އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ އަޒްމީ އަހުމަދު)
ފައްޔާޒާއި ޝާހިދާ ދެމެދުގެ ނުތަނަވަސް ކަމެއް؛ މައްސަލައަކީ ރިޔާސީ ޓިކެޓުގެ ވާދަ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާ ދެމެދު އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެ ޕާޓީގެ ތެރޭގައި ނުތަނަވަސްކަމެއް އުފެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ފައްޔާޒާއި ޝާހިދާ ދެމެދު ރިޔާސީ ޓިކެޓުގެ ވާދަވެރިކަމެއް އުފެދިފައިވާ ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައިވީ ނަމަވެސް އެކަން ތިލަވީ މާލޭ މާރުކޭޓް ސަރަހައްދަށް ފައްޔާޒު މިއަދު ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ޝަކުވާތައް އަޑުއެއްސެވި ކަމަށް ބުނެ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކައުންޓުންތަކުން ފޮޓޯތަކެއް އާންމު ކުރުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ޝާހިދު އެކަމާ ހިތްހަމަ ނުޖެހި ޝުއޫރު ފާޅުކުރެއްވުމުންނެވެ.
ތަފްސީލް - ވަޓްސްއެޕް ގްރޫޕަށް ޝާހިދާ މެސެޖް ކުރެއްވީ އެވަރުގެ ހަރަކާތެއް ހިންގިއިރު ޕާޓީގެ ރައީސްއަށް އޭނާވާއިރު އެކަން އޭނާއާ އެއްވެސް މިންވަރަކަށް ހިއްސާކޮށްފައި ނުވާތީ އެވެ. ޝާހިދު ސުވާލު އުފެއްދެވީ ޕާޓީގެ އިސް މީހުންގެ ތެރޭގައި މިހާރު ޕާޓީގެ ރައީސް ނުހިމެނެނީތޯ އެވެ.
"ޕާޓީގެ އިސް މީހުންގެ ތެރޭގައި ޕާޓީގެ ރައީސް ނުހިމެނޭތޯ މިހާރު ޕާޓީގެ މި ހަރަކާތްތައް ޕާޓީގެ ރައީސްއަށް ނާންގާ ހިންގަނީ؟،" ޝާހިދު އެ ގްރޫޕުގައި ސުވާލު ކުރެއްވި އެވެ.
އެއާ އެކު، ގައުމީ މަޖިލީހުގެ އެއް ބޭފުޅަކު ވަނީ ފައްޔާޒު ހަރަކާތް ހިންގެވީ ހުއްދަ ނުހޯދާތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ. އަދި އަނެއް ބޭފުޅަކު ވަނީ ޕާޓީގެ ޗެއާޕާސަން ހިންގަވާ ހަރަކާތްތައް ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ޓްވީޓް ކުރެވޭނޭ ކަމަށް ވިދާޅުވެ އެކަން ދިފާއުކޮށްފަ އެވެ.
އެ ބަހުސްތަކަށް ފަހު ފައްޔާޒު ވެސް ވަނީ ޝާހިދުގެ އެ މެސެޖަށް ރައްދު ދެއްވައިފަ އެވެ. ޖެއްސުމުގެ ރާގަކަށް ކުރެއްވި މެސެޖުގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ ޓްވިޓާ ހޭންޑުލް ނުވަތަ އެކްސް ހޭންޑުލް އުވާލަންވީ ކަމަށެވެ.
"ކުޑަކުދިން މާ ގިނައީ،" ޝާހިދަށް އިޝާރާތް ކުރައްވައި ފައްޔާޒު ލިޔުއްވި އެވެ.
އެއަފަހު ދެން ފައްޔާޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ 2028ގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން އޭނާ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށެވެ. އަދި މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެއާ އެކު ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފައްޔާޒަށް ތާއީދު އޮތްކަން ހާމަކުރައްވައިފަ އެވެ.
'މިއީ ދުރާލާ ރޭވިގެން ހިންގި ރަސްމީ ހަރަކާތެއް ނޫން'
އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) 'ދައުރު'އަށް ވިދާޅުވީ:
-
އެ ހަރަކާތަތަކީ، ދުރާލާ ރާވައިގެން ޕާޓީން އިމްތިޒާމް ކުރި ރަސްމީ ހަރަކާތެއް ނޫން
-
ސޯލްޓް ކެފޭގައި ކޮފީއެއްގައި ތިއްބާ އެތަނަށް އައި މަސްވެރިޔަކު އެދުނީ، އޭނާގެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެތަނުގައި ތިބި މަސްވެރިންގެ ޝަކުވާތައް އަޑުއަހާލަން
-
މަސްވެރިންގެ ޝަކުވާތައް އަޑުއެހުމަށްފަހު، މާރެކޭޓް ހޮޓަލަށް ދިޔައީވެސް އެ ދޯނީގެ ކައްޕިގެ ދައުވަތަކަށް
"އެއްވެސް ހާލެއްގައި މިއީ ޕާޓީން އިމްތިޒާމް ކުރި ހަރަކާތެއް ނޫން. އެ މަސްވެރިޔާގެ އެދުމަށް ވަރަށް ކުއްލިއަކަށް ރޭވުނު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޝާހިދަކީ ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އޮތް ބޭފުޅެކެވެ. ނަމަވެސް އެކަން އޭނާ ރަސްމީކޮށް އަދި މިހާތަނަށް އިއުލާން ކުރައްވާފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ - މިފަހުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ވަކި ގޮތެއް ނުނިންމަވާ ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގެ އެ މަނިކުފާނުގެ ވިސްނުން އަދި ހާމަނުކުރައްވަނީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިދާނެތީ ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތައް ބައެއް ބޭފުޅުން ތަރުޖަމާ ކުރައްވަނީ ކުރީގެ ރައީސް ސޯލިހު ވެސް އަދިވެސް ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވަނީ ކަމަށެވެ.
ކޮމެންޓް (1)
ކޮސް