މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަބްދުﷲ ޝާހިދު

އަދިވެސް މިހުރީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރާ ގޮތަށް: ފައްޔާޒު

ޗެއާޕާސަން މަގާމުގައި ހުންނަވައިގެން ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމުން ޕާޓީ ހިންގުމަށް ގޮންޖެހުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި

ސިޔާސީ މަޝްރަހަށް ބައެއް ބަދަލުތައް އައި ނަމަވެސް، އަދިވެސް މި ހުންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ގޮތަށް ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފައްޔާޒު ރިޔާސީ ރޭހަށް ނުކުމެ ހުންނެވިކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު 23ގައި އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ. އޭގެ ފަހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.

މިއައި ބަދަލުތަކާއެކު، އަދިވެސް ފައްޔާޒު ގަސްތުކުރައްވަނީ ޕްރައިމަރީގައި ވާދަކުރައްވަންތޯ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އަދި އެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށެވެ.

ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވިކަން ފައްޔާޒު މިދިޔަ އަހަރު އިއުލާން ކުރުން:

ބުނީ ކީކޭ؟ - "ތިޔަ ވިދާޅުވާ އިއުލާން ކުރުމަކީ، އަޅުގަނޑުމެންގެ ގައުމީ މަޖިލިސް ގްރޫޕުގައި ހިއްސާކޮށްލި ހިޔާލެއް. އެގޮތުގައި އަދިވެސް މިހުރީ،" ފައްޔާޒު ވިދާޅުވި އެވެ.

ތަފްސީލު - އެގޮތުގައި އަދިވެސް ހުރިނަމަ، އެމްޑީޕީގެ 2028ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ އެހުމުން ފައްޔާޒު ވިދާޅުވީ، "ﷲގެ އިރާދަފުޅުން ދުނިޔޭގައި ހުރިއްޔާ ވާދަ ކުރާނަން" ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޕާޓީ ހިންގުމުގެ އެންމެ އިސް މީހަކީ ޗެއާޕާސަން އެވެ. އެ މަގާމުގައި ހުންނަވައިގެން ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އިއުލާން ކުރުމުން އެއީ ޕާޓީގެ ހިންގުމަށް ކުރިމަތިވެދާނެ ގޮންޖެހުމެއްތޯ ނުވަތަ ޕާޓީގެ ލީޑާޝިޕްގައި ދެން ތިއްބެވި ބޭފުޅުންނާ މައްސަލަތަކެއް ނުޖެހޭނެތޯ އެހުމުން އެ ސުވާލަށް ފުރަތަމަ ޖަވާބު ދެއްވީ، ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއާ އެކު އިންނެވި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ.

ޝާހިދުގެ ވާހަކައިގައި ފައްޔާޒުގެ ދިފާއުގައި ވިދާޅުވި، އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި އަދި އަލަށް ވީ ކަމެއް ވެސް ނޫން ކަމަށެވެ.  ގަވައިދާ ހިލާފަށް ކަމެއް ހިނގާނަމަ، އެކަން މެންބަރުންނަށް ހުއްޓުވޭނެ ކަމަށް ވިދާޅުވި އެވެ. 

"އެމީހަކު އެ ހުންނަ މަގާމުގެ ގޮތުން ކަންކަމަށް ވާދަ ނުކުރެވޭ ހާލަތެއް ނާންނާނެ. އަދި ވާދަ ކުރައްވަން ގަސްތު ކުރާ ހިސާބުން އެ މަގާމުން ވަކިވާން ޖެހޭނެ އުސޫލެއް އަޅުގަނޑުމެންގެ ޕާޓީގައި ނޯވޭ،" ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުންނެވި ނަމަވެސް އަދި އެކަން ރަސްމީކޮށް އިއުލާން ނުކުރައްވާ ހުންނެވި ޝާހިދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ޗެއާޕާސަން މަގާމުގައި ހުންނަވައިގެން ރިޔާސީ ރޭހަށް ނުކުތުމުން ޕާޓީ ހިންގުމަށް ގޮންޖެހުމެއް ނެތް ކަމަށެވެ.

"ދެން އަޅުގަނޑު އެކަނި ކަންނޭނގެ ހާމަކަން ބޮޑު ގޮތެއްގައި އިއުލާންކޮށްގެން މިއުޅެނީ،" ނުސީދާ ގޮތެއްގައި ރިޔާސީ ޓިކެޓަށް ރަސްމީކޮށް އިއުލާނުނުކޮށް، އެއަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް ރައްދެއް ދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.

ޝާހިދު އަދިވެސް ވިދާޅުވަނީ، ފޯކަސް ހުރީ ކައުންސިލް އިންތިހާބަށް ކަމަށް

ފަޔާޒުއާ އެކު ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވި ޝާހިދަކީ ވެސް އެމްޑީޕީ އެތެރެއިން ލިބޭ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި ބޭފުޅެކެވެެ. އެކަމަށް އޭނާ ކެމްޕެއިން ކުރައްވާ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއަށް އޭނާ ސީދާ ޖަވާބެއް ނުދެވެ އެވެ.

"ޗެއާޕާސަން ވެސް އަޅުގަނޑު ވެސް ގަސްތެއް ނުކުރަން، އަޅުގަނޑުމެންގެ ޕާޓީގެ ކުރިމަގުގައި ހުރި ބައެއް އިންތިހާބުތަކުގެ ޝައުގުވެރިކަން ހުރެދާނެ ކަމަށްވާތީ، މިއަދު އަޅުގަނޑުމެން މި ތިބި މަގާމުތަކުގެ ވާޖިބުތައް އަދާނުކޮށް، ފިލާ ތިބެން،" ރަށްތަކަށް ދަތުރުކޮށް ކުރަމުންދާ މަސައްކަތަކީ، މިހާރު ތިބި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، ޝާހިދު ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ ދެވަނަ ފަހަރަށް އެހުމުން އޭނާ ތަކުރާރު ކުރެއްވީ މިދިޔަ އަހަރު ފަހުކޮޅު އެކަމާ ގުޅޭ ގޮތުން ދެއްކި ވާހަކަ އެވެ. އެއީ، އޭނާގެ ފޯކަސް ހުރީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ.

"އަޅުގަނޑުގެ ފޯކަސްއަކީ 2026ގެ ކައުންސިލް އިންތިހާބު. އެމްޑީޕީން އިއުލާން ކުރާނެ ޕްރައިމަރީއަށް، ކުރީމަ ނޫންތޯ އެހިސާބުން ނޫންތޯ އެކަމާ ގުޅޭ ގޮތުން މީހުން އެއްޗެހި ބުނެ އުޅެނީ،" ޝާހިދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް