އައްޑޫ އަށް ގެންދިޔަ އިންޖީނު އަންލޯޑު ކުރަނީ (ފޮޓޯ/ފެނަކަ)

އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރަން އާ އިންޖީނެއް ގެންގޮސްފި

އިންޑިއާ އިން ގެނައި 1.8 މެގަވަޓް ގެ އާ އިންޖީނު ގެންދިޔަ ދޯނި މިހާރު ވަނީ އައްޑޫ އަށް ބަނދަރު ކޮށްފައި؛ ފެނަކަ އިން ބުނީ 48 ގަޑިއިރުތެރޭ އިންޖީނު އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އިންޑިއާ އިން ގެނައި1.8 މެގަވޯޓުގެ އިންޖީނު އައްޑޫ އަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - ރޯދަ މަސް ފެށުނު ފަހުން ވެސް އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑި ރައްޔިތުންނަށް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ. ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.  

ތަފްސީލް - އެ މައްސަލަ ހައްލު ކުރުމަށް ފެނަކަ އިން ވަނީ އިންޑިއާ އިން އާ ޖެނެރޭޓަރެއް ގެނެސް އައްޑޫ އަށް ފޮނުވައިފަ އެވެ.

އެ ކުންފުނިން މިރޭ ބުނީ، އައްޑޫގެ ސެންޓްރަލް ޕަވަ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާ އިން ގެނައި 1.8 މެގަވަޓް ގެ އާ އިންޖީނު ގެންދިޔަ ދޯނި މިހާރު އައްޑޫ އަށް ބަނދަރު ކޮށްފައިވާ ކަމަށެވެ.

އިންޖީނު އަންލޯޑްކޮށް ސެންޓްރަލް ޕަވަ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 48 ގަޑިއިރުތެރޭ  އިންޖީނު އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފެނަކަ އިން ބުނީ ކަރަންޓުގެ ކެނޑުމުގެ  ތަކުލީފުތަކާއެކު ވެސް، އައްޑޫގެ ރައްޔިތުން ކެތްތެރިކަން އިސްކޮށް ދައްކާ ނަމޫނާއާއި، މައްސަލަތައްހަކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް