ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން ފެއްޓެވުމުގެ ކުރިން އެ މަނިކުފާނު އަތް ޖައްސަަވަނީ (ފޮޓޯ/ އެމްޑީޕީ)

ރައީސް މުއިއްޒަށް ކައުންސިލް އިންތިހާބުގައި ލިބިވަޑައިގަންނަވާނީ %20: ނަޝީދު

"ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހިންނަށް އަޅުގަނޑުމެން ހޯދަައިދޭން ޖެހިއްޖެ" ކަމަށް ނަޝީދު މިރޭ ވިދާޅުވި

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ %20 ކަމަށް ސިޔާސީ ކަންކަމުގައި ދުރުގައި ހުންނެވުމަށް ފަހު މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 21 ޖުލައި 2023ގައި އެމްޑީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކްގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ މި ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބި، އެމްޑީޕީއަށް %80 ގޮނޑިތައް ލިބޭނެ އެވެ.

ބުނީ ކީކޭ؟ - "މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން [އެމްޑީޕީީއިން] ނަގާނީ ބޮޑުކޮށް، ބޮޑުކޮށް، ބޮޑުކޮށް. އަޅުގަނޑު މިރޭ މިހެން ދެންނެވީމަ ރައީސް މުއިއްޒު ހިސާބު ޖައްސަވާތި. މަނިކުފާނަށް %20،" ވަރަށް ފޯރިއާ އެކު ދެ އަހަރުދުވަހަށް ފަހު އަލުން އެމްޑީޕީގެ ޕޯޑިއަމްއަށް ރީނދޫ ޓައިއަކާ އެކު އެނބުރި ވަޑައިގެން ވާހަކަފުޅުދެއްވި ނަޝީދު ވިދާޅުވި އެވެ.

"މާލެ ސިޓީ ކައުންސިލަށް ވިޔަސް، އައްޑޫ ސިޓީ ކައުންސިލަށް ވިޔަސް، ކުޅުދުއްފުށި، ތިނަދޫ، ފުވަމުއްލަކު ސިޓީ ކައުންސިލަށް ވިޔަސް އަދި ތުރާކުނުން އައްޑުއާ ހަމައަށް މި އޮތް ހުރިހާ ރަށެއް، 194 ރަށުގެ ރަށު ކައުންސިލް އަޅުގަނޑުމެން ނަގަން ޖެހިއްޖެ. އެމްޑީޕީން އެ ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހިއްޖެ."

މިރޭ އޮތް ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ އެމްޑީޕީ)

އެއާ އެކު، ދެން ނަޝީދު ވިދާޅުވީ "ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހިންނަށް އަޅުގަނޑުމެން ހޯދަައިދޭން ޖެހިއްޖެ" ކަމަށެވެ. އެގޮތުން، ނަޝީދު ވިދާޅުވީ:

ނިމިދިޔަ ރިޔާސީ އިންތިހާބުގައި 'ދިވެހިންގެ ރާއްޖެ' ސްލޯގަންގެ ދަށުން ކެމްޕެއިން ކުރެއްވި ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވި އެއް ސަބަބަކީ ނަޝީދެވެ.

ނަޝީދު (މ) އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިރޭ ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ އަރިހުގައި ޕާޓީގެ ރައީސް ޝާހިދު (ކ2) އަދި ޗެއާޕާސަން ފައްޔާޒު އިސްމާއީލް (ފޮޓޯ/ އެމްޑީޕީ)

މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ނަޝީދު ވިދާޅުވީ "އިންތިހާއަށް އުފާ"ވެވަޑައިގަންނަވާ ކަމަށެވެ.

"އަލުން އަނބުރާ ގެއަށް އައިމާ އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ. ތިބޭފުޅުންނަށް ވަރަށް، ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ގައުމީ މަޖިލީހުގެ މެންބަރުންނަށް ޝުކުރު ދަންނަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަ ކުރެއްވީ އެމްޑީޕީއަށްޓަކަ އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ މި ޕާޓީއަށް ކާމިޔާބު ލިބުން. އަޅުގަނޑު އަބަދު ވެސް އެދޭނީ އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް މިއަދު މި ލިބޭ މިންވަރަށް ވުރެ މާ ފާގަތި މާދަމާއެއް ލިބުން،" އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، އެ ޕާޓީ "ރޫޅާލާނެ" ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ނަޝީދު އެ މަނިކުފާނުގެ މިރޭގެ ވާހަަކަ ނިންމާލައްވަމުން ވިދާޅުވި އެވެ.

ކޮމެންޓް (2)

ޑޮޑީ

24 ޖޫން 2025
މިކަލޭގެ ބުނާ އެއްޗެއް އަަބަދުވެސް ތަރުޖަމާ ކުރަންވާނީ ދިމާ އިދިކޮޅަށް އެހެންވީމަ މުއިއްޒުއަަށް 80 ދެން ހުރި ބަޔަށް 20
1 0

ދުރުމި

24 ޖޫން 2025
މިކަލޭގެ ބުނާ އެއްޗެއް އަަބަދުވެސް ތަރުޖަމާ ކުރަންވާނީ ދިމާ އިދިކޮޅަށް އެހެންވީމަ މުއިއްޒުއަަށް 80 ދެން ހުރި ބަޔަށް 20
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް