އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. (ފޮޓޯ/މަޖިލިސް)

އެމްޑީޕީ

ޑޮލަރު މައްސަލަ: ގަވަރުނަރާ މަޝްވަރާކުރަން އެމްޑީޕީއިން އެދިއްޖެ

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްހާލުތަކާ ގުޅިގެން ޑޮލަރުގެ އަގު ބޮޑުވެ، ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން އާންމުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ފާހަގަކުރޭ

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްހާލުތަކާ ގުޅިގެން ޑޮލަރުގެ އަގު ބޮޑުވެ، އާންމުންނާއި ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވެފައިވާތީ އެކަމާ ބެހޭގޮތުން ގަވަރުނަރާ މަޝްވަރާކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ސިޓީއަކުން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ ޕީޖީގެ ފަރާތުން އެ ސިޓީ ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އެވެ.

ތަފްސީލު - އެ ސިޓީގައި ބުނެފައިވާ ގޮތުގައި މިއަހަރު ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، އިންސާފުވެރިކަމާއި އިހުލާސްތެރިކަމާ އެކު ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ކަޅުބާޒާރެއް ރަސްމީކޮށް ވަނީ އުފެދިފަ އެވެ.

އޭގެ ފަހުން ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ އިންސައްތަ ވެސް %60 އިން %90އަށް މިދިޔަ ޖޫންއިން ފެށިގެން ބޮޑުކުރުމާ އެކު ވިޔަފާރިވެރިންނަށް މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ލިބުން އިތުރަށް ދަތިވެ، ބޭންކުތަކުން އެމީހުންނަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އަންނަމުންދާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ފައިސާ މާރުކުރާ ތަނެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިތުރަށް ފާހަގަކުރި ކަންބޮޑުވުންތަކަކީ:

  • ޑޮލަރު ލިބުން ދަތިވެ، ގިނަ ވިޔަފާރިތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވުން

  • މިފަދަ ދަނޑިވަޅެއްގައި ސަރުކާރަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ ގަވާއިދުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވުން

  • މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކުލީފެއް

  • މި މައްސަލައިގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުން

  • ޑޮލަރު ނުލިބޭތީ ވިޔަފާރިވެރިން މުދާ އެތެރެކުރުން ހުއްޓާލަން ޖެހި، ރާއްޖޭގައި ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އަގުބޮޑުވުން، ލިބުން ދަތިވުން ނުވަތަ ހުސްވުން

"ދެންނެވުނު ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްލުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން މަނިކުފާނާ [ގަވަރުނަރާ] ބައްދަލުކުރުމުގެ ފުރުސަތެއް ވަރަށް އަވަހަށް ދެއްވާތޯ އެދި ދެންނެވީމެވެ،" އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އެނގުން މުހިންމު - ޓޫރިސްޓުން އައުން އާންމު ގޮތެއްގައި މަޑުޖެހޭ ސީޒަނާ މި ދުވަސްވަރު ކުރިމަތިވެފައިވުމާ އެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑޮލަރުގެ އަގު ވަނީ 20ރ.އަށް އަރައިފަ އެވެ. މި މަސް ފެށުނު ފަހުން ޑޮލަރު އަގު މަޑުން މަޑުން ދިޔައީ އުފުލެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް