ރައީސް މުއިއްޒު ބ. މާޅޮސް ކައުންސިލާ އިއްޔެ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިކުރާ އިސްލާހު ތަސްދީގުކުރައްވައިފި
ކައުންސިލްތަކުގެ މާލީ ބައެއް ބާރުތައް ހަނި ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ވަނީ އެކަން ރޭ ހާމަކޮށްފަ އެވެ.
ތަފްސީލް - އިދިކޮޅު އެމްޑީޕީ އާއި 80އަށް ވުރެ ކައުންސިލުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި މި ބިލު ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްެރާހިމް ހުސައިން އެވެ. އެގޮތުން:
-
އެ ދުވަހު ބިލުގެ ބަހުސް ނިންމައި ހަމަ އެ ދުވަހު ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވި
-
ޖެހިގެން އައި ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ސަރުކާރުން ފޮނުވި ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް ބިލު ފާސްކުރުމަށް؛ ކޮމިޓީން މިކަމުގައި ބާއްވާފައި ވަނީ ޖުމްލަ ދެ ބައްދަލުވުން
-
މިދިޔަ ހަފްތާގެ ބުދަ ދުވަހު، ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮންނަ މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައި
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް
ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތް ހެދުމަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
-
ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
-
ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން
-
ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.
ބިލުގައި ކައުންސިލަށް ވިޔަފާރި ކުރުމަށް ކުރިން އޮތް ފުޅާ ފުރުސަތު ވަނީ އިސްލާހުގައި ހަނިކޮށްފަ އެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
އެ މަސައްކަތަކީ އެލްޖީއޭން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
-
އެއީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
-
އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
ބިލު ތަސްދީގުކުރެއްވުމާ އެކު، ތިން މަސް ތެރޭ އެ ތިން ޝަރުތު ހަމަ ނުވާ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ދެން ހިމެނޭ އިސްލާހުތައް ކުރުކޮށް
-
ކައުންސިލްގެ ބޭންކް އެކައުންޓު ބަލަހައްޓަން ވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން؛ އެކައުންޓު ސްޓޭޓްމަންޓް ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތު ކައުންސިލުން ދޭން ވާނެ
-
ދައުލަތުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޔުޓިލިޓީ ބިލަކަށް ދަކަން ފައިސާއެއް އޮތް ނަމަ، އެ ފައިސާތައް އުނިކުރުމަށް ފަހު، ބާކީވާ އަދަދު؛ އެގޮތަށް އުނި ކުރާނީ ހަ މަސް ވަންދެން ނުދައްކާ ހުރި ފައިސާ
-
އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނުނެގޭނެ (މިސާލަކަށް ކަރަންޓް ހިދުމަތް ދިނުމަށް ސްޓެލްކޯ ނުވަތަ ފެނަކައަށް ދޫކޮށްފައިވާ ބިމުން ކުލި ނުނެގޭނެ)
އެނގުން މުހިންމު - އެ ބިލަށް ފާޑުކިޔުން ބޮޑުވުމުން ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހު ވިދާޅުވީ ލާމަރުކަޒީ ނިޒާމު 'އަލިފުން ޔާއަށް' އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ނިޒާމެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެ އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން ކުރުމަށް" ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ.
ކޮމެންޓް (1)
ލަސްވެއްޖެ