މިއީ މިފަހުގެ ތާރީހެއްގައި ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް އެރި ފުރަތަމަ ފަހަރު.

ޑޮލަރު 20ރ.އަށް އެރުން؛ މި ބޮނީ ދަރަނީގެ ހިތި ބޭސް

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20ރ.އަށް އަރަނީ ހަމައެކަނި ޓޫރިޒަމްގެ ލޯ ސީޒަނާ ހެދި އެކަންޏެއް ނޫން؛ މިއީ މޭ 2026އަށް 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން މަގުފަހިކުރަން މާލީ ގޮތުން ގެންގުޅެން ޖެހިފައިވާ ސިޔާސަތުތަކުގެ ނަތީޖާ

އިއްޔެ މި ވަނީ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ.އަށް އަރާ ނިމިފަ އެވެ. މިއީ މި ފަހުގެ ތާރީހެއްގައި ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މިއީ ވިޔަފާރިތަކާއި އާންމުންނަށް ވެސް ކަންބޮޑުވުމެކެވެ. މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ އެވެ. 

އެކަމަކު މިއީ އިއްޔެއަކު މިއަދަކުން ކުރިމަތިވީ ހާލަތެއް ނޫނެވެ. ގިނަ ކަންތައްތަކެއް އެއްފަހަރާ މަސްހުނިވެ ކުރިމަތިވީ ހާލަތެކެވެ. އަގު އެ ހިސާބަށް އެރުމަށް ކުރިމަތިވި ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟ 

ޓޫރިޒަމްގެ ދަށް ސީޒަނާއި ޑޮލަރު މާރުކުރަން މަޖުބޫރުވާ ސިޔާސަތު

ކޮންމެ އަހަރެއްގެ ވެސް ޖޫންއިން އޮގަސްޓަށް ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު ދަށަށް ދެ އެވެ. ޓޫރިޒަމްގެ އެ ދަަށް ސީޒަނާ އެކު އިގްތިސާދުގައި ޑޮލަރު ދައުރުވާ ވަރު މަދުވެ، ޑޮލަރު އަގު މައްޗަށް ޖެހިލަ އެވެ. އެއީ އާންމު ކަމެކެވެ.

އެއްޗެއް ބާޒާރުގައި މަދުވުމުން އޭގެ އަގު އުފުލުމަކީ އިގްތިސާދީ އާދަ އެވެ. 

ނަމަވެސް މި އަހަރު ރެކޯޑް އަދަދަކަށް ޑޮލަރުގެ އަގު މި އުފުލުނީ ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ލިބޭ ޑޮލަރުގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ސިޔާސަތާ އެކު ޑޮލަރު ދައުރުވާ ވަރު މަދުވެފައި ވަނިކޮށް އިތުރަށް އެ އަދަދު މަދުވާނޭ ފަދަ ހާލަތެއް މެދުވެރިވުމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދެ ފަތުރުވެރިޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޑޮލަރު މާރުކުރުމުގެ ބާޒާރު ހަމައަކަށް އަޅުވަން އެޅި އެ ފިޔަވަޅުގެ ސަބަބުން އިގްތިސާދު ބަރޯސާވެފައިވާ ކަޅު ބާޒާރުގައި ޑޮލަރު ދައުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި ގިނަ ރިސޯޓުތަކުން މުސާރަ އާއި ސާވިސް ޗާޖް ޑޮލަރުން ދިނުން ހުއްޓާލުމާ އެކު ދައުރުވާ ފައިސާގެ ތެރެއަށް ނުކުންނަ ޑޮލަރު ވެސް ވަނީ މަދުވެފަ އެވެ. 

ޑޮލަރަށް އޮތް ޑިމާންޑް ކުޑައެއް ނުވި 

ކަޅު ބާޒާރުގައި ޑޮލަރު ދައުރުވާ ވަރު މަދުވި ނަމަވެސް، ޑޮލަރަށް އޮތް ޑިމާންޑް އެއްވެސް ވަރަކަށް ކުޑައެއް ނުވެ އެވެ. މި މަސް ތެރޭ އެ ޑިމާންޑް އިތުރަށް ބޮޑުވާނޭ ކަމަށް ބެލެވެ އެވެ.

ސްކޫލް ޗުއްޓީ އާއި 26 ޖުލައި ނުވަތަ މިނިވަން ދުވަހުގެ ޗުއްޓީ ބޯމަތިވަމުން އަންނައިރު ގިނަ ދިވެހިން ބޭރަށް ދަތުރުކުރާނެ އެވެ. އެހެންވުމުން ޑޮލަރު ބޭނުންވާ ވަރު ގިނަވާނެ އެވެ. ޑޮލަރު ދައުރުވާ ވަރު ގިނަ ނުވެ ޑޮލަރު ފަހާ ދުވަން ޖެހޭ ސަބަބުތައް ގިނަވުމަކީ ޑޮލަރުގެ މަގުމަތީ އަގު 20ރ.އަށް މި ދުވަސްވަރު އެރުމުގެ އެއް ސަބަބެވެ. 

މީހަކު އޭޓީއެމްއިން ޑޮލަރު ނަގަނީ: ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ރެކޯޑް އަދަދަކަށް އަރާފައި (ފޮޓޯ/ބީއެމްއެލް)

ސަރުކާރަށް ޑޮލަރު ބޭނުންވާ މިންވަރު އިތުރު

ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރިއަސް އެ ޑޮލަރު ބޭންކުތަކުން ވިޔަފާރިތަކަށް ނުދެވޭ މައިގަނޑު ސަބަބަކީ އެހެން ލިބޭ ޑޮލަރުގެ %90އަށް ވުރެ ބޮޑު ބައެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ނެގުމެވެ. އެއީ ދައުލަތުގެ ކަންކަމަށް އެ ފައިސާ ބޭނުންކުރަން ޖެހުމެވެ.

އެންމެ ފަހުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ދަރަނި އަދާކުރަން ކުރި ހަރަދު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު %180 އިތުރުވެފަ އެވެ. އެ އަދަދު 1 ބިލިއަން ރުފިޔާއިން 3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. ޔަގީނުން ވެސް މީގެ ބޮޑު ބަޔަކީ ބޭރު ދަރަނި ދައްކަން ހަރަދުވާނޭ އަދަދެވެ. 

މަރުކަޒީ ބޭންކުގެ ކައިރިން މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެއާ އެކު ބޭންކުތަކުން އެމްއެމްއޭގެ ރިޒާވަށް ލާ ޑޮލަރުގެ ބޮޑު އަދަދެއް ދަރަނި ދައްކަން ރާއްޖެއިން ބޭރުވެ އެވެ. އާންމު ބާޒާރަށް ނެރެވޭ ޑޮލަރުގެ އަދަދު މަދުވެ އެވެ.

ވިޔަފާރިތަކުގައި ރުފިޔާ ގިނަވެ އިންވެސްޓްކުރަނީ

ޑޮލަރު މާރުކުރަން މަޖުބޫރުކުރި ސިޔާސަތުގެ ސަބަބުން، ވަރަށް ޝައުގުވެރި އެހެން ބަދަލެއް އިގްތިސާދުގައި ވަނީ އުފަންވެފަ އެވެ. ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވުމާ އެކު އެ ކުންފުނިތަކުގައި ހުރި ރުފިޔާ ވަރަށް ގިނަވެއްޖެ އެވެ.

ކުންފުންޏެއްގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ބޭންކަށް ޑޮލަރު މާރުކޮށްގެން 50 މިލިއަން ރުފިޔާ މިދިޔަ ހަތް މަސް ތެރޭގައި އެ ކުންފުނީގައި އެބަ ހުއްޓެވެ. އެހެންވެ އެ ފައިސާ އިންވެސްޓް ކުރާނޭ ގޮތްތަކެއް ބޭންކުތަކާ ގުޅިގެން ހޯދޭތޯ އަންނަނީ ބަލަމުންނެވެ. މީގެ ކުރިން ނަމަ، ޑޮލަރުން ފައިސާ ބޭރަށް ގެންގޮސް ބޭރުގައި އިންވެސްޓްކުރެވެ އެވެ. 

ދިވެހި ރުފިޔާތަކެއް ކައުންޓަރެއްގެ މަތީ ބަހައްޓާފައި: ރާއްޖެއިން 2026ގައި 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހުމުގެ ގޮންޖެހުމާ ކުރިމަތިވާނެ

ރުފިޔާ ގިނަވުމާ އެކު ބައެއް ކުންފުނިތަކުން އެ ފައިސާ ރާއްޖޭގެ އެތެރޭގައި އާ ވިޔަފާރިތަކަށް އިންވެސްޓްކުރަން ބޭނުންވެ އެވެ. އާ ދިމާތަކަށް ވިޔަފާރި ފުޅާކުރަން މަސައްކަތް ފަށާފައި ވެސް ވެ އެވެ.

ރާއްޖޭގައި އާ ވިޔަފާރިއެއް ފެށި ނަމަވެސް، ސާމާނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ޖެހެނީ ރާއްޖެއިން ބޭރުން އެތެރެކުރާށެވެ. އެއީ ޑޮލަރު ބޭނުންވާނެ ކަމެވެ. އެއާ އެކު، މިއީ ވެސް ޑޮލަރަށް އޮންނަ ޑިމާންޑު މަތިވާ ސަބަބަކަށް ވަނީ ވެފަ އެވެ. 

މަރުކަޒީ ބޭންކުގެ ފިޔަވަޅުތަކުން ފައިދާއެއް ކުރޭތަ؟ 

ފެންނަ ފެނުމަށް އެމްއެމްއޭއިން ވަނީ މި ހާލަތް އަންނާނޭ ކަމަށް ލަފާކޮށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. ސުވާލަކީ އެ ފިޔަވަޅުތަކުގެ ރާހަތެއް އިގްތިސާދަށް ކުރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ 

އެމްއެމްއޭއިން މިހާރު ބޭންކުތަކަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ފޯރުކޮށްދޭން މި ފަހުން މަސައްކަތް ފެށި އެވެ. ވިޔަފާރިތަކުން ބޭރަށް ދައްކާ ފައިސާ ނުވަތަ ޓީޓީތަކަށް ޑޮލަރު ދޭ އަދަދު ބީއެމްއެލްއިން ބޮޑުކުރި އެވެ. ބޭނުމަކީ، ކަޅު ބާޒާރަށް ވިޔަފާރިތަކުން ބަރޯސާވާ މިންވަރު ކުޑަކޮށް އެ ބާޒާރަށް އޮންނަ ޑިމާންޑް ތިރިކުރުމެވެ.

ލޭގައިވާ ފައިސާ މާރުކުރާ ތަނެއްގެ ކައިރީ މީހަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ނަމަވެސް ވިޔަފާރިވެރިންގެ ބޭނުންތަކަށް އެންމެ ބޭންކެއް މެދުވެރިކޮށް ޑޮލަރު ފޯރުކޮށް ދިނުމުން ނަތީޖާ ހާސިލްކުރަން އުނދަގޫވެ އެވެ. އެއަށް ވުރެ ވިޔަފާރިތަކުން ބޭނުންވާ ޑޮލަރުގެ މިންވަރު އިތުރެވެ. އެހެންވެ ވިޔަފާރިތަކުން އަދިވެސް ޑޮލަރު ހޯދަން ކަޅު ބާޒާރަށް ދާން ޖެހޭ ވަރު ނިސްބަތުން ބޮޑެވެ.

ޑެބިޓް ކާޑްތަކުން ބޭރުގެ ހޭދަކުރަން ދީފައިވާ ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ވެސް މީގެ ތެރެއިން އެޅި އަނެއް ފިޔަވަޅެވެ. މިކަމުގެ ސަބަބުން ކަޅު ބާޒާރުން ޑޮލަރުން ހޯދަން ނުޖެހި ދަތުރުވެރިންނަށް ކޮންމެވެސް ވަރަކަށް އެހީތެރިވެދޭނެ އެވެ. ނަމަވެސް މިއީ ބޮޑު މައްސަލައަށް ލިބޭ ފަރުވާއަކަށް ނުވެދާނެ އެވެ. 

މި ތައްޔާރުވަނީ މޭ 2026އަށް 

ޑޮލަރު މާރުކުރުން ހަރުކަށިކޮށް ސިޔާސަތުތަކަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ފުރަގަހުގައި ވަރަށް ބޮޑު ސަބަބެއް ފޮރުވިފައި އެބަ އޮތެވެ.

ސަރުކާރުން އިގްތިސާދުގެ ދުވެލި މަޑުޖައްސާލަނީ އެވެ. އިގްތިސާދީ ދުވެލީގައި ގަސްތުގައި ބުރަކި ޖައްސަނީ އެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީގެ ހަރަދުތައް ކުޑަކޮށް، ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުން ލަސްކުރުން ފަދަ ފިޔަވަޅުތައް ސަރުކާރުން އަޅާފައިވެ އެވެ. ބޭނުމަކީ ސަރުކާރުގެ ހަރަދުތަކުގެ ސަބަބުން ދައުރުވާ ފައިސާގެ ތެރެއަށް ނުކުންނަ ރުފިޔާ ނުވަތަ އިގްތިސާދުގައި ރުފިޔާ ދައުރުވާ ވަރު ކުޑަކުރުމެވެ.

މާލެ ބަނދަރަށް ކާގޯ ބޯޓަކުން ކޮންޓެއިނާ ބާާލަނީ (ދައުރު ފޮތޯ/ހުސައިން ސުނޭން) 

މިކަން ކުރަނީ ކީއްވެ ހެއްޔެވެ؟ ކުރު ޖަވާބަކީ، ކޮންމެ ޑޮލަރެއް ރައްކާކުރުމެވެ. މިއީ މޭ 2026ގައި އަދާކުރަންޖެ ހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ސަރުކާރުން ވަމުން އަންނަ ތައްޔާރީ އެވެ. އެއް ފަހަރާ ދައްކަން ޖެހޭ އެ ފައިސާ ދައްކާ ހަލާސްކުރުމަކީ މާލީ ގޮތުން ރާއްޖެއަށް ކުރިމަތިވާނޭ އެންމެ ބޮޑު އިމްތިހާނެވެ.

އިގްތިސާދު ހައިބަނޭޝަނަކަށް ގެންދިޔުމުގެ ނުރައްކާތައް ބޮޑުވާނެ އެވެ. ރިޒާވަށް ޑޮލަރު އިތުރު ކުރެވުނު ނަމަވެސް، އަމިއްލަ ވިޔަފާރިތަކާއި އިގްތިސާދުގެ ކުރިއެރުން ހުއްޓުމުން ވަޒީފާގެ ބާޒާރާއި އިގްތިސާދުގެ ކުރިއެރުމަށް ދިގު މުއްދަތުގައި ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.

ދެން ވާނީ ކިހިނެއް؟ 

ސެޕްޓެމްބަރުގައި ޓޫރިސްޓް ސީޒަން ފެށުމާ އެކު ކޮންމެވެސް ވަރެއްގެ ލުޔެއް ޑޮލަރުގެ އަގަށް ލިބިދާނެ އެވެ. ނަމަވެސް ޑޮލަރު މާރުކުރުމުގެ ބާޒާރާ ގުޅުން ބަދަހި ރިސޯޓް ވެރިންގެ ޖަމިއްޔާ، މަޓީން ހިސާބުކޮށްފައިވާ ގޮތުގައި ޑޮލަރުގެ ރޭޓް 21ރ. މައްޗަށް ދިއުން އެކަށީގެންވެ އެވެ. 

މިއީ ސަމާސާކޮށް ނެގޭނޭ އަދަދެއް ނޫނެވެ. އެހެންވެ ކަޅު ބާޒާރުގައި މިވަގުތު 20ރ. ގައި ހުރި ރޭޓް 21ރ.އާ ހަމައަށް އެރުން ވެސް އެކަށީގެންވެ އެވެ.

މަނީ އެކްސްޗޭންޖް ކުރާ ތަނެއް ކައިރީ މީހުން ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތަކެއް ކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރާއްޖެއަށް ކުރަން ޖެހިފައި މި އޮތް އުނދަގޫ ދަތުރު ގުޅިފައި މި އޮތީ އެކި ސަރުކާރުތަކުން ކުރަމުން ދާ ބޮޑެތި ހަރަދުތަކާ އެވެ. ދަރަނިތަކާ އެވެ. އޭގެ ހިތި ބޭސް މި ދަނީ ބޮމުންނެވެ.

ކޮމެންޓް (21)

ހަގީގަތް

13 ޖުލައި 2025
ސަރުކާރުން ކުރަން އުޅޭކަން ރަނގަޅުވާހަކަ މިބުނަނީ. އަހަރުމން މިހާރު އުދަގޫވިޔަސް ފަހުން ރަނގަޅުވާނެ، ސަބަބަކީ މީ އެހެން ރައީސުން ގޮތަށް ވަގުތީ ކަންކަމަށް ނުބަލާ މުސްތަގުބަލަށް ބަލާ ރައީސަކަށް ވުން
1 1

4555

12 ޖުލައި 2025
ރާއްެޖެ ވިއްކައިގެން ލިބުނު 6 ބިލިއަން ޑޮލަރު ރާއްޖެ ނުވަންނަނީ ކީއްވެ؟ އެ ނުވަންޏަ ކަމަށް ވަންޏާމު އެގޮތަށް ރާއްޖެ ވިއްކުމުގެ ބޭނުމެއްނެތް. ބޭރުގެ އުޅޭ ނަމެއްގަ ދިވެހިންނާ ބޭރު މީހުން މުއްސަނދިކުރަން.
0 1

ނުލިޔާ ވާހަކަ

12 ޖުލައި 2025
މައްސަލަ އަކީ ޑެފިސިޓް ބަޖެޓް ހިންގަން އުޅެފައި ބަޖެޓަށް ފައިސާ ނުހޯދުން. އޭގެ ސަބަބުން އެތެރޭގެ މާލީ ބާޒާރުން ހުރިހާ ފައިސާއެއް ހޯދުން. މިއީ މި ސަރުކާރުގެ ފޮރިން ޕޮލިސީ އަދި އިޤްތިސާދީ ސިޔާސަތުގެ ފެއިލިއަރއެއް. މިނޫނަސް ދަރަނި ދެއްކި ސަރުކާރުތަކުން. ސަނީސައިޑް ބޮންޑްވެސް ދެއްކީ. މިހެނެއް ނުވޭ. ސުކޫކާއި ބޮންޑް ރިފައިނޭންސް ކުރާނީ. މި ސަރުކާރުން އެކަންވެސް ރޭޓިންގ ވައްޓާލައި އަމިއްލަ ފަޔަށް ބަޑިޖެހީ. މިއީ އިހުމާލާއި މިސްމެނޭޖްމަންޓް.
3 3

ދުރުމި

13 ޖުލައި 2025
@ނުލިޔާ ވާހަކަ ދިވެހި ތާރީހު ގައިވެސް 2026 ގައި ދައްކަން އޮތް ވަރުގެ އެއްވެސް ދަަަރަންޏެއް ދައްކަން ޖެހުނު އެއްވެސް ސަރުކާރެއް އަދި ނާދެ
2 1

ޓެލެސްކޯޕް

13 ޖުލައި 2025
@ދުރުމި 2022 ގައި ވެސް ހަމަ ތިޔަ ހާލަތު ދިމާވި. އޭރުގައި ސަރުކާރަކުން ދައްކަން ޖެހުނު އެންމެ ބޮޑު އަދަދު ދައްކަން ޖެހުނީ. އެއާ މެދު ވާހަކަ ގިނަ ނުކޮށް ދަރަނި ރިފައިނޭންސްކޮށް ނިންމި. ޤާބިލު ބަޔަކަށް ކަންކަން ކުރެވޭނީ.
1 0

ދުރުމި

14 ޖުލައި 2025
@ޓެލެސްކޯޕް ތަފާސް ހިސާބު ބަލާ ކިޔަން އެނގޭތަ؟
0 1

ދުރުމި

12 ޖުލައި 2025
ހެސްކިޔާފަ މޑޕން ފައިސާ ޗާޕު ކުރުގެ ނަތީޖާ މިހަަރު މިފެންނަނީ ނުވިތާކަށް މޑޕން ނަގާފައި އޮތް ދަރަނި 2026 ގައި ދައްކަން ޖެހެޭތީ ސަރުކާރަށް މަޖުބޫރު ފިޔަވަޅު ތަކެއް އަޅާފައި އެއޮތި. ސްރީލަންކާ ޑެފަލްޓްވީ ގޮތަށް މި ޤައުމަށް ވާން މޑޕ ނޫން އެކަކުވެސް ބޭނުމެއް ނުވާނެ
5 8

ޓެލެސްކޯޕް

12 ޖުލައި 2025
@ދުރުމި ސުކޫކް ރިފައިނޭންސް ކުރެވޭނެ. ނޭގެންޏާ އެނގޭ ބަޔަކާ ހަވާލުކޮށްލާ. ސަނީސައިޑް ބޮންޑްވެސް ކޮވިޑްގެ ތެރޭގައި ރިފައިނޭންސްކުރި.
3 1

ދުރުމި

13 ޖުލައި 2025
@ޓެލެސްކޯޕް ކޮބާތަ ރީފައިނޭންސް ކުރުމަކީ! ދައްކަންޖެހޭ ދަރަނި އަނެއްކާ އެހެން ދައުރަކަށް ދަންމާލުން. ތިގޮތަށް ކިހާ ދުވަހަކު ދަންމާލަ ދަންމާލަ ތިބެވޭނީ! ވަގުތީ ހައްލު ހޯދަން އުޅޭތީ މިހާލަތަށް ކަންތައް ދިޔައީ. އަދިވެސް ތިއުޅެނީ އެހެން އުޅެވޭތޯ
1 1

ޓެެލެސްކޯޕް

13 ޖުލައި 2025
@ދުރުމި ޚަރަދު ކުޑަކޮށް، ރާއްޖޭގެ ރޭޓިންގ ރަނގަޅު ކުރިނަމަ، މިއަދު ކުރިއަށްވުރެ ކުޑަ އަގެއްގައި ރީފައިނޭންސް ކުރެވޭނެ. އަދި އެއްބައި ދައްކަން ބޭނުން ވިއްޔާ ދެއްކޭނެ ޤާބިލުކަންވެސް ހުންނާނެ. މިއަދު ޕެނިކް މި ވަނީ މިސްމެނޭޖްކުރީމާ.
2 0

ދުރުމި

14 ޖުލައި 2025
@ޓެެލެސްކޯޕް ޓެލެސްކޯޕު އަޅައިގެން ބަލައިގެންވެސް އިނގެނީ ދަރަނި ނަގައިގެން މެނޭޖުކުރަން ކަމަށް ވަންޏާ ދެން އިތުރަށް ބުނާނެ ވާހަކައެއް ނެތް. އަބަދުވެސް ބޭސްމަލަން އަޅައިގެން ވަގުތީ ފަރުވާ ހޯދުމުގެ ވިސްނުން ގެންގުޅެންޏާ ސަލާމަތެއް ނެތް. ރީފައިނޭންސް އަކި ހައްލެއް ނޫން. ހައްލަކީ އަނބުރާ ދެއްކުން
0 0

ހުވަދޫ އަހައްމަދޭ

12 ޖުލައި 2025
ލާހިކު ކުޅަދާނައެއްނޫން މިގައުމު ވެއްޓިފަ އޮތް އިގްތިސާދީ އަނދަވަޅުން ނަގާކަށް ޔާމީން ނޫން މީހަކަށް. އޭނަ ޖަލަށް ލިޔަސް އުލު ބޭންދިޔަސް މިއީ ހަގީގަތް.
8 5

ހައްދުންމަތި އަހައްމަދޭ

13 ޖުލައި 2025
@ހުވަދޫ އަހައްމަދޭ މިހާލަތަކީ އެއްވެސް މީހަކަށް ކަމެއް ކުރެވޭނެ ހާލަތެއް ނޫން. ރައްޔިތުން ނޫނީ. ރައްޔިތުންނެއް ނޭދޭ ތިމާގެ އާއިލާ މިހާއަށް ދީފައިވާ ސިޔާސީ މަގާމު އުވާލައި ޚަރަދު ކުޑަކުރާކަށް. ރައްޔިތުން ނޭދޭ ޕުރޮޖެކްޓުތައް ހުއްޓޭކަށް. ނުކަތާވަރުވެސް ދަރަނި ނަގައިގެން ކަންކަން ކުރަން ރައްޔިތުން ބޭނުންވަނީ. މިހާލަތަކީ އެއްވެސް މީހަކަށް ހުއްޓުވޭނެ ހާލަތެއް ނޫން. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، ނިކަން ރައްޔިތުން ގޮވާބަލަ ސިޔާސީ މަގާމު އުވާލައި ޚަރަދު ކުޑަކުރަން. ސިޔާސީ މަގާމު އުވާލަން ގޮވަނީ ސިޔާސީ މަގާމު ނުލިބޭ އިދިކޮޅުން އެކަނި. މިހެނެއް ނުހިނގާނެއެއްނު
1 0

ރިޒޯޓް ބޯއީ

12 ޖުލައި 2025
މުއިއްޒު ގަދަކަމުން މަހަކަށް ދަމައިގަންނަ ގާތްގަނޑަކަށް ސާޅީސް މިލިއަން (އޭނަގަ ގަވަރުނަރު ނެރޭ ހިސާބުން) ޑޮލަރު ކުރިންނަމަ އެއީ އާއްމު މާކެޓަށް ނުކުންނާނެ އެއްޗހި. އޭތި އެނބުރޭނީ އާއްމުންގެ ތެރޭގެ. ކޮބާ އެއްކަލަ ހަޅޭލެވި ބައިގަނޑު ރިޒޯޓު އޯނަރުންނާ ދިމާލަށް. މުއިއްޒުގެ ސިޔާސަތުން ކަލޭމެންނަށް 15.42 ޑޮލަރު ލިބޭ އުތަ؟
11 2

މަބުނާނީ

12 ޖުލައި 2025
ކުރީގެ ހުރިހާ ސަރުކާރުތަކުން ނެގި ދަރަނި ﷲގެ ވާގިފުޅާ އެކު މި ސަރުކާރުން ދައްކާ ކަލާސްކުރާނެ. މިއަހަރު 500 މިލިއަން ޑޮލަރު ދެއްކޭ ކަމުގެ ވަރށްބޮޑު ޔަގީންކަން އެބައޮތް. އަދި އަންނަ އަހަރު 1.2 ބިލިއަން ވެސް ދައްކާ ނިންމާނެ. ރައްޔިތުން ކެތްކޮށްގެން ހިތި ބޭސް ބޯލާ. އެއަށް ފަހު ފޮނި މާމުއި ބޯން ލިބޭނެކަމީ ޝައްކެތް ނެތްކަމެއް.
2 10

ކޮސް

12 ޖުލައި 2025
@މަބުނާނީ ބަލަ ސަރުކާރުގެ ޤާބިލުކަމެއްނޫން.އާއްމު ރައްޔިތުންނަށް ތުރާ ޖައްސާފަ، ދަރަނި އަދާކުރަށޭ ކިޔާފަ ކުރާހާ ކަމަކީ.
7 2

އޭނަބުނީ

12 ޖުލައި 2025
@މަބުނާނީ ދަރަނި މެނޭޖްކޮށް ރިސްކު ކުޑަކުރަން ނޭގޭތީ އަބަދު އެ ދައްކާ ވާހަކަ ދައްކަން ޖެހެނީ. އެއީ ހަމައެކަނި އޮޕްޝަނެއް ނޫން. އެއަށްވުރެ މޮޅެތި، ރައްޔިތުންނަށް މާ ދަތިނުވެ ކުރެވޭނެ ގޮތްވެސް އެބަހުރި.
5 0

ހުސެން

12 ޖުލައި 2025
@މަބުނާނީ ދެން އޭރުގައި އޮތް ސަރުކާރަކަށް ދޯ އެކަންވާނީ.
1 0

ޑޮކްތަރު ގަނޭބާ

12 ޖުލައި 2025
ހިންގަން ނޭގޭ ބަޔަކު ވެރިކަމަށް އައިސް ކަރްޕްށަން ބޮއޮބޮއި ގައުމު ހަލާކިކޮަށްލީ.
9 2

ސިކުނޑި

12 ޖުލައި 2025
ހިތުލަފަޔަށް ވެރިކަން ކުރާތީ ހިތި ބޭސް ބޯންޖެހެނީ!
10 1

ޖަަ555

12 ޖުލައި 2025
ރާއްޖެއަށް ޖެހިގެން އުޅެނީ ޑޮލަރު ކްރައިސްސް އެއްނޫން. ވައްކަމާ ފޭރުމުގެ ކްރައިސިސްއެއް. މިހާލަތުގައި ނޫސްވެރިންގެ ޒިންމާއަކީ ރާއްޖެއަށް ޑޮލަރު ވަންނަން ޖެހޭ ވަރާ، ވަން ވަރާ އެކަމުގައި ސަރުކާރު އަދި މަޖިލީޙުން ފިޔަވަޅު އަޅަން ފަސްޖެހެނީ ކީއްވެކަމާ ހޯދުން. ވައްކަން ވައިޓް ވޮޝް ކުރުމެއްނޫން ކޮލޯނިއަލް ސިސްޓަމަކަށް އޮންނަ ޓުއަރިޒަމް ހަމަމަގަށް އަޅުވަން ކުރަނެ ކަންކަން
9 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް