ސިނާއަތް މަސައްކަތްތައް ކުރާ ތިލަފުށި: އެ ރަށުން ބިން ވިއްކަން ވަނީ ހުޅުވާލާފައި (ފޮޓޯ/އެޗްޑީސީ)
ތިލަފުށިން ވިޔަފާރިތަކަށް 100 އަށް ވުރެ ގިނަ ބިން ވިއްކަން އިއުލާންކޮށްފި
ތިލަފުށިން ވިޔަފާރިތަކަށް 100 އަށް ވުރެ ގިނަ ބިން ދޫކުރަން އެ ރަށް ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިއުލާންކޮށްފި އެވެ.
ތަފްސީލް - އެޗްޑީސީން މިއަދު އިއުލާންކޮށްފައި ވަނީ ބީލަމުގެ އުސޫލުން 108 ބިމެއް ވިޔަފާރިތަކާއި ސިނާއީ އެކި މަސައްކަތްތައް ކުރުމަށް ތިލަފުށިން ވިއްކުމަށެވެ. އެގޮތުން ވިއްކާ ބިންތަކުގެ ތަފްސީލަކީ:
-
2،500-4،999 އަކަފޫޓުގެ 64 ބިން
-
5،000-9،999 އަކަފޫޓުގެ 42 ބިން
-
10،000-14،999 އަކަފޫޓުގެ ދެ ބިން
އެޗްޑީސީން ބުނީ އެ ބިންތަކަށް ބީލަން ހުށަހެޅަން ޖެހޭނީ އެ ކުންފުނީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ - އެޗްޑީސީން އެންމެ ފަހުން ތިލަފުށިން ބިން ވިއްކަން އިއުލާން ކުރީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ. އޭރު ބީލަން ފެށޭ އަގެއްގެ ގޮތުގައި އޮތީ އަކަފޫޓެއް 1،700ރ. އެވެ.
-
މިފަހަރު ޖުމްލަ ވިއްކާލަނީ ގާތްގަނޑަކަށް 769،892 އަކަފޫޓުގެ ބިން
-
އެ ބިންތައް އެކީ ވިކިއްޖެ ނަމަ 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް އެޗްޑީސީއަށް ލިބޭނެ
އެޗްޑީސީގެ ބަސް - ބިން ވިއްކަން ކުރި އިއުލާނުގައި އެޗްޑީސީން ބުނީ ތިލަފުށްޓަކީ ވިޔަފާރިވެރިނަނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމަށް ޒަމާނީ ފެނަވަރަށް ތަރައްގީ ކުރާ ރަށެއް ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ތަރައްގީގެ މުހިއްމު މަޝްރޫއުތައް ތާވަލާ އެއްގޮތަށް ވީހާ ވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް ފައިދާ އާއި މަންފާ ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
އެނގުން މުހިންމު - ތިލަފުށިން މިފަހުން ވަނީ 120 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. މި ސަރުކާރުން މިހާރު ވަނީ ގުޅީފަޅުގައި ހަދަން ނިންމާފައިވާ މައި ވިޔަފާރި ބަނދަރު ތިލަފުށީގައި ގާއިމްކުރަން ނިންމައިފަ އެވެ.