ކ. ތިލަފުށި: އެ ރަށުން ބިން ވިއްކަން ކުރި އިއުލާން މިއަދު ވަނީ ބާތިލުކޮށްފައި. (ފޮޓޯ/އެޗްޑީސީ)

ތިލަފުށި

ތަރުހީބު ބޮޑުވިޔަސް ތިލަފުށިން ބިން ދޫކުރަން ކުރި އިއުލާން ބާތިލުކޮށްފި

ތިލަފުށިން ސިނާއީ ބޭނުންތަކަށް 100އަށް ވުރެ ގިނަ ބިން ކުއްޔަށް ދޭން އެޗުޑީސީއިން އިއުލާންކުރީ މިދިޔަ އަހަރު؛ ނަމަވެސް މާސްޓަޕްލޭނަށް ގެނައި ބަދަލުތަކާ އެކު ލޭންޑް ޔޫސް ޕްލޭން ބަދަލުކުރާތީ އެ އިއުލާން މިއަދު ވަނީ ބާތިލުކޮށްފައި

ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރަން އެޗުޑީސީއިން މިދިޔަ އަހަރު ކުރި އިއުލާން ބާތިލުކޮށްފި އެވެ.

އެނގުން މުހިންމު - ތިލަފުށީގެ މާސްޓަ ޕްލޭންގެ ދަށުން ސިނާއީ ބޭނުމަށް ބިން ދޫކުރަން އެޗުޑީސީއިން މިދިޔަ އަހަރު ފުރަތަމަ އިއުލާންކުރީ މާޗުގަ އެވެ. އެއީ:

  • 2،500-4،999 އަކަފޫޓުގެ 64 ބިން 

  • 5،000-9،999 އަކަފޫޓުގެ 42 ބިން 

  • 10،000-14،999 އަކަފޫޓުގެ ދެ ބިން 

އޭރު އެޗުޑީސީއިން ނިންމާފައި އޮތީ ބޭރު މީހުންނަށް ވެސް ބިން ގަނެވޭ ގޮތަށެވެ. އެއާ އެކު ފާޑުކިޔުން އަމާޒުވުމުން އެ އިއުލާން ބާތިލުކޮށް، ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް އިސްލާހު ކުރުމަށްފަހު އަލުން އިއުލާން ކުރީ 3 ޖުލައި 2024 ގައެވެ.

އެކަމަށް ލިބުނު ތަރުހީބު ބޮޑުކަމުން، ޖާގަ ލިބޭ މިންވަރަކުން ބިން ވިއްކަން އިތުރު ފުރުސަތަކަށް ހުޅުވާލާނެ ކަމަށް، 14 ޖުލައި 2024 ގައި އެ ކުންފުނިން އިއުލާންކުރި އެވެ.

ތަފްސީލު - ނަމަވެސް އެޗުޑީސީއިން މިއަދު ބުނީ މާސްޓަ ޕްލޭނަށް ގެނައި ބަދަލުތަކެއްގެ ސަބަބުން ތިލަފުށީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

"ވީމާ ހަވާލާދީފައިވާ އިއުލާންތަކާ ގުޅިގެން މި ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކާއި މި ކޯޕަރޭޝަނުން އެ ފަރާތްތަކަށް ފޮރނުވާފައިވާ އޮފާތައް ބާތިލުކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގައި އިއުލާން ކުރަމެވެ،" އެޗުޑީސީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު އެޗުޑީސީގެ 1516 ހޮޓްލައިނަށް ގުޅައިގެން ސާފުކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް