ރައީސް ބ. ދޮންފަނު ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ލާމަރުކަޒީ ނިޒާމު 'އަލިފުން ޔާއަށް' އެނގޭ؛ އެ ނިޒާމު ފުރިހަމައަށް ގަބޫލު ކުރަން: ރައީސް

ރައީސް ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު 'ޗެމްޕިއަން ކުރުމަށް' ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް

ލާމަރުކަޒީ ނިޒާމު 'އަލިފުން ޔާއަށް' އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ނިޒާމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ ރައްޔިތުންނާ ދެކޮޅަށް އަދި ކައުންސިލްތަކުގެ ބާރު ހަނިކުރަން ސަރުކާރުން ގެނައި އިސްލާހެއް ކަމަށް ދެކެވޭ ވާހަކަތަކަށް ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ރައްދު ދެއްވައި ރައީސް މިރޭ ވިދާޅުވީ އެ މަނިކުފާނަކީ ލާމަރުކަޒީ ނިޒާމު ހިންގުމުގައި އަމަލީ ގޮތުން އުޅުއްވި ބޭފުޅެއް ކަމަށެވެ.

ތަފްސީލް - ވެރިކަމަށް ވަޑައިގައިގަތުމުގެ ކުރިން މާލޭ މޭޔަރަކަށް ހުންނެވިއިރު، މާލޭގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ކަމަށް ލޭބަލް ކުރަމުންދާ ކަމަށާއި އެކަން އޮތީ އެހެން ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ.

"ކައުންސިލްތައް ހިންގަން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް. ރައްޔިތުން ބާރުވެރި ކުރާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުން މިދިޔަ ހަފްތާގައި ފާސްކުރި އިސްލާހުގައި ވެސް ހިމެނެނީ އެފަދަ ކަންތައްތައް ކަމަށް ވިދާޅުވެ ރައީސް ވަނީ އޭގެ ބައެއް ތަފްސީލުތައް ވެސް ހިއްސާކުރައްވައިފަ އެވެ.

"އެއް އިސްލާހަކީ މިހާރު ބައެއް ކައުންސިލުތަކުން އުފައްދާފައި އެބަހުރި ކައުންސިލްތަކަށް އުފެއްދޭނެ ކުންފުނި. ލޯކަލް އޮތޯރިޓީ ކޮމްޕެނީ. މި ކުންފުނިތަކުން އެބަ ހިންގާ އާންމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް،" ރައީސް ވިދާޅުވި އެވެ.

"އެހެން ހެދީމަ ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސް އެޅެނީ."

ގާނޫނަށް ގެނައި އެއް އިސްލާހަކީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ކައުންސިލްތަކަށް ނުހިންގޭނެ އިސްލާހެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

"10 މިލިއަން ރުފިޔާއަށް ވުރެ ބޮޑިއްޔާ ހަމަ ކޮންމެ ދާއިރާއަކުން ވެސް ލޯކަލް އޮތޯރިޓީ ކުންފުނިން އިންވެސްޓުކޮށްގެން ވިޔަފާރި ކުރަންވީ. ކޮށްގެން ހޯދާ ފައިދާ އިން ރައްޔިތުންނަށް ކަންތައް ކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށް، ރައްޔިތުން ބާރުވެރިކުރުމަށް ގެނައި އިސްލާހެއް ކަމަށެވެ.

ރައްޔިތުންނަށް އާންމު ހިދުމަތްދޭ ތަންތަނުން ނަގާ ކުލީގެ ސަބަބުން ހިދުމަތްތަކުގެ އަގު ބޮޑުވާ ކަމަށާއި ކަރަންޓާއި ފެން ފަދަ ހިދުމަތްދޭ ތަންތަނުން ކުލި ނުނެގޭ ގޮތަށް އިސްލާހު ގެނައީ އެފަދަ އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރުމަށް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ކައުންސިލްތަކުން އާމްދަނީ ހޯދި ނަމަވެސް ކައުންސިލްތަކުން ކުރާ ވިޔަފާރިން ޓެކްސް ނުދައްކާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ޓެކްސް ދައްކަން މަޖުބޫރުވާ ގޮތަށް މި ގެނައީ އިސްލާހެއް. އެއީ ވެސް އެ ޓެކްސް ނަގައިގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް. އަނެއްކާވެސް ރައްޔިތުން ބާރުވެރިކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާ އާންމު ނުކުރާ ކަމަށާއި އެއީ ޒިންމާދާރުކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މައުލޫމާތު އެލްޖީއޭއަށް ހުށަހަޅަން ޖެހޭ ގޮތަށް ހެދީ "ޗެކް އެންޑް ބެލެންސް" ގާއިމްކުރަން ކަމަށެވެ.

މީގެ އިތުރުން، އިންތިހާބާ ކައިރިކޮށް ބައެއް ކައުންސިލްތަކުން ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ރަށްރަށުގެ ބިންތައް ކުއްޔަށް ދެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެތައް ބަޔަކު ކޮންޓްރެކްޓަށް ވަޒީފާއަށް އެބަ ނަގާ ކުއްލިއަކަށް. ކުރީގައި ޕްލޭންކޮށްފައި ނެތް، ތަރައްގީގެ ޕްލޭނުގައި ނެތް ކަންތައްތަކެއް އެބަ ފަށާ ފައިސާތަކެއް ހަރަދު ކުރުމަށް. ގާނޫނުގައި ހުއްދަ ކަމެއް ނޫން ޒިންމާދާރުކޮށް ކައުންސިލްތައް ހިންގަންޏާ އެއީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ބައެއް ކައުންސިލްތަކުން އެކަން ކުރަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނީ ވެސް ޗެކް އެންޑް ބެލެންސް ނިޒާމެއް ގެނައުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މީގައި ކޮބައިތޯ ރައްޔިތުން ބާރުވެރި ކުރުވުން ނޫން ކަމެއް؟ ޗެކް އެންޑް ބެލެންސް ނިޒާމު ގެނައުން ނޫން ކަމެއް؟ ގުޑް ގަވަނަންސް ނޫން ކަމެއް؟ އަމިއްލަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރި ހިމާޔަތް ކުރުން ނޫން ކަމެއް؟،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމު "ޗެމްޕިއަން ކުރުމަށް" ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ.

"މި ނިޒާމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއް. އެހެންވީމާ އެ ނިޒާމުތައް އިތުރަށް ތަރައްގީ ކުރަން ގެންނަ އިސްލާހުތަކެއް މިއީ،" ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި - ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ނުކުރެއްވުމަށް ބ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ވެސް މިއަދު ވަނީ ރައީސް އަރިހުގައި އެދިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް

ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތް ހެދުމަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން

  • ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން

  • ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން

މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.

ބިލުގައި ކައުންސިލަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ފުޅާ ފުރުސަތު ވަނީ އިސްލާހުގައި ހަނިކޮށްފަ އެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެ މަސައްކަތަކީ އެލްޖީއޭން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން

  • އެއީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން

  • އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން

ބިލު ތަސްދީގުކުރުމާ އެކު، ތިން މަސް ތެރޭ އެ ތިން ޝަރުތު ހަމަ ނުވާ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި ދެން ހިމެނޭ އިސްލާހުތައް ކުރުކޮށް

  • ކައުންސިލްގެ ބޭންކް އެކައުންޓު ބަލަހައްޓަން ވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން؛ އެކައުންޓު ސްޓޭޓްމަންޓް ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތު ކައުންސިލުން ދޭން ވާނެ

  • ދައުލަތުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޔުޓިލިޓީ ބިލަކަށް ދަކަން ފައިސާއެއް އޮތް ނަމަ، އެ ފައިސާތައް އުނިކުރުމަށް ފަހު، ބާކީވާ އަދަދު؛ އެގޮތަށް އުނި ކުރާނީ ހަ މަސް ވަންދެން ނުދައްކާ ހުރި ފައިސާ

  • އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނުނެގޭނެ (މިސާލަކަށް ކަރަންޓް ހިދުމަތް ދިނުމަށް ސްޓެލްކޯ ނުވަތަ ފެނަކައަށް ދޫކޮށްފައިވާ ބިމުން ކުލި ނުނެގޭނެ)

މިދިޔަ ބުދަ ދުވަހު ފާސްކުރި އިސްލާހު ރައީސް އަދި ތަސްދީގެއް ނުކުރައްވަ އެވެ.

ކޮމެންޓް (1)

ހައްޕު

15 އޯގަސްޓު 2025
އަލިފުން ޔާއަށް އެނގުން އެއީ މައްސަލައެއް. އޭއިން ޒެޑަށް ނޭންގޭތީ ކަންކަން ގޯސްވަނީ................!!!!!!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް