އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/ އަޒްމީ އަހުމަދު)

އަބްދުﷲ ޝާހިދު

2028ގެ ރިޔާސީ އިންތިހާބު މާ ދުރު؛ އަމާޒަކީ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ހޯދައިދިނުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އަމާޒުކުރަންވީ ފުރަތަމަ އަންނަ އިންތިހާބަށް ކަމަށް؛ އެހެންވެ 2028ގެ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އޭނާ ވިދާޅުވި
24 ނޮވެމްބަރު 2024

މިވަގުތު އަމާޒަކީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބު ކުރުން ކަމަށާއި 2028ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކަންތައްތައް ކުރައްވާނެ ގޮތް އަދި ނުނިންމަވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ މި ފަހުން ބޭއްވި ދެ އިންތިހާބު ވެސް އެމްޑީޕީއަށް ނާކާމިޔާބުވެފައި ވާއިރު، ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުން މުހިންމު ކަމަށެވެ.

ބުނީ ކީކޭ؟ - މިވަގުތު އެންމެ ބޮޑަށް އަމާޒުކުރައްވަނީ މި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށް ވިދާޅުވެ، ޝާހިދު ވަނީ އޭގެ އިތުރުން ކުރިއަށް އޮތް ކައުންސިލް ކާމިޔާބު ކުރުން އެމްޑީޕީއަށް މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަ ހުުރިތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ ކަމަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ އެ އިންތިހާބަށް ފޯކަސްކުރަން އަދި އަވަސް ކަމަށެވެ.

"މިވަގުތަކީ އަޅުގަނޑުމެން އެތެރޭގެ، 2028ގައި އޮންނަ ކަމެއްގައި އަޅުގަނޑުގެ އަމާޒު ހިފައިގެން ކަމެއް ކުރާނެ ދަނޑިވަޅެއް ނޫން. އަޅުގަނޑުގެ މުޅި މިސްރާބު ހުންނާނީ 2026ގައި މުޅި ރާއްޖެ ލޯކަލް ކައުންސިލް އިންތިހާބުގައި ރީނދޫކޮށްލުން،" މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ، އެއްވެސް ހާލެއްގައި އަޅުގަނޑު ގަސްތެއް ނުކުރަން 2028ގައި އޮންނަ ކަމެއްގައި އަޅުގަނޑު ހުންނާނީ ކޮން ތަނެއްގައިތޯ މިއަދު ނިންމާކަަަށް."

ޝާހިދު ވިދާޅުވީ ސިޔާސީ ކަންކަމުގައި 24 ގަޑިއިރަކީ ވެސް ވަރަށް ދިގު މުއްދަތެއް ކަމަށެވެ.

"އަޅުގަނޑު މިދަންނަވާހާ ވެސް ވާހަކައަކީ މިވަގުތަކީ އަޅުގަނޑުމެން ޕާޓީގައި ހަމަ ގައިމު ވެސް އަޅުގަނޑު 2028ގައި ހުންނާނެ ތަން ނިންމުމަށް ވުރެ، 2026ގައި އަޅުގަނޑުމެންގެ ރަށްރަށުގައި، އަޅުގަނޑުމެންގެ އަތޮޅުތަކުގައި، އަޅުގަނޑުމެންގެ ސިޓީތަކުގައި އެމްޑީޕީގެ ކާމިޔާބީ އޮންނާނީ ކިހާ ވަރަކަށްތޯ، ކޮން ގޮތަކަށް މަސައްކަތްކޮށްގެންތޯ، އެ އަމާޒަށް މަސައްކަތްކުރާ ދަނޑިވަޅެއް،" އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން އެހެން ދިމާލެއްގައި މާ ފަހުން އޮތް އިންތިހާބެއްގެ ވާހަކަ ދައްކަން ހަދައިގެން އަޅުގަނޑުމެންގެ އަމާޒު ކައްސާލައިގެން ގޮސް ލަނޑު ލިބޭ ތަން އެބަހުރި. ޕްރައިމަރީގެ ވާހަކަ އަންނާނެ ޕާޓީގެ އަސާސީ ގަވާއިދުގެ މަތިން ޕްރައިމަރީ އިއުލާނުކުރާ ހިސާބުން. އެހެން ނޫނީ ވާނެ ގޮތަކީ އަޅުގަނޑުމެންނަށް މީގެ ކުރިން ވެސް ދެ އިންތިހާބެއް ގެއްލިއްޖެ. އަޅުގަނޑުމެންނަށް ވާ ގޮތަކީ މާ ދުރުގައި އޮންނަ ކަމަކަށް މަސްއޫލުވެވިގެން ގޮސް، ހަގީގަތުގައި އަޅަންވީ ފިޔަވަޅު އޮޅެނީ. އެހެންވިޔަ ނުދޭންވީ. އަޅުގަނޑު ހަމަ ގައިމު ވެސް އަމަލު ކުރާނީ އެހެން."

ހުޅުމާލޭގެ ކެފޭއެއްގައި ޝާހިދު އާންމު ރައްޔިތުންނާ އެކު މިއަދު ހަވީރު ސައިގައި ބައިވެރިވެވަޑައިގަންނަވަނީ.

ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންގެ އުންމީދު މިހާރު ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށާއި ރާއްޖެ ހަމަ މަގަށް އެޅުވޭނީ އެ ޕާޓީއަށް ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

އެނގުން މުހިންމު - ޝާހިދު މިހެން ވިދާޅުވިޔަސް، މިއަދު ވެސް ހުޅުމާލޭގައި ވަނީ ބައެއް އާންމުންނާ އެކު ހަވީރު ސައެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް 2028ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި ފައްޔާޒު ވަނީ އެކަން އިއްޔެ އިއުލާނު ވެސް ކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް