އެމްއެމްއޭގެ ގަވަރުނަރު އެ އިދާރާއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްއޭ

ޑޮލަރުގެ އަގު ބޮޑުވާއިރު އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނާތީ ކަންބޮޑުވުން

ހަރުދަނާ މަނިޓަރީ ސިޔާސަތެއް ގެންގުޅެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ފެއިލްވެފައިވާ ކަމަށް ބައެއް މެންބަރުން ތުހުމަތުކުރެއްވި

ޑޮލަރުގެ އަގު 20ރ.އަށް އަަރައިގެން ގޮސް އެކަމުގެ ތަކުލީފު ވިޔަފާރިތަކާއި އާންމުން އުފުލަން ޖެހިފައިވާއިރު މަރުކަޒީ ބޭންްކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހަނު ހުންނަވާތީ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ތަފްސީލް - މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ކޮޕީ ރައިޓްސްގެ ބިލާ ގުޅޭ ބަހުސްގައި އެމްއެމްއޭގެ ގަވަރުނަރަށް އެންމެ ފުރަތަމަ ފާޑު ވިދާޅުވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އެވެ. ރާއްޖޭގެ އިގްތިސާދު ދަށަށް ދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވީ:

  • ހަރުދަނާ މާލީ ސިޔާސަތުތަކެއް ގެންގުޅެ ރުފިޔާގެ އަގު ހިފެހެއްޓުމަށް އެމްއެމްއޭގެ ގަވަރުނަރު ނުކުޅެދިފައިވާ ކަމަށް 

  • އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ގަވަރުނަރު މަގާމުން ވަކިކުރާ ހިސާބަށް ހާލަތު ގޮސްފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި 

"ފިސްކަލް ޕޮލިސީއާ ގުޅިގެން ގައުމުގެ ހާލަތު މި ހިސާބަށް ދާއިރު އެއްޗެއް ވިދާޅުނުވެ ހަނު އެ ހުންނަވަނީ [އެމްްއެމްއޭގެ ގަވަރުނަރު]. ކިހިނެއްތޯ މި ޒިންމާ އަދާކުރެވޭނީ އެހެން އެއްޗެއް ވިދާޅުނުވެ ހުރެ. އެމްއެމްއޭގެ ގަވަރުނަރު މިތަނަށް ހާޒިރުކޮށް އެބަޖެހޭ އަޅުގަނޑުމެން ކޮބައިތޯ އަޅުގަނޑުމެންނަށް އޮތް މުސްތަގުބަލަކީ އެ ބޭފުޅާ ކައިރިން އަހާ އޮޅުން ފިލުވަން،" މައުރޫފް ވިދާޅުވި އެވެ.

"އުންމީދެއް އެބަ ދޭން ޖެހޭ. ކުދި ވިޔަފާރިތަކަށް އުންމީދެއް ދޭން އެބަ ޖެހޭ." 

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު (ފޮޓޯ/މަޖިލިސް)

އޭނާ ވިދާޅުވީ މީގެ ކުރިން ޑޮލަރުން ލިބެމުން އައި ސާވިސް ޗާޖު ވެސް އެންމެ ފަހުން ރުފިޔާއިން ލިބުމަކީ ރިސޯޓް މަސައްކަތްތެރިންނަށް މިއިން ޒަމާނަކު ކުރިމަތިނުވާ ވަރުގެ ގެއްލުމެއް ކަމަށެވެ. މީގެ އިތުރަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި އެ ފަރާތްތައް ވެސް ތިބީ ގޮތް ހުސްވެފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ މަނިޓަރީ ސިޔާސަތު ހިންގައި ރެގިއުލޭޓް ކުރުމުގެ އެންމެ އިސް ފަރާތަކީ އެމްއެމްއޭގެ ގަވަރުނަރަށް ވާއިރު، ޑޮލަރުގެ އަގު އުފުލެމުން ދާއިރު އެކަމުގައި ގަވަރުނަރުގެ އިސްނެންގެވުމެއް އަދި ހަރަކާތްތެރިކަމެއް އެކަން ހައްލުކުރަން ނުފެންނަ ކަމަށެވެ. 

"މިހާ ހައްސާސީ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހޭވެސް އަންގާނުލައްވާ އެ ބޭފުޅާ އެބަ އުޅުއްވާ،" ޝަމްހީދު ވިދާޅުވި އެވެ. 

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު (ފޮޓޯ/މަޖިލިސް)

އެމްއެމްއޭގެ ގަވަރުނަރަށް ދެން ފާޑު ވިދާޅުވީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް އެވެ. އޭނާ ވިދާޅުވީ އެމްއެމްއޭއަށް އާ ގަވަރުނަރެއް އައްޔަން ކުރީ ކަންކަން ރަނގަޅު ކުރަން ނަމަވެސް، އާ ގަވަރުނަރު މުނައްވަރަށް އެއްވެސް ކަމެއް ރަނގަޅު ނުކުރެއްވުނު ކަމަށެވެ. މެންބަރު އައްބާސް ވަނީ މުނައްވަރުގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.

"އެ ބޭފުޅާއަށް ކުރެވުނު އެއްވެސް ކަމެއް ނެތް އިގްތިސާދު ކޮޅަށް ޖަހަން. ހަމަ އެ ހުންނަނީ މަންމަނެއްހެން. ކަމަކު ނުދާނެ. އެކަން ނުކުރެވެންޏާ އެމްއެެމްއޭގެ ގަވަރުނަރު އިސްތިއުފާ ދެއްވަންވީ. ކަންކަން ރަނގަޅަށް ކުރެވެންޖެހޭނީ،" މުހައްމަދު އައްބާސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް އިތުބާރުކުރައްވައިގެން، ވަރަށް މާތް މަގުސަދެއްގައި ބޮޑެތި އިނާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ގަވަރުނަރުން އައްޔަންކޮށްފައި އެ ތިބެނީ. ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅަށް ވެސް ލުއިވާނެ ގޮތްތައް ވެސް ހަދައިދޭން އެބަޖެހޭ. އެކަން ނުކުރެވެންޏާ އަމިއްލައަށް އިސްތިއުފާ ދެއްވަންވީ."

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް (ފޮޓޯ/ މަޖިލީސް)

އޭނާ އަދި ވިދާޅުވީ އޮގަސްޓް މަހުގެ ތެރޭގައި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 23ރ.އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

"އެ ހާލަތަށް ގައުމު ދިޔަ ނުދީ މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަން އަޅުގަނޑު އެމްއެމްއޭގެ ގަވަރުނަރަށް ގޮވާލަން،" މުހައްމަދު އައްބާސް ވިދާޅުވި އެވެ. 

އެނގުން މުހިންމު - ޓޫރިސްޓުން އައުން އާންމު ގޮތެއްގައި މަޑުޖެހޭ ސީޒަނާ މި ދުވަސްވަރު ކުރިމަތިވެފައިވުމާ އެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑޮލަރުގެ އަގު ވަނީ 20ރ.އަށް އަރައިފަ އެވެ. މި މަސް ފެށުނު ފަހުން ޑޮލަރު އަގު މަޑުން މަޑުން ދިޔައީ އުފުލެމުންނެވެ.

ކޮމެންޓް (2)

ކޮސް

15 ޖުލައި 2025
އަންގާގޮތާއި ޚިލާފުވެއްޖިއްޔާ "ބާޣީ" އެއްގެ ޓެގުއަޅުވާތީ ބިރުން ތޯއްޗެ!!. ބާރެއްނެތް މަޤާމެއް ދޫކޮށްލާނެހާ ހިތްވަރެއްނެތް!!
2 0

ޙަސަން

15 ޖުލައި 2025
@ކޮސް ރަނގަޅު ވާހަކައެއް
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް