ބޭރު ފައިސާ މާރުކުރާ ތަނެއްގެ ކައިރީ މީހުން ކިޔުހަދާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޑޮލަރުގެ އަގު މަތިވުމުގައި ސްޕެކިއުލޭޝަން؛ ވިޔަފާރިތަކަށް ދޭ ޑޮލަރު އިތުރުކުރަނީ
ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ އަގު މިފަހުގެ ތާރީހެއްގައި ނުދާހާ މައްޗަށް މި ވަނީ ގޮސްފަ އެވެ. ކަޅު ބާޒާރުގައި މިއަދު ރޭޓަކީ ޑޮލަރެއް 20.20ރ. އެވެ. މި ބަދަލު މި އައީ ފަތުރުވެރިކަން އާންމުކޮށް ހީނަރު ދުވަސްވަރާ ދިމާކޮށެވެ. ސަބަބަކީ ކޮބައިތޯ އެމްއެމްއޭގެ އިސް އޮފިޝަލަކާ ސުވާލުކުރުމުން ތަފާސްހިސާބުތަކާ އެކު އޭނާ ވިދާޅުވީ، "މިހާރު ކުރިމަތިވެގެން މިއުޅެނީ ސްޕެކިއުލޭޝަން ނުވަތަ މިހެން އަގަށް ވެދާނޭ ކަމަށް މީހުން ލަފާކޮށް ވާހަކަ ދައްކާތީ ވެގެން އުޅޭ ގޮތެއް" ކަމަށެވެ.
'ދައުރު'ން އެދުމުން އެމްއެމްއޭން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކަނީ ބޭންކިން ނިޒާމަށް ޑޮލަރު ވަދެފައިވާ މިންވަރު އިތުރުވެފައިވާ ތަނެވެ. އަދި ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭން ދޫކުރާ ޑޮލަރު ވެސް އިތުރުވެފައިވާ ކަމެވެ.
އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %20 މާރުކުރަން މަޖުބޫރުކޮށް އަމަލުކުރަން ފެށި ސިޔާސަތަކާ އެކު:
-
ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ރާއްޖޭގެ ބޭންކުތަކަށް މާރުކުރާ އަދަދު މިހާރު ހުރީ %20އަށް މައްޗަށް ޖެހިފައި؛ މިދިޔަ ހަތަރު އަހަރު ވެސް އެ އަދަދު ހުރީ %10ގައި
-
މިދިޔަ މަހުގެ 30ގެ ނިޔަލަށް 362 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވޭ
-
އެ އަދަދުގެ ތެރެއިން އެމްއެމްއޭއަށް ލިބިފައި ވަނީ %60
"އެމްއެމްއޭއަށް ލިބޭ ޑޮލަރުގެ ބޮޑު ބަޔަކީ ވެސް އަޅުގަނޑުމެން ހަމަ އަނބުރާ ދޭ ފައިސާ. ގިވިން ބެކް އިގްތިސާދަށް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާގެ ވާހަކައަށް ހިސާބުތަކުން ބާރު ލިބެ އެވެ. އެގޮތުން:
-
އެމްއެމްއޭން ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވިއްކާފައިވާ ޑޮލަރުގެ އަދަދު ވަނީ %14 އިތުރުވެފައި
-
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭރަށް ހަދާ ޕޭމަންޓްތަކަށް %30އާ ހަމައަށް ބޭންކުން ޑޮލަރު ފޯރުކޮށްދޭން ވަނީ ފަށާފައި
-
އެމްއެމްއޭން ބުނަނީ އެ އަދަދު %50އާ ހަމައަށް ވަރަށް އަވަހަށް ގެންދާނޭ ކަމަށް
ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ފޯރުކޮށްދެވޭ ޑޮލަރު އިތުރުކުރެވޭ ނަމަ އެއީ ކަޅު ބާޒާރަށް އޮންނަ ޑިމާންޑް ކުޑަކުރެވޭނެ ކަމެކެވެ. އެއީ ޑޮލަރު މާރުކުރުން މަޖުބޫރުވާ ސިޔާސަތު ކާމިޔާބުވާ ކަމުގެ ނިޝާނެކެވެ. އޭރުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިންޓަވެންޝަން ބާޒާރުގައި ބޮޑުކުރެވޭނެ އެވެ.
ދެން އެންމެ ގިނައިން ރާއްޖެއިން ބޭރަށް ޑޮލަރު ދާ އެއް ސަބަބަކީ ބޭރުގެ ދަރަނި ދައްކަން ބޮޑު އަދަދެއް ހަރަދު ކުރަން ޖެހުމެވެ. އެގޮތުން:
-
މިދިޔަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް 88 މިލިއަން ޑޮލަރު، އެކި ސަރުކާރުތަކުގައި ނަގާފައިވާ ލޯނުތަކަށް، ދައްކަން ހަރަދުކުރި
-
މި އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް 172 މިލިއަން ޑޮލަރު ލޯނުތަށް ދެއްކުމަށް ހަރަދުކޮށްފައިވޭ
-
މި އަހަރު ބޮންޑު ދެއްކުމަށް 27.5 މިލިއަން ޑޮލަރު ހޭދަކޮށްފައިވޭ
ދަރަނި ދައްކަން ހޭދަކުރާ ވަރު އިތުރުވަމުން ދިޔުމުން ރާއްޖޭގެ އިގްތިސާދުގައި ޑޮލަރު ދައުރުވާ ވަރަށް ބަދަލުތަކެއް އަންނާނެ އެވެ. އެއީ މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ނަމަވެސް، މަރުކަޒީ ބޭންކުގެ ލަފާކުރުމަކީ ޑޮލަރުގެ އަގު އިތުރަށް މައްޗަށް ނުދާނޭ ކަމަށެވެ.
ޓޫރިޒަމްގެ ދަށް ސީޒަނެއް ނަމަވެސް އޮގަސްޓާ ހަމައަށް ރިސޯޓްތަކުގެ އޮކިއުޕަންސީ ވެސް އަދި ހުރީ ރަނގަޅަށެވެ. އެހެންވީމާ އަލުން ކުރިން ހުރިވަރަށް ޑޮލަރުގެ އަގު ތިރިވެ ހަމަޖެހޭނޭ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި މަހު ޓޫރިސްޓުން ރާއްޖެ އައި ވަރު ވެސް ވަނީ %14 އިތުރުވެފަ އެވެ. އަދި މި ދަށް ސީޒަންގައި ވެސް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 5،838އަށް އިތުރުވެފަ އެވެ. މިދިޔަ މަހު އެ އަދަދު ހުރީ 4،726 މީހުންގަ އެވެ. އެހެންވީމާ، މި މަހު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މި ވަނީ މައްޗަށް ޖެހިފަ އެވެ.
އެހެންވީމާ، ނަމްބަރުތަކުން ޑޮލަރުގެ އަގު މި ފެންނަނީ ރަނގަޅުވުމާ ދިމާލަކަށް ދާ ތަނެވެ.
ކޮމެންޓް (6)
ޓީޓީ
ބެއްޔާގެ ދަރި
ނަޒް
ތެފައާސާ.
މުވައްރިޚް
ހަމީދު