މަނީ އެކްސްޗޭންޖެއްގައި މީހަކު ބޭރު ފައިސާ މާރު ކުރަނީ: ޑޮލަރުގެ އަގު ދަނީ އުފުލެމުން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20ރ. އަށް އަރަން ގާތްކޮށްފި

ބޭރު ފައިސާ މާރުކުރާ ބައެއް ތަންތަނުން ބުނި ގޮތުގައި ޑޮލަރުގެ ރޭޓު އުޅެނީ 19.80ރ. އާއި 19.90ރ. އާ ދެމެދުގައި

ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރު ވިއްކާ އަގު 20ރ. އަށް އަރަން ގާތްކޮށްފި އެވެ.

ވީކިހިނެއް؟ - އެމެރިކާ ޑޮލަރުގެ ރަސްމީ އަގަކީ 15.42ރ. ކަމަށް ވިޔަސް، ކަޅު ބާޒާރުގައި އެ އަގު 19ރ. އަށް އަރައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ތަފްސީލް - މާލޭގައި ބޭރު ފައިސާ ގަނެވިއްކާ ބައެއް ތަންތަނުން މިއަދު ބުނި ގޮތުގައި އެ ތަންތަނުން މިއަދު ޑޮލަރު ގަންނަނީ 19.80ރ. އަށެވެ. 

ޑޮލަރު ވިއްކާ އަގު އުޅެނީ 19.90ރ. އާއި20ރ. އާ ދެމެދުގަ އެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރާ ސޯޝަލް މީޑިއާ ގްރޫޕުތަކުގައި ވެސް ޑޮލަރު ގަންނަން އަދި ވިއްކަން ހުށަހަޅާ އަގުތައް އުޅެނީ ޑޮލަރެއް 19.75ރ. އާއި 20ރ. އާ ދެމެދުގަ އެވެ.

މާލޭގައި ބޭރު ފައިސާ މާރުކޮށް ގަނެވިއްކާ ބައެއް ތަންތަނުން ބުނެފައިވާ ގޮތުގައި:

  • ޑޮލަރުގެ އަގުތައް ބޮޑުވަމުން ދަނީ ދުވަހަކަށް ފަހު ދުވަހެއް ބާޒާރުން ޑޮލަރު ލިބުން ދަތިވުމުން 

  • އެ ބަދަލު އަންނަން ފެށީ ރިސޯޓްތަކުން ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެރުނު ގަވައިދާ ރިސޯޓްތަކުން ދެކޮޅު ހަދަން ފެށި ފަހުން

އެނގުން މުހިންމު - ޑޮލަރު މާރުކުރަން މަޖުބޫރުކޮށް އެމްއެމްއޭއިން ނެރެފައިވާ ގަވައިދު އެގޮތަށް ދަމަހައްޓާ ނަމަ ޑޮލަރުގެ އަގު ފުރަތަމަ އަހަރު 19.50ރ.އަށް އަދި ދެ ވަނަ އަހަރު 21.7ރ.އަށް އަރާނޭ ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފައިވެ އެވެ. 

އެ ބަދަލު އަންނަނީ ރިސޯޓްތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާއި ދިވެހި ބައެއް ކުންފުނިތަކުގެ ބިލްތަކަށް ޑޮލަރުން ފައިސާ ދެއްކުން ހުއްޓާލުމުން އިގްތިސާދުގައި ދައުރުވާ ޑޮލަރު މަދުވާނެތީ އެވެ. 

އެމްއެމްއޭން ނެރުނު ގަވައިދު ގާނޫނަކަށް ބަދަލުކޮށް، މިދިޔަ ޖެނުއަރީން ފެށިގެން އަމަލު ކުރަމުން އަންނަ ބޭރު ފައިސާގެ އެ ގާނޫނުގެ ދަށުން:

  • ރިސޯޓުތަކަށް ލިބޭ އާމްދަނީން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރަން ޖެހޭ

  • ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

  • ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ އިތުރުން މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރަން ޖެހޭ

ކޮމެންޓް (1)

ހޮއެ

12 ޖުލައި 2025
ބޭރުފައިސާ މާރުކުރުމުގެ ހުއްދަ ދީފައިވަނީ އެބަޔަކު ބޭނުން ރޭޓެއްގަ ޑޮލަރު މާރުކުރެވޭ ގޮތަށްބާ؟! އެމްއެމްއޭ މީ ކީއްކުރާ ތަނެއް. މިތަންތަން ސުޕަވައިޒުކޮށް ނުބެލެހެއްޏާ ވާނީމހެން. މިރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ އެއްވެސް ކަމެއް ތަންފީޒު ނުކުރެވުން
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް