މާފަރު އެއާޕޯޓަށް މޯލްޑިވިއަންގެ އޭ330 ޖައްސަނީ (ފޮޓޯ/މޯލްޑިވިއަން)

ނ. މާފަރު

ޓާމިނަލް ބޮޑުކޮށް މާފަރު އެއާޕޯޓަށް ގެންނާނީ ވަށާޖެހޭ ތަރައްގީއެއް: ރައީސް

ނ. އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތައް ހިންގާ، ޓޫރިޒަމްގެ ގިނަ އެނދުތައް ހުރި އަތޮޅެއް ކަމަށާއި އިތުރު ރިސޯޓުތައް އެ އަތޮޅުގައި ތަރައްގީ ކުރަމުން އަންނައިރު މާފަރު އެއާޕޯޓަކީ ޕޮޓެންޝިއަލް އޮތް އެއާޕޯޓެއް ކަމަށް ރައީސް ވިދާޅުވި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް އެކަށީގެންވާ ޓާމިނަލަކާ އެކު އެ އެއާޕޯޓަށް ގެންނާނީ ވަށާޖެހޭ ތަރައްގީއެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މާފަރު އެއާޕޯޓުގެ ރަންވޭއަށް އެކަށީގެންވާ ޓާމިނަލެއް ބޭނުންވާ ކަމަށެވެ.

އެނގުން މުހިއްމު - ވައިޑް ބޮޑީ އެއާކްރާފްޓު ޖެއްސޭ ފެންވަރަށް މާފަރު އެއާޕޯޓުގެ ރަންވޭ ތަރައްގީކޮށް މި މަހުގެ 8 ވަނަ ދުވަހު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.

އެ އެއާޕޯޓަކީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓު (އޭޑީއެފްޑީ)ގެ އެހީގައި ތަރައްގީކުރި އެއާޕޯޓެކެވެ. އެގޮތުން:

  • އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުން 49 މިލިއަން ޑޮލަރު ދީފައިވޭ

  • ދެވަނަ ފިޔަވައްސަށް އެ ފަންޑުން 27 މިލިއަން ޑޮލަރު ވަނީ ދީފައި

  • އެއާޕޯޓު ފުުރަތަމަ ހުޅުވީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް

  • ބޮއިން 777 ޖެއްސޭ ފެންވަރަށް މަސައްކަތް ނިންމައި އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސް މަރުހަލާ ފުރިހަމަ ކުރުމަށް އެ އެއާޕޯޓަށް ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 ބޯޓެއް

މާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މިއަދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ރައީސް މިއަދު ވިދާޅުވީ އިންޓަނޭޝަނަލް އެއަޕޯޓަކަށް ބޭނުންވާ އިތުރު ކަންތައް މާފަރު އެއާޕޯޓުގައި ގާއިމް ކުރަން ޖެހޭ ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ ޓާމިނަލްގެ މަސައްކަތް. އެކަށީގެންވާ ފެންވަރެއްގެ ޓާމިނަލެއްގެ މަސައްކަތް ކުރިއަށް ގެންދިޔުން. އަދިވެސް އިތުރު ކަންކަން އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ނ. އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތައް ހިންގާ، ޓޫރިޒަމްގެ ގިނަ އެނދުތައް ހުރި އަތޮޅެއް ކަމަށާއި އިތުރު ރިސޯޓުތައް އެ އަތޮޅުގައި ތަރައްގީ ކުރަމުން އަންނައިރު މާފަރު އެއާޕޯޓަކީ ފުރުސަތު އޮތް އެއާޕޯޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެއާޕޯޓުގައި ހުންނަން ޖެހޭ އެހެން ކަންތައް ވެސް އެބަހުރި. މިސާލަކަށް [ޓްރާންސިޓް] ހޮޓަލެއް، ޓޫރިސްޓުން އައިސް ފުރުމާ ދޭތެރޭ ވަގުތީ ގޮތުން މަޑުކޮށްލަން. މިފަދަ ކަންތައްތައް އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް،" ރައީސް ވިދާޅުވި އެވެ.

"ޖުމްލަކޮށް އެއާޕޯޓުގެ ތަރައްގީ އަށް ވަރަށް ގިނަ ކަންތައް ޕްލޭންކުރަމުން މި އަންނަނީ."

ރައީސް ވިދާޅުވީ މާފަރު އެއާޕޯޓު ތަރައްގީ ކުރި އަބޫދާބީ ފަންޑާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެއާޕޯޓުގެ އިތުރަށް ތަރައްގީކުރަން އެ ފަންޑުގެ ޝައުގު ހުރުމުން އެކަމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.

"ކޮންމެވެސް އެއްގޮތަކުން އަޅުގަނޑުމެން އެއާޕޯޓަށް ގެންނަން ބޭނުންވާ، ވަށާޖެހިފައިވާ ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް މި ދެންނެވި ކަންކަމަށް ރިއާޔަތްކޮށް، ޓާމިނަލާ ދެން ވެސް މިހުރި ކަންކަން ކުރުމުގެ ވިސްނުމުގައި މި ކުރިއަށް ދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ގިނަ ދުވަހެއް ނުވެ އެ މަސައްކަތްތައް ކޮށް ނިންމާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ގުޅުން ހުރި - މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އެ އެއާޕޯޓު ހިންގާ އައިލެންޑު އޭވިއޭޝަނުން މީގެ ކުރިން އިއުލާނު ކުރި އެވެ. މީގެ އިތުރުންމާފަރުގައި 50 ކޮޓަރީގެ އެއާޕޯޓް ހޮޓަލެއް އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވެސް އެ ކުންފުނިން މީގެ ކުރިން ހުޅުވާލި އެވެ.

 މާފަރު އެއާޕޯޓަކީ މާލެ ފިޔަވާ އެންމެ ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ޖައްސާ އެއާޕޯޓެވެ.

ކޮމެންޓް (1)

ތެފައާސާ.

21 ޖުލައި 2025
އަންނަ އަހަރު އަންނަނީ. އަންނަ މަހު އަންނަނީ. މައްޗަކަށް ނާރަނީ. ހާމަ ކުރަނީ. 700 އަށްވުރެ އިތުރު ނުވަނީ. އާރުޓީއައި ލާން ނުޖެހެނީ. ޔޫރަޕު ބޭސް އަންނަނީ. ތުރުކީ ކާޑު އަންނަނީ. ރަސްމާލެ އަންނަނީ. ބިއްލޫރި ޓަނަލް އަންނަނީ. ބަންކަރިންގ އަންނަނީ. އިންޑިއާ ސިފައިން ބާލަނީ. ޑޯނިއާ ނުއުދުހެނީ. ބެކްޔާޑު ބުލީގެ ބަރޯސާ ނިންމަނީ. މޯޑީވެސް އަންނަނީ. ހަވަޔާއެކު ސަޕްރައިޒް އަންނަނީ. ވަށާ ޖެހޭ އަންނަނީ. ތަރައްގީ އަންނަނީ. އަންނަ އަހަރު އަންނަނީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް