އައްޑޫ މޭޔަރު ނިޒާރު، އެމްޑީޕީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/އެމްޑީޕީ)

އަލީ ނިޒާރު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް: މޭޔަރު ނިޒާރު

ނިޒާރު ވިދާޅުވި ގޮތުގައި، ސަރުކާރުން ބަލަނީ އައްޑޫ ރައްޔިތުންނަކީ "ދެވަނަ ދަރަޖައިގެ ރައްޔިތުންގެ" ގޮތުގައި

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީވެ، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަނެއްކާވެސް އައްޑޫން މިއަދު ކަރަންޓު ކެނޑެން ވަނީ ފަށާފަ އެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ނިޒާރު ވަނީ މިރޭ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ތަފްސީލު - ނިޒާރު ސިފަ ކުރެއްވި ގޮތުގައި، އައްޑޫގައި ކަރަންޓު ނެތި އަނެއްކާވެސް ރައްޔިތުން ދަނީ މުސީބާތުގެ "ހާލަތު ތަހައްމަލު ކުރަމުން"ނެވެ. އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި:

  • ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން ދަނީ ކަރަންޓް ކެނޑަމުން

  • މިކަމުގެ ސަބަބުން، ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން އަދި އާންމު ހިދުމަތްތަކަށް ވަނީ ހުރަސްއެޅިފައި

  • އައްޑޫ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެ ފަހަރަށް މިއަދު ވެސް ވަނީ ކަރަންޓް ކަނޑާލާފައި

"ރައީސް މުއިއްޒު، މާލެއިން 5 ގަޑިއިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތު ކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި،" މިދިޔަ ޖޫން މަހު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހާދިސާއަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވި އެވެ.

އެއާ އެކު، އިދިކޮޅު އެމްޑީގެ ނިޒާރު ވިދާޅުވީ "އައްޑޫ ރައްޔިތުންނަކީ، އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެއްލެވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

"އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން. އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ނުވެ 2 އަހަރު ވާން ކައިރިވެފައި ވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" އޭނާ ޕޯސްޓު ނިންމާލައްވަމުން ލިޔުއްވި އެވެ.

ކޮމެންޓް (1)

ސިނާނު

22 ޖުލައި 2025
ނިޒާރަށް ގޮވާލަން ރައްޔިތުންނާއެކު މަގުމައްޗަށް ނުކުންނަވައި ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ނުދެނީސް ގެއަށް ނުވަނުމަށް. ކުރިޔަށް އޮތް އިންތިޚާބާ ޖެހެންދެން މިގޮތުގައި ދެމިތިބެ ހަމަހިމޭން ސުލްހަވެރި ހަޅުތާލު ކުރިޔަށް! މޭޔަރ ނިޒާރު ކުރިޔަށް ބާރަށް ކުރިޔަށް!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް