ރޭ ނަޝީދާއި ފައްޔާޒުގެ ޓީމުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކައުންސިލް އިންތިހާބަށް ނަޝީދާއި ފައްޔާޒު އެކުގައި ނުކުމެއްޖެ

ނަޝީދާއި ފައްޔާޒު އިސްވެ ތިއްބަވައި ރޭ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ އެހެން ފެކްޝަންތަކުގެ ބޭފުޅުން ބައިވެރިއެއް ނުވޭ

އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކުގައި ނުކުމެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަސް ތެރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަޝީދު އާއި ފައްޔާޒު އެކުގައި ކެމްޕެއިނަށް ނުކުމެވަޑައިގެންފައިވަނީ އެ ޕާޓީ ތެރޭގައި އެކިއެކި ފެކްޝަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. 

ކައުންސިލް އިންތިހާބަށް ނަޝީދާއި ފައްޔާޒު ވަކިން ޓީމެއްގެ ގޮތުގައި ރޭ ފުރަތަމަ ހަރަކާތް ވަނީ ބާއްވާފަ އެވެ. މި ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެ ޕާޓީގެ ބޭފުޅުން ބައިވެރިވެފައެއް ނުވެ އެވެ.

ތަފްސީލު - މާލޭގައި ހުންނަ އޯޓީޕީ ރެސްޓޯރެންޓުގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި:

  • އެ ބައްދަލުވުމަކީ 'ފައްޔާޒުގެ ޓީމުން' ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް

  • ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ހަރަކާތްތައް ރާވާނެ ގޮތް ތަރުތީބުކުރުމަށްޓަކައި މަޝްވަރާ ކުރި

"ގައުމާއި ޕާޓީ އާއި އަޅުގަނޑުމެންގެ މުޖްތަމައު ހޯދުމަށް، އެންމެން އެކުގައި އެކައްޗެއް ކިޔައިގެން ކުރިއަށް ގޮސްގެން ނޫނީ ވާކަށް ނެތް،" ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ރޭގެ ބައްދަލުވުމުގެ ކުޑަ ވީޑީއޯ ކޮޅުގައި ފައްޔާޒު ވިދާޅުވާ އަޑު އިވެ އެވެ.

އެ ވީޑިއޯ ހިއްސާކުރަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްގެ ރައީސްކަން ކުރެއްވި ހަސަން ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނީ ރައްޔިތުންނަށް ފައިދާ ކުރާނެ ސިޔާސަތުތަކާއި އަޑާއި ކުލަ އާއި ޖޯޝުން ފުރިފައިވާ އަދި ހިސާބު ޖަހާފައިވާ ކެމްޕެއިންތަކަކުން ކަމަށެވެ. އަދި އެއީ ނަޝީދު ވެސް ވިދާޅުވާ ގޮތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ފެނުނީ ޗެއާޕާސަން ފައްޔާޒު ހުންގާނުގައި ހުންނަވައިގެން އެ މަސައްކަތް ވަރަށް ރަނގަޅަށް ފައްޓަވާފައިވާ މަންޒަރު،" މިދިޔަ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވި އެވެ.

ގުޅުން ހުރި - މިދިޔަ މަހު 23ގައި ނަޝިދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރަށް ކައުންސިލް އިންތިހާބުގައި ނެގޭނީ %20 އެވެ.

ކޮމެންޓް (1)

ދޮވެމި ކަލަމިންޖާ

23 ޖުލައި 2025
ރައީސް ނަޝީދާއި އެކު އެމްޑީޕީއަށް ވާނެ އެއްވެސް މޮޅެއް ނޯންނާނެ! އެމް.ޑީ.ޕީހެ ޢާއްމު މެންބަރުން ތިބީ ފުރަސްޓުރޭޓަޑް ވެފައި. ފުރަތަމަ މިސްޓޭކަކީ ނަޝީދު އަނބުރާ އެމް.ޑީ.ޕީއަށް އައުމަށް އެއްބަސް ކިޔުން. ދެވަނަ މިސްޓޭކަކީ އެކުގައި ކައުންސިލު އިންތިހާބަށް ނިކުތުން. ކައުންސިލު އިންތިހާބުން އެމްޑީޕީ ހާސިލުކުރަން ބޭނުންވާ ހަމައެކަނި ނަތީޖާއަކީ ސަރުކާރަށް މެސެޖެއް ދިނުން. އޭރުން ރައީސަށް މެސެޖު ލިބި ދެންއަންނަ އިންތިޚާބަށް ތައްޔާރުވާން ފަސޭހަވާނެ. ރައްޔިތުންނަށް އިނގޭ ޕީއެންސީއަށް އިންތިހާބުދީ ކުރިޔަށް ދައުރު ނިންމާލުމުގައި މައިސަރުކާރާއި އެކު މަސައްކަތްކުރަން ފަސޭހަވާނެކަން. ރައްޔިތުން ވޯޓުދޭނީ ޕީއެންސީއަށް. އޭގެ މާނައަކީ ސަރުކާރަށް ރުހެނީކީއެއް ނޫން. އެހެންނަމަވެސް ކަންކަން ކުރަން ފަސޭހައަކަށް. އަނެއްކާ ދައުރު ބަދަލުވީމާ ރައްޔިތުންވެސް ބަދަލުވާނެ. ޖަވާބުދާރީ ކުރުވާ މަންޒަރެއް ދެޕާޓީއަކުންވެސް ނުދެއްކުނު. މުޅިންވެސް ޖެއްސުމާއި ފުރައްސާރަ. ރައްޔިތުން ސިސްޓަމް ދަސްކޮށްފި
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް