ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގަެ ބޭއްވި ބައްދަލުވުމުގައި ގާސިމް އިބްރާހިމް(ފޮޓޯ/މަޖިލިސް)
ކައުންސިލުތަކުގެ ބާރު ހަނިކުރި އިސްލާހުތަކަށް ގާސިމްގެ ސާބަސް
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީގެ) ލީޑަރު ގާސިމް އިބްރާހިމް މިއަދު ތާއީދުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ކައުންސިލުތަކަށް ލިިބޭ ބޮޑެތި ބާރުތަކެއް އުނިވާނެ ފަދަ ގޮތަކަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ވަނީ ތަސްދީގުކުރައްވާފަ އެވެ. މި އިސްލާހު ފާސްކޮށްފައިވަނީ އެކަމާ ގުޅިގެން ކައުންސިލުތަކުގެ ވެސް ބޮޑެތި ކަންބޮޑުވުންތަކަކާއި ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށެވެ. މި އިސްލާހުތަކަށް ގާސިމް ތާއީދުކުރެއްވީ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - މާމިނގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމްގެ އެ ޕޯސްޓެއްގައި ވިދާޅުވީ:
-
ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމުން ލާމަރުކަޒީ ގާނޫނު ވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަކަށް ކަމަށް
-
އެ ގާނޫނުތައް ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކުތަކާ ފުށޫއަރައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި
"އަޅުގަނޑު ދެކޭގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއް. ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހެއް ކަމުގައި ދަންނަވާލަން ބޭނުން. އަޅުގަނޑު ވެސް ގަބޫލުކުރަނީ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާހުތަކަކީ އެ ނިޒާމު ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް،" ގާސިމްގެ ޕޯސްޓުގައި ވެއެވެ.
ގާސިމް ވިދާޅުވީ:
-
ކުރިއަށް އޮންނަ އިންތިހާބާ ދިމާކޮށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެންނުވާނެ؛ އެ ވާނީ ނާޖާއިޒު ފައިދާއަށް
-
އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރު މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ
-
މިހާރު މިއޮތް ކައުންސިލުތަކުގެ ދައުރު އަންނަ އަަހަރުގެ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 ވަރަކަށް މަސް
-
ކައުންސިލުތަކުން އިހުލާސްތެރިވާން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް
-
ރަށުގެ ތަރައްގީގެ ޕްލޭނަކީ ރަށުގެ ރައްޔިތުންގެ ހިޔާލާއެކު ފާސްކޮށްފައިވާ އެއްޗަކަށްވާއިރު އޭގައި ނުހިމެނޭކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިހުތިޔާރު ވެސް އޮވެގެން ނުވާނެ؛ މިފަދަ ކަންކަމުގެ ސަބަބުން ގައުމަށް ނުހަނު ގެއްލުންލިބެމުންދޭ
ގާސިމް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ލޯކަލް އޮތޯރަޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ ރަށުގެ އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއަކަށް ވެގެން ނުވާނެ ގޮތަކަށް އެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ވެސް އެރަށެއްގެ އާންމުންނާއި އާންމު ވިޔަފާރިތަކަށް ލިބޭ ފައިދާއެއްކަން ގާސިމް ފާހަގަކުރެއްވި އެވެ.
"އެހެންކަމުން މި އިސްލާހުތަކުގެ ފައިދާ މާބޮޑަށް ވެސް އޮތީ އާންމު ރައްޔިތުންނަށް. އެހެންކަމުން މިއީ ރައީސް މުއިއްޒު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޗެމްޕިއަން ކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް ކަމީ ޝައްކެއް އޮތްކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން
ކައުންސިލްތަކުގެ ބާރު ހަނިކުރާ އިސްލާހު ތަސްދީގުކުރައްވައިފި
15 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް ކައުންސިލްތައް
5 އޯގަސްޓު 2025
'ތަރައްގީގެ ބާރުތައް ރައްޔިތުންނަށް ނުދިނުމަކީ ބޭއިންސާފެއް'
3 އޯގަސްޓު 2025
'ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަނީ ބާރުތައް ސަރުކާރަށް ނަގަން'
3 އޯގަސްޓު 2025