ފައްޔާޒް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި. (ފައިލް ފޮޓޯ/އެމްޑީޕީ)

ރުފިޔާގެ އަގު ދަށްވަމުން ދާއިރު ވެސް އެމްއެމްއޭން ބަހެއް ނުބުނާތީ ފައްޔާޒު ފާޑުވިދާޅުވެއްޖެ

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ހާލަތު ސާފުކުރަން ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންތަކެއް އުޅުއްވުމުން ވެސް އެމްއެމްއޭގެ ވެރިން ފިއްލެވީ ކަމަށް

ދިވެހި ރުފިޔާގެ އަގު ދަށްވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، ވިޔަފާރިތަކުގެ ހާލަތު ދަށްވަމުންދާ އިރު ވެސް މަނިޓަރީ ސިޔާސަތު ކަނޑައަޅާ މަރުކަޒީ ބޭންކު، އެމްއެމްއޭން ބަހެއް ނުބުނާތީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރެއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެމްޑީޕީގެ މަޖިލިސް މެންބަރުން މިދިޔަ ހޯމަ ދުވަހު އެމްއެމްއޭ ތެރެއަށް ވެސް ވަނެވެ. އެކަމަކު މުނައްވަރާ ބައްދަލުވާ ގޮތެއް ނުވި އެވެ.

މިއަދާ ހަމައަށް ވެސް މުނައްވަރު އަދި އެމްއެމްއޭގެ ބަހެއް ނުލިބި އޮތުމުން ފައްޔާޒު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި 'އެކްސް'ގައި ޕޯސްޓެއްކުރައްވައިފަ އެވެ.

ތަފްސީލް - ފައްޔާޒުގެ ޕޯސްޓް ފެއްޓެވީ މިއަދު ބާޒާރުގައި ހުރި ބައެއް ތަކެތީގެ އަގުންނެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރި އަދަދު ފާހަގަކުރައްވަމުންނެވެ. އެ ގޮތުން:

  • އާފަލެއްގެ އަގު 10ރ.

  • ފިޔާ ކިލޯއެއްގެ އަގު 50ރ. އިން މަތީގައި

  •  ޑޮލަރުގެ އަގު ހުރީ 20.20ރ.

  • ކާބޯތަކެއްޗާއި ބޭސް ލިބުން ދަތި

މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި ގޮތުގައި، ތަކެތީގެ އަގު އުފުލި، ކުދި ވިޔަފާރިތައް ދަރަނިވެ ހަލާކުވެއްޖެ އެވެ. ސަރުކާރުން ނުދައްކާ ބިލުތައް 13 ބިލިއަން ރުފިޔާއަށް އަރައި ރާއްޖޭގެ އިގްތިސާދު ފުނޑިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "މި ހާލަތަށް ދިޔައިރު ވެސް ގާނޫނުއަސާސީން މަނިޓަރީ ސިޔާސަތު މަތިކޮށްފައިވާ މަރުކަޒީ ބޭންކުގެ ބަހެއް ނެތް. މި ކަންކަމާ ކަންބޮޑުވެ އެމްޑީޕީގެ ޕީޖީ ގްރޫޕުން ލިޔުމުން ބައްދަލުކުރަން އެދުމުން ބައްދަލުވާ ގޮތެއް ނުވި. ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ގައުމުގެ ހާލަތު ސާފުކުރަން މަސައްކަތް ކުރެއްވުމުން ފިއްލެވީ،" ފައްޔާޒު ލިއުއްވާފައިވެ އެވެ.

ފައްޔާޒު ވިދާޅުވީ މިހާރު މި އޮތީ ރައްޔިތުންގެ ހާލަތު ދަންނަ ސަރުކާރެއް ނޫން ކަމަށެވެ. އަދި ހާލަތު ބަލަން ބޭނުންވާ ސަރުކާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސާސީ ބޭނުންތަކުގެ އަގު މައްޗަށް ދިޔައީކީ ނޫން. ރުފިޔާގެ އަގު ދަށަށް ދިޔައީ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އަދިވެސް ދުވަހެއް ދުވަހަކަށް ދަށަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެނގުން މުހިންމު - ކަޅު ބަޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ ދިއުމާ ގުޅޭ ގޮތުން އެމްއެމްއޭން ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ނަމަވެސް 'ދައުރު'ން ސުވާލުކުރުމުން އެ ތަނުގެ އޮފިޝަލަކު މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި، އޭގެ މައިގަނޑު ސަބަބަކީ "މިހެން [ޑޮލަރުގެ] އަގަށް ވެދާނޭ ކަމަށް މީހުން ލަފާކޮށް ވާހަކަ ދައްކާތީ ވެގެން އުޅޭ ގޮތެއް" ކަމަށެވެ.

'ދައުރު'ން އެދުމުން އެމްއެމްއޭން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކަނީ ބޭންކިން ނިޒާމަށް ޑޮލަރު ވަދެފައިވާ މިންވަރު އިތުރުވެފައިވާ ތަނެވެ. އަދި ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭން ދޫކުރާ ޑޮލަރު ވެސް އިތުރުވެފައިވާ ކަމެވެ.

އެގޮތުން، މިދިޔަ އޮކްޓޯބަރުން ފެށިގެން ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %20 މާރުކުރަން މަޖުބޫރުކޮށް އަމަލުކުރަން ފެށި ސިޔާސަތަކާ އެކު:

  • ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ރާއްޖޭގެ ބޭންކުތަކަށް މާރުކުރާ އަދަދު މިހާރު ހުރީ %20އަށް މައްޗަށް ޖެހިފައި؛ މިދިޔަ ހަތަރު އަހަރު ވެސް އެ އަދަދު ހުރީ %10ގައި 

  • މިދިޔަ މަހުގެ 30ގެ ނިޔަލަށް 362 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވޭ

  • އެ އަދަދުގެ ތެރެއިން އެމްއެމްއޭއަށް ލިބިފައި ވަނީ %60 

އިތުރު އާޓިކަލް

އިތުރު އާޓިކަލް