އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ - (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީން ހުށައަޅާ އާ އިސްލާހުގައި ޗެއާޕާސަންއަށް އެހެން މަގާމެއް އަދައެއްނުކުރެވޭނެ

އޮގަސްޓް މަހު އޮންނަ ކޮންގްރެސްއަށް ހުށައަޅާ އިސްލާހުގައި ޕާޓީގެ ރައީސްގެ މަގާމު އުވާލާނެ. އާ ޗެއާޕާސަންއަށް ޕާޓީގެ ޕްރައިމަރީތަކުގައި ވެސް ވާދައެއް ނުކުރެވޭނެ

އެމްޑީޕީ ހިންގުމުގެ އެންމެ އިސް ދައުރު އޮންނަ ދެ މަގާމު ކަމަށްވާ ޗެއާޕާސަން އާއި ރައީސްގެ މަގާމު އެއްކޮށްލައި، އެ މަގާމު ފުރާ މީހަކީ ހަމައެކަނި އެމްޑީޕީ ހިންގަން ހުސްވެ ހުންނަން ޖެހޭ މީހަކަށް ވާން ޖެހޭ ގޮތަށް ހުށަހަޅަން ޕާޓީގެ ލީޑަޝީޕުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އޮގަސްޓް މަހު އެމްޑީޕީން ބާއްވާ އާދަޔާހިލާފު ކޮންގްރެސްއަށް އެމްޑީޕީގެ ލީޑަޝިޕުުން ހުށަހަޅާ ކަންކަން ޕާޓީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތަފްސީލްކޮށްދެއްވީ އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ރޭ 'ސަންގުޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލް - އެމްޑީޕީގެ ހިންގުން ވަރުގަދަ ކުރަން ފައްޔާޒު އިސްވެ ހުންނަވައި އެކުލަވާލި 'ރޯޑު މެޕް'ގައި ހިމަނާފައިވާ ބަދަލުތައް ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ޕާޓީ ހިންގުމުގެ އިސް ދައުރު އޮންނަ ޗެއާޕާސަން އާއި ރައީސްގެ މަގާމު އެއްކޮށްލުމެވެ. ދެން އެ އުފެދޭ ޗެއާޕާސަންގެ މަގާމު ފުލް ޓައިމް މަގާމަކަށް ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގޮތުން:

  • ޗެއާޕާސަންގެ ދައުރުގެ ތެރެއިން އަންނަ ރިޔާސީ ޕްރައިމަރީއަކަށް ޗެއާޕާސަންގެ މަގާމު ފުރާ މީހަކަށް ކުރިމައްޗެއް ނުލެވޭނެ

  • އެމްޑީޕީގެ ސަރުކާރު އޮންނަ ދުވަސްވަރު ކެބިނެޓް، ސަރުކާރު ކުންފުނިތައް އަދި އެހެން މަގާމުތަކަށް ވެސް ނުދެވޭނެ

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެސް ނުވެވޭނެ

ބުނީ ކީކޭ؟ - "އެމްޑީޕީގައި ދެން އިސް މަގާމުގެ ގޮތުގައި މި އުފެދޭ މަގާމު ވެގެން ދާނީ ހަމަ ފުލް ޓައިމް، އޭނާއަށް މުސާރައެއް ވެސް ކަނޑައެޅިފައި އޮންނަ، ޕާޓީ ސަރުކާރުގައި އޮންނަ އިރު ޕާޓީ އާއި ސަރުކާރު ވެސް ގުޅުވައިދޭން ހުންނަ މީހަކަށް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީން ސަރުކާރު ހިންގާ ކޮންމެ ފަހަރަކު ވެސް ޕާޓީގައި ތިބި ވަރުގަދަ ހުރިހާ މީހުން ސަރުކާރުގެ މަގާމުތަކަށް ދާތީ ޕާޓީގެ ހިންގުން ވަރަށް ބޮޑަށް ހީނަރުވެ އެވެ.

އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް އެކަން ތަޖުރިބާކުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ރޯޑްމެޕް ރަސްމީކޮށް ހާމަނުކުރި ނަމަވެސް ރަށްރަށަށް ގޮސް ރަށްރަށުގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންނާ ހިއްސާކޮށް އެ ކަމަށް އޮތް ހިޔާލުތައް އެއްކުރަމުން އައީ. އެ ކަމަށް ވަރަށް ބޮޑު ތަރުހީބެއް އެބަ އޮތް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗެއާޕާސަންގެ މަގާމު އަދާކުރާ ދައުރު ހަމަނުވަނީސް ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ނުލެވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އޭރަށް މި ވެދާނެ، ހުސްވެގެން ހުރެ ޕާޓީ ރަނގަޅަށް ހިންގާލައި ޕާޓީގެ ރައްޔިތުންނަށް ވެސް އެ މީހެއްގެ ހުރި ފެންވަރު ދައްކާލައި، ދައުރު ނިމިގެން ދެން އަންނަ ރިޔާސީ ޕްރައިމަރީއަކަށް ނުކުންނަން އުފެދޭ ޕްލެޓްފޯމަކަށް ވެސް،" ފައްޔާޒުގެ ވިސްނުން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ނާޝީދާއި ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ނަޝީދު (މ)، ޗެއާޕާސަން ފައްޔާޒު (ވ)، ޕާޓީގެ ރައީސް ޝާހިދު - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބުވި އިރު އޭނާއަކީ އޭރުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރެވެ.

މިހާރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފައްޔާޒު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ. ޝާހިދު އާއި ކުރީގެ ރައީސް ސޯލިހު ވެސް ގެންދަވަނީ ރިޔާސީ ޕްރައިމަރީއަށް ޕާޓީގެ އެތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ. އެކަމަކު ދެ ބޭފުޅުން މި ވާހަކަ އާންމުކޮށް އަދި ވިދާޅެއް ނުވެ އެވެ.

މި ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެ އަހަރުގެ މުއްދަތަކަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ދެކޭ ގޮތެއް ހޯދަން އެމްޑީޕީގެ މެންބަރުންތަކަކަށް މެސެޖެއް ވެސް ފޮނުއްވާފައި ވަނިކޮށެވެ.

ކޮމެންޓް (1)

ސިކުނޑި

28 ޖޫން 2025
މިފަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ހައްގުވެރިއަކީ ޢަބްދުﷲ ޝާހިދު! ޑިމޮކްރަސީ ހަމަމަގަށް އެޅެންދެން ދިވެހީން އަބަދުވެސް އިސްކަންދޭނީ އާ މީހަކަށް! އެހެންކަމުން، ހުރިހާ ގޮތަކުން ބެލިޔަސް އެއަށްވުރެ ވަކި ގާބިލު މީހަކު އެމްޑީޕީގައިނެތް! އެމްޑީޕީގެ އާންމު މެންބަރުންވެސް ގަބޫލު ކުރައްވާނެފަދައިން އެޕާޓީ ނެގެހެއްޓުމުގައި އިސް ދައުރެއް އަދާ ކުރީވެސް ޝާހިދެވެ. އިޚްލާސްތެރި ކަމެއް ހުރިއްޔާ މިފަހަރު ޓިކެޓް ދޭނީ ޝާހިދަށް!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް