އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭ ކުރިމަތީގައި. (ފޮޓޯ/އެމްަޑީޕީ)

އެމްޑީޕީ

ގަވަރުނަރު 'ފިއްލަވައިގެން' އުޅެނީ ގޯހެއް އުޅޭތީ: އެމްޑީޕީ

އެމްޑީޕީއިން ބުނީ ޑޮލަރުގެ މައްސަލައިގައި އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ގަވަރުނަރު ޖަވާބެއް ދެއްވުމުން އިތުރަށް ކަންބޮޑުނުވެ، ގޮތްތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް

ޑޮލަރުގެ މައްސަލަ އާއި ރާއްޖޭގެ އިގްތިސާދުގައި ހުރި މައްސަލަތައް ރައްޔިތުންނަށް ސާފުނުކޮށްދީ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު 'ފިއްލަވައިގެން' އުޅެނީ ގޯހެއް އުޅޭތީ ކަމަށް އެމްޑީޕީއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްހާލުތަކާ ގުޅިގެން ޑޮލަރުގެ އަގު ބޮޑުވެ، އާންމުންނާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެފައިވާތީ އެކަމާ ބެހޭ ގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ މަޝްވަރާ ކުރެވޭތޯ އެމްޑީޕީއިން މިދިޔަ ބުދަ ދުވަހު ސިޓީއެއް ވަނީ ފޮނުވާފަ އެވެ.

އެ ސިޓީއަށް ޖަވާބު ނުދިނުމުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ގަވަރުނަރާ ބައްދަލުކުރެވޭތޯ އިއްޔެ އެމްއެމްއޭއަށް ދިޔަ އެވެ. އަދި އިއްޔެ އެކަން ކާމިޔާބު ނުވުމުން މިއަދު ވެސް މެމްބަރުން ވަނީ އެމްއެމްއޭއަށް ގޮސްފަ އެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ގަވަރުނަރާ ބައްދަލުކުރަން އިއްޔެ އެމްއެމްއޭގައި. (ފޮޓޯ/އެމްަޑީޕީ)

ބުނީ ކީކޭ؟ - މިއަދު އެމްއެމްއޭ ކައިރީގައި 'ރާއްޖެ ޓީވީ'އާ ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ވެގެން އުޅޭ ގޮތް ގަވަރުނަރު ވިދާޅުނުވާތީ ކަމަށެވެ.

"ގަވަރުނަރަށް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މި ވެގެން އުޅޭ ގޮތާއި ޑޮލަރުގެ އަގުތައް ރަނގަޅުވާ ކޮން ދުވަހަކުން ކަމާއި ޑޮލަރުގެ ހާލަތު ރަނގަޅުވާނެތޯ ނުވަތަ ނޫންތޯ، އެ ވަރު ވެސް ބުނަން ނުކެރޭތީ އެންމެ ބޮޑު ކަންބޮޑުވުމަކީ،" މައުރޫފް ވިދާޅުވި އެވެ.

"ހަގީގަތުގައި ވެގެން އުޅޭ ގޮތް، އިގްތިސާދުގައި ހުރި މައްސަލަތައް ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ އެބަ. އޭރުން ރައްޔިތުން ވެސް ބިރުނުގަނެ، ކަންބޮޑުނުވެ، ކޮންމެވެސް ގޮތެއް ހޯދޭތޯ މަސައްކަތް ކުރާނެ."

ތަފްސީލު - ވެގެން އުޅޭ ގޮތް ސާފުނުކޮށްދޭއިރު، މައުރޫފް ވިދާޅުވީ ޑޮލަރުގެ އަގު ކޮންމެ ދުވަހަކު ބޮޑުވަމުން ގޮސް، 20ރ.އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް ގެންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް:

  • އެ ހެޔޮ ބަދަލަކީ ކޮބައިކަން ބޭންކުތަކާއި ވިޔަފާރިވެރިންނަށް ވެސް ނޭނގޭ

  • ޓީޓީއަށް ދޭ ޑޮލަރުގެ ސަޕޯޓު %30އަށް ބޮޑުކުރި ކަމަށް ބުނި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އެ ލުއި ލިބެނީ ބީއެމްއެލްއިން ބޭނުންވާ ބަޔަކަށް

"މިކަންކަމަށް ޖަވާބުދާރީވާން ކެރިވަޑައިނުގެން ފިއްލަވާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. ފިއްލަވަން ޖެހޭނީ މީގައި ގޯހެއް އޮތީމަ. އެހެން ނޫނީ ރައްޔިތުންނާ ކުރިމަތިލާ މިއަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ،" މައުރޫފް ވިދާޅުވި އެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ގަވަރުނަރާ ބައްދަލުކުރަން އެމްއެމްއޭ ކުރިމަތީގައި. (ފޮޓޯ/އެމްަޑީޕީ)

އެމްޑީޕީ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ގަވަރުނަރާ ބައްދަލުކުރަން އެދި ރަސްމީކޮށް ސިޓީއެއް ފޮނުވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

މިއަދު ގަވަރުނަރާ ބައްދަލުނުކުރެވިއްޖެ ނަމަ، ނާޒިލް ވިދާޅުވީ އެމްޑީޕީ މެމްބަރުން މާދަމާ ވެސް އެމްއެމްއޭއަށް ދާނެ ކަމަށެވެ.

ގުޅުންހުރި ކަމެއް - އެމްޑީޕީއިން ގަވަރުނަރާ ބައްދަލުކުރަން އެދި ފޮނުވި ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކުރި ކަންބޮޑުވުންތަކަކީ:

  • ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވުން

  • މިފަދަ ދަނޑިވަޅެއްގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ ގަވާއިދުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވުން

  • މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެއް

  • މި މައްސަލައިގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުން

  • ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން މުދާ އެތެރެކުރުން ހުއްޓާލަން ޖެހި، ރާއްޖޭގައި ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އަގުބޮޑުވުން، ލިބުން ދަތިވުން ނުވަތަ ހުސްވުން

ކޮމެންޓް (3)

ކޮސް

22 ޖުލައި 2025
ހިޔެއްނުވޭ މުނައްވަރުގެ އަމިއްލަ ނިންމުމެއްހެން "ފިލުމަކީ" މިއީ ވަކިފަރާތަކުން އަންގައިގެން ފިލިފިލުމެއް.
0 0

ދިވެހި ރައްޔިތެއް އެންޓި ބުލީންގް

22 ޖުލައި 2025
ގަވަރުނަރަށް ހަނގާކުރުން ހުއްޓާލާ. މާލީ ދަތިތަކަކީ ގަވަރުނަރު އެކަނި ހައްލުކުރެވޭނެ ކަންތައްތަކެއް ނޫން. ތިޔައުޅެނީ ގަވަރުނަރު ކަތިލެވޭ ކަންބަޅިއަކަށް ހަދަން ތައްޔާރުކުރަން. ކިތަންމެ މީހަކު ބަދަލުކުރިޔަސް އިޤްތިސާދީ ޙާލަތެއް ބަދަލެއް ނުވާނެ. އެމް.ޑީ.ޕީން ޔަގީންކުރީ މިދިޔަ އަހަރު ގައުމު ޑިފޯލްޓުވާނެ ކަމަށް، ދެން އުއްމީދުކުރީ މިއަހަރު ވާނެކަމަށް. ގަވަރުނަރުގެ މޮޅު ސިޔާސަތުން ޑޮލަރު ލިބި ދަރަނި އެދެއްކެނީ. އެވެސް ފައިސާ ޗާޕުނުކޮށް. ދަތިހާލުގައި ވިޔަސް ޤައުމު އަމާން ބަނދަރަކަށް ދާތަން ދެކެން ބޭނުންނުވާ ބައެއްތީ. ހަލަބޮލިކުރުން ނޫން ކަމެއް ނުކުރެވޭ. 2028 މަޑުކޮށްބަލަ. މިދާ ރޭޓުން ތިބައިގަނޑު ޔަޤީނުން ހޮވޭނެ. ރައްޔިތުންނަކަށް ނުފެންނާނެ މިސަރުކާރުން ކުރި ކަންތަށް. ހަލަބޮލިކުރީމާ ވާނެ އެއްވެސް ކަމެއް ނެތް. ވިޔަފާރިތައް ހަލާކުވާނެ. މިހާދަތިހާލުގައި އުޅޭއިރު ހަލަބޮލި ނުކޮށްބަލަ. އެންމެ ކުޑަމިނުން އެކަން ކޮށްދީބަލަ
3 0

މުޙައްމަދު ބިން ޢާދިލް

22 ޖުލައި 2025
ފުރަތަމަ ކަމަކަށް ތިޔަ އުޅެނީ ޤަވަރުނަރު ވަރަށް ނުބައި ގޮޅިއަކަށް ވައްޓާލަން. ތިޔަ ބައްދަލުވުން ބޭއްވުނު ނަމަ ދެކެވުނު ވާހަކަ ތަކަކީ މިއޭ ކިޔާފާއި ނުކިޔާނެ އެއްޗެއް ނޭގޭނެ. އޭރުން ގަވަރުނަރު ޖެހޭނީ ޑިފެންސަށް ކުޅެން. މިހާރުވެސް ގަވަރުނަރު އެހުންނަނީ ސަރުކާރުން ބުނާހާ ކަމެއް ނުކޮށްގެން ކިރިޔަ ކިރިޔާ. ދެން ތިއުޅުނީ މަޅިއަކަށް ފައްތާލެވޭތޯ. ގަވަރުނަރު އެހާ ގަޅިއެއްނުވާނެ. ދެވަނަ ކަމަކަށް މަނިޓަރީ ޕޮލިސީއެކަނި ބަދަލުކޮށްގެން ޑޮލަރުގެ އަގެއް ތިރިއެއް ނުވާނެ. އެމް.އެމް.އޭ ކިތަންމެ ކަމެއް ކުރިޔަސް ސަރުކާރުގެ ފިސްކަލް ސިޔާސަތާއި ޑޮލަރުވަނީ ގުޅިލާމެހިފައި، އެމް.ޑީ.ޕީން ކީއްވެގެންތޯ ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ނޭދުނީ. ޡަމީރަކާ ނުކުޅެވޭނެކަން އިނގޭތޯ ދޯ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް