ތިލަފުށި މަތިން ނަގާފައިވާ ފޮޓޯ އެއް (ފޮޓޯ/އެޗްޑީސީ)

އެޗްޑީސީ

ދިވެހިންނަށް އެކަނި ބިން ގަނެވޭ ގޮތަށް ބަދަލުކޮށް ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި

- އެޗްޑީސީ އިން ބުނީ ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ކަމަށް

ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން އަލުން ހުޅުވާލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެ އެވެ.

ފާހަގަ ކުރެވޭ - ތިލަފުށިން ވިޔަފާރިތަކަށް 100 އަށް ވުރެ ގިނަ ބިން ދޫކުރަން އެޗްޑީސީ އިން މިދިޔަ މަހު ހުޅުވާލި އެވެ. އޭރު އެޗްޑީސީ އިން ނިންމާފައި އޮތީ ބޭރު މީހުންނަށް ވެސް ބިން ގަނެވޭ ގޮތަށެވެ. ނަމަވެސް ފާޑުކިޔުންތަކާއެކު އޭރު ކުރި އިއުލާ ނު އެ ކުންފުނީގެ ވެބްސައިޓުން ވަނީ ނަގައިފަ އެވެ.

އެނގިފައިވާގޮތުގައި އެ އިއުލާނު ނެގީ ބޭރު މީހުންނަށް ބިން ގަނެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމަށެވެ.

ވީ ކިހިނެއް؟ - އެޗްޑީސީ އިން ބުނީ ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ކަމަށެވެ.

މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމަކީ ވެސް އެ ރަށުން ބިން ވިއްކުމުގެ ބޭނުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ތަފްސީލް - ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އިސްކަން ދޭނެ އެވެ.

އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް އެޗްޑީސީ އިން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީ އިން ބުނީ؛

  • ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރާ ކަމަށް

  •  ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމްކޮށް ހިދުމަތްތައް އިތުރަށް ތަރައްގީ ކުރަން އަބަދު ވެސް މަސައްކަތް ކުރާ ކަމަށް 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް