 އެވެ. އެއީ، ނައިބު ރައީސް ޝަރީފްގެ ނަޒަރުގައި، ރަށް ތަރައްގީވުމަށް އަދި ކުރިއެރުމަށް އޮތް ހުރަހެކެވެ. އާބާދީ މަދުވުމުގެ ސަބަބުން ރަށުގެ ތައުލީމީ ނިޒާމާއި ސިއްހީ ހިދުމަތް ވެސް އޮތީ އެންމެ ދަށް ފަންތީގަ އެވެ. ސްކޫލުގައި އުޅޭ ދަރިވަރުންގެ އަދަދު 50އަށް ވެސް ނާރަ އެވެ. ބަލި މީހަކު ނާންނާތީ، ރަށުގެ ސިއްހީ މަރުކަޒުގެ މުވައްޒަފުން މަސައްކަތެއް ނެތި ދާ ދުވަސް ވެސް ދެ އެވެ.
ތައުލީމް ހާސިލް ކުރަން، ރަށުން ބޭރަށް ދާ ޒުވާނުންނާއި އާއިލާތައް ވެސް އެނބުރި ރަށަކަށް ނުދެ އެވެ. އެއީ ކިޔަވައިގެން އައިސް، ރަށުގައި ކުރިއަށް ދެވޭނެ މަގު ބަންދުވެފައިވާތީ އެވެ. އެހެންވެ، އެއަށް ވުރެ ތަރައްގީ އަދި ވަސީލަތްތައް ގިނަ ރަށަކަށް ބަދަލުވާން ރައްޔިތުން ތިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މި އެދުމަށް އެންމެ ރަނގަޅު ފުރުސަތެއް ދެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. ހިރިމަރަދުއަށް ކުރެއްވި ދަތުރެއްގައި އެ މަނިކުފާނު ދެގޮތެއް ރައްޔިތުންނަށް ހުށަހެޅުއްވި އެވެ. އެއީ އެ ރަށުގެ ބަނދަރު ހެދުން ނުވަތަ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިޖުރަކުރުމުގެ ފުރުސަތުދީ، ބަޖެޓުގައި އެކަން ހިމެނުއްވުމެވެ. ވަރަށް ބޮޑަށް ހިޔާލުތަފާތުވި އެ މައްސަލައިގައި އެ ދުވަހު ރައްޔިތުން ހިޔާރުކުރީ ރަށުގެ ބަނދަރު ހެދުމެވެ.
"އެ ދުވަހު އަޅުގަނޑު ވެސް ބޭނުންވީ ބަނދަރު ހަދަން. އެކަމަކު މިއަދު ދަރިން ލިބި، އެ ކުދިންނަށް ކިޔަވައިދޭން، އެ ކުދިންގެ މުސްތަގްބަލަށް ވިސްނާފައި އިތުރު ފުރުސަތުތަކެއް ބޭނުންވޭ،" ޝަރީފް ވިދާޅުވި އެވެ.
"ކިތަންމެ ބޭނުން ނުވިޔަސް، މިހާރު އަޅުގަނޑުމެންނަށް އެންމެ މޮޅީ އެހެން ރަށަކަށް ހިޖުރަކުރުން."
ހިރިމަރަދޫ މީހުން ތުލުސްދުއަށް ބަދަލުވާން ޝައުގުވެރިކަން ފާޅުކުރުމުން، އެކަމާ ބައެއް މީހުން ސުވާލު އުފެއްދި އެވެ. ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ހަނިމާދު އާއި ނޮޅިވަރަންފަރު ފަދަ ބޮޑެތި ރަށްރަށް ހުއްޓާ، މާ ދުރުގައި އޮތް ރަށެއް ހިޔާރުކުރުމުންނެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުން ހިޖުރަ ކުރަން ބޭނުންވާތީ، އެ ފުރުސަތު އޮތްތޯ ބަލަން ހަނިމާދުއަށް ވެސް ސިޓީ ފޮނުވި ކަމަށާއި އެކަމަކު ޖަވާބު ލިބިވަޑައިނުގަންނަވާ ކަމަށެވެ. ތުލުސްދޫއާ މެދު ޝައުގުވެރިވީ، ކޮންމެ ސަރުކާރަކުން ވެސް އެންމެ އިސްކަމެއް ދީ، ބޮޑަށް ތަރައްގީ ކުރަނީ މާލެއާ ކައިރި ރަށްރަށަށް ކަމަށްވުމުން، މުސްތަގްބަލުގެ ފަސޭހައަށް ބައްލަވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިމަރަދޫގެ މި އެދުމަށް ތުލުސްދޫން ވަނީ މަރުހަބާ ކިޔާފަ އެވެ. އެކަމަކު އެކަމާ ގުޅޭ ފަހު ބަސް ބުނާނީ ރައްޔިތުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހދ. އަތޮޅުގެ ބައެއް ރަށްތަކުން މީގެ ކުރިން ވެސް މީހުން ބަދަލުކޮށްފައި ވެ އެވެ. އެގޮތުން، އެ އަތޮޅު ފަރިދު އާއި ކުނބުރުދު އާއި މާވައިދޫ މީހުން ވަނީ ހަމަ އެ އަތޮޅު ހަނިމާދޫ އާއި ނޮޅިވަރަންފަރަށް ބަދަލުކޮށްފަ އެވެ.
ރަށް ފަޅުކޮށް، ރާއްޖޭން އެންމެ ފަހުން މީހުން ފައިބާފައިވަނީ، 2016 ވަނަ އަހަރު ލ. ގާދު އާއި މުންޑުއިންނެވެ. އާބާދީގައި ކިރިޔާ 400 ހަމަވާ އެ ރަށްތަކުން މީހުން ބަދަލު ކުރީ އެ އަތޮޅު ފޮނަދޫ އާއި ގަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ފަޅުކޮށް، އެހެން ރަށްރަށުގައި ވަޒަންވެރިވުމަކީ މިދިޔަ ސަރުކާރުން ވަރަށް އިދިކޮޅު ހެދިކަމެކެވެ.
"ރަށުން ފައިބަން ޖެހުމަކީ އަޅުގަނޑުމެން ވަރަށް ހިތްދަތިވާނެ ކަމެއް. އެކަމަކު ކުރިމަގަށް ބަލާފައި އެންމެ ރަނގަޅު ގޮތް،" ޝަރީފް ވިދާޅުވި އެވެ.
ކޮމެންޓް (11)
ހަހަހަ
އަމިއްލައެދުން
ހިރިމަރަދޫ މީހާ
ވެރިކަން
އެދުރުބެ
އެދުރުދައިތަ
ނައިބު
ދަރި
ބެއްޔާގެ ދަރި
ގޮހޮޑާ
ހަސީބު