ތިލަފުށި މަތިން ނަގާފައިވާ ފޮޓޯ އެއް (ފޮޓޯ/އެޗްޑީސީ)
ބިން ދިނުމުގައި ގޯހެއް ނަހަދަން؛ އަމަލުކުރީ އުސޫލުން: އެޗްޑީސީ
ވިޔަފާރި ބޭނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބިން ދޫކުރުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން މިއަދު ހަބަރު ގެނެސްދީފައިވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ، އެކަން ކުރަނީ އުސޫލުގެ ދަށުން ކަމަށް ބުނެ އެ ކުންފުނިން މިއަދު ބަޔާނެއް ނެރެފި އެވެ.
ވީ ކިހިނެއް؟ - ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ދޫކުރަން ހުޅުވާލާފައިވަނީ ސަރުކާރުން ބޭނުންވި ބަޔަކަށް އަގުހެޔޮކޮށް ބިންތަކެއް ދިނުމަށް ފަހު ކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓު ކޮށްފައިވެ އެވެ. އެގޮތުން، މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި:
-
ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ހުޅުވައިލީ، އޭގެ ކުރިން ސަރުކާރުގެ އިސް މީހުންނާ ގުޅުން އޮންނަ ފަރާތްތަކަށް އަގުހެޔޮ ރޭޓެއްގައި ބިން ދޫކުރުމަށްފަހު
-
އެ ބިންތައް ދޫކުރީ، އިއުލާނު ކުރުމެއް ނެތި ހަމައެކަނި ހުށަހެޅި ސިޓީއަކަށް؛ ސިޓީ ހުށަހެޅި ފަރާތްތަކަށް ބިން ދޫކޮށްފައިވަނީ އަކަފޫޓަކަށް 5ރ. އަށް
-
ނަމަވެސް އިއުލާނާ ގުޅިގެން ބިން ދޫކުރަނީ އަކަފޫޓެއް 8ރ. އަށް؛ އިއުލާނުގެ ދަށުން ދޫކުރާ ބިންތަކުގެ އެހެން ރޭޓުތައް ވެސް ދެގުނަ ބޮޑު
ބުނީ ކީކޭ؟ - އެ ހަބަރާ ގުޅިގެން ނެރުނު ބަޔާނުގައި، އެޗްޑީސީ އާއި ކަސްޓަމަރުންނާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެދު މައުލޫމާތު ގެނެސްދިނުމަށް އެ ކުންފުނިން މީޑިއާތަކަށް އިލްތިމާސްކުރި އެވެ.
އެޗްޑީސީން ބުނި ގޮތުގައި:
-
ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދޫކުރަމުންދަނީ، އަބަދުވެސް އަމަލުކުރަމުން އަންނަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ޕްރޮސެސްގެ ތެރެއިން
-
އެ ޕްރޮސެސްގެ ތެރެއިން ހުރިހާ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެކަމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބުން ހުރިހާ ފަރާތްތަކަށް ވެސް ކޯޕަރޭޝަނުން އަންނަނީ ބިން ދޫކުރަމުން
-
ބިން ކުއްޔަށް ދޫކުރަން ކަނޑައެޅިފައިވާ އަގުތަކަކީ އެޗްޑީސީގެ ބޯޑުން އެންޑޯޒްކޮށްފައިވާ އަގުތައް
އެހެންކަމުން، އެޗްޑީސީއާ ގުޅޭ ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި މި ކޯޕަރޭޝަނުން މައުލޫމާތު ސާފު ކުރުމަށްފަހު ހަބަރު ގެނެސްދިނުމަށް އެ ކުންފުނިން މީޑިއާތަކަށް އިލްތިމާސްކުރި އެވެ.