އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަންރީނދޫ' ދުވުމުގެ ހަރަކާތުގެ ތެރެއިން: އެ ޕާޓީގެ އާދަޔާހިލާފު ކޮންގްރެސް އަންނަ އަހަރަށް ފަސްކޮށްފި- (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް ބާއްވަނީ
އަންނަ އަހަރުގެ އޭޕްރީލަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގައި، އިދިކޮޅު އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
ވީކިހިނެއް؟ - ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި އޮތީ މި މަހު 15ގައި އެ ޕާޓީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމަށެވެ. ނަމަވެސް ރޭ ބޭއްވި މަޖިލީހުން ވަނީ އެ ތާރީހު ފަސްކުރުމަށް ނިންމައިފަ އެވެ.
ތަފްސީލް - އެމްޑީޕީގެ ނިންމުންތައް ނިންމާ އެންމެ އިސް އެއް ގުނަން، ގައުމީ މަޖިލީހުން ރޭ ފާސްކުރީ:
-
ޕާޓީގެ މުޅި ފޯކަސް މި ވަގުތު އަންނަ އަހަރު އޭޕްރީލްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތަށް ބެހެއްޓުމަށް
-
އެހެންވެ ކައުންސިލްތަކުގެ އިންތިހާބަށް ފަހުގައި، އަންނަ އަހަރުގެ މެދު ތެރޭގައި އެ ޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމަށް
ފާހަގަކޮށްލެވޭ - ކައުންސިލްތަކުގެ އިންތިހާބަށްފަހު ކޮންގްރެސް ބޭއްވުމަށް މި ނިންމީ، އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޓިކެޓަށް ފެކްޝަންތަކުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. އެ ގޮތުން:
-
އެންމެ ބޮޑު ވާދަވެރިކަމެއް ފެންނަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާ ދެމެދު
-
ރައީސް ސޯލިހުގެ ސަޕޯޓަރުން ވަނީ މީގެ ކުރިން ވަކިން ބައްދަލުވުންތަކެއް ބާއްވައި، ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރާނެ ގޮތުގެ މަޝްވަރާތަކެއް ކޮށްފައި
-
މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހުއާ ހިޔާލުތަފާތުވެގެން އެމްޑީޕީން ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެން ފައްޔާޒުއާ އެކު ދަނީ މަސައްކަތްތަކެއް ކުރައްވަމުން
-
ރިޔާސީ އިންތިހާބުގައި ނަޝީދު ވެސް ވާދަކުރެއްވުމާ މެދު އެމްޑީޕީގެ ބައެއް އިސް މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މަސައްކަތްކުރައްވާފައިވޭ
-
އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ގެންދަވަނީ ރިޔާސީ ޓިކެޓަށް ކެމްޕެއިން ކުރައްވަމުން
ކިޔާލަން
އެނގުން މުހިންމު - އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވަން މަސައްކަތްކުރަނީ ވެސް އެ ޕާޓީގެ ލީޑާޝިޕް އެކުލެވިގެންވާ ގޮތަށް ގިނަ ބަދަލުތަކެއް ގެނައުމަށެވެ. މީގެ ކުރިން ފައްޔާޒުގެ ފަރާތްޕުޅުން ހުށަހަޅުއްވާނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވާ ކަންކަމަކީ:
-
ޕާޓީ ހިންގުމުގެ އިސް ދައުރު އޮންނަ ޗެއާޕާސަން އާއި ރައީސްގެ މަގާމު އެއްކޮށްލައި، ދެން އުފެދޭ އާ މަގާމަކީ ފުލް ޓައިމް މަގާމަކަށް ބަދަލުކުރުން
-
ޗެއާޕާސަންގެ ދައުރުގެ ތެރެއިން އަންނަ ރިޔާސީ ޕްރައިމަރީއަކަށް ޗެއާޕާސަންގެ މަގާމު ފުރާ މީހަކަށް ކުރިމައްޗެއް ނުލެވޭނެ
-
އެމްޑީޕީގެ ސަރުކާރު އޮންނަ ދުވަސްވަރު ކެބިނެޓް، ސަރުކާރު ކުންފުނިތައް އަދި އެހެން މަގާމުތަކަށް ވެސް ނުދެވޭނެ
-
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެސް ނުވެވޭނެ