ސިނާއަތް މަސައްކަތްތައް ކުރާ ތިލަފުށި. (ފޮޓޯ/އެޗްޑީސީ)
ތަރުހީބު ބޮޑު، ޖާގަ ލިބޭ ނަމަ ތިލަފުށިން އިތުރަށް ވެސް ބިން ދޫކުރާނަން: އެޗުޑީސީ
ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ދޫކުރަން އެޗުޑީސީއިން ހުޅުވާލި ފުރުސަތުގައި އާންމުންގެ ތަރުހީބު ބޮޑުކަމުން، ޖާގަ ލިބޭ ކަމަށްވާ ނަމަ އިތުރަށް ވެސް ބިން ދޫކުރާނެ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން އެޗުޑީސީއިން އިއުލާންކުރީ 3 ޖުލައިގަ އެވެ. ބިން ދޫކުރަން ނިންމާފައިވަނީ ތިލަފުށި މާސްޓަ ޕްލޭނާ އެއްގޮތްވާ ގޮތުން މަތިންނެވެ.
ތަފްސީލު - އެޗުޑީސީއިން ބުނީ އެ އިއުލާނާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުގެ ތަރުހީބު ލިބި، ތިލަފުށިން ބިން ކުއްޔަށް ނެގުމަށް އެދި ސިޓީ ހުށަހަޅަމުން އަންނަ ކަމަށެވެ.
ބިން ކުއްޔަށް ދިނުމުގެ ކަންކަން ކުރިއަށްގެންދާނީ، އެ ކުންފުނިން ބުނި ގޮތުގައި، އިއްޔެގެ ނިޔަލަށް ސިޓީ ހުށަހެޅި މީހުންގެ ތަރުތީބުން، ބިމުގެ ޖާގަ ހުރި މިންވަރުންނެވެ.
އެ މަރުހަލާ ނިންމުމަށް ފަހު ތިލަފުށީގައި އިތުރަށް ހުސް ބިން ހުރި ކަމަށްވާ ނަމަ، ބިން ކުއްޔަށް ދޫކުރުމުގެ އިތުރު ފުރުސަތަކަށް ހުޅުވާލާނެ ކަމަށް އެޗުޑީސީއިން ބުނެ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗުޑީސީގެ ހޮޓްލައިން ނަންބަރު 1516އަށް ގުޅައިގެން ލިބޭނެ އެވެ.