ރިޔާސީ ބަޔާން އިއްވާ ޖަލްސާ. (ފޮޓޯ/މަޖިލިސް)

ހިޔާލު ހޯދުމުގެ ވޯޓުގެ ކުރިން އެކަމަށް ހާއްސަ ގާނޫނެއް ހަދަން މަޖިލީހަށް ހުށަހަޅައިފި

މި ވޯޓު ނަގަން އެދޭތާ ގިނަވެގެން ތިން މަސް ތެރޭ އިންތިހާބު ބާއްވަން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވޭ

ރައީސް މުހައްމަދު މުއިއްޒު މިހާތަނަށް އިއުލާންކުރައްވާފައިވާ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - 'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

މަޖިލިސް ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައި މި ބިލު މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވަން ވަނީ ތާވަލްކޮށްފަ އެވެ.

ތަފްސީލު - ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި އޮތީ:

  • ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރު އަދި ޒިންމާތައް ގާނޫނުގައި ކަނޑައެޅުމަށް 

  • އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި އަމަލު ކުރާނެ އުސޫލުތަކާއި އެ ނޫން ވެސް ވޯޓު ނެގުމާ ގުޅޭ އެންމެހާ ކަންކަން ބަޔާން ކުރުން

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މި ބިލުގައިވާ ގޮތުން، މިފަދަ އާންމު ވޯޓުތައް މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ނެގިދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތައް - މިއީ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެއް

  • 2-

    ގައުމީ މުހިންމު މައްސަލަތައް - މިއީ ރައީސް ބޭނުންވެވަޑައިގަންނަވާ ހިނދެއްގައި ގައުމީ މުހިންމު މައްސަލައެއް ނިންމުމަށްޓަކައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ވޯޓެއް

  • 3-

    ގާނޫނުއަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާޔަންކޮށްފައިވާ އެންމެހާ ހާލަތްތައް - އޭގެ ތެރޭގައި މަޖިލީހުގެ އުމުރު، ރައީސް އިންތިހާބު ކުރާ ގޮތް އަދި ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅޭ މާއްދާއަކަށް އިސްލާހު ގެނައުން ހިމެނޭ

  • 4-

    މަޖިލީހުން ފާސް ކުރާ ގާނޫނުއަސާސީގެ އިސްލާހެއް ތަސްދީގުނުކުރާ ހާލަތުގައި އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުން

ބިލުގައިވާ ގޮތުން މަޖިލީހުން ބޭނުންވެގެން ނުވަތަ ލާޒިމްވާ ހާލަތްތަކުގައި ނަގާ ވޯޓުތައް ނަގާނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސް ކުރާ ގަރާރަކުންނެވެ. އަދި ރައީސް ބޭނުންވެވަޑައިގަންނަވާ ވޯޓެއް ނެގުމަށްޓަކައި އެ މަނިކުފާނުގެ ހާއްސަ ގަރާރަކުން އެކަން ނިންމިދާނެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

މަޖިލީހުން ފާސް ކުރާ ގަރާރުގައި ނުވަތަ ރައީސްގެ ގަރާރުން ވެސް އެއް މައްސަލައަށް ވުރެ ގިނަ މައްސަލައާ ގުޅޭ ގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ. މި ދެ ގަރާރުގައި ހިމަނަން ޖެހޭ ކަންކަމަކީ:

  • ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް

  • އެ މައްސަލައެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު

  • ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު

މި ފަދަ ގަރާރެއް ނެރޭ އިރު، އެކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް ވެސް އާންމު ކުރަން ވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެ މައުލޫމާތު ކަރުދާހުގައި މައްސަލައާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހުރި ހުއްޖަތުތައް ހިމަނަން ޖެހެ އެވެ.

ގިނަވަގެން 3 މަސް ތެރޭ ވޯޓު ނަގަން ޖެހޭ

ބިލުގެ 19 ވަނަ މާއްދާގައިވާ ގޮތުން، ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހާޅާ ތާރީހާއި އެ އިންތިހާބަކާ ދެމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހެ އެވެ. އަދި ގިނަވަގެން 90 ދުވަސް ނުވަތަ ތިން މަސްދުވަހުގެ މުއްދަތެއް އޮންނަންވާނެ އެވެ.

އެހެންކަމުން، އެންމެ އަވަސް އަރުވާލައިގެން ވެސް މިފަދަ ވޯޓެއް ނެގެނީ އެކަމަށް އެދޭތާ 45 ދުވަސް ތެރޭގަ އެވެ. އަދި އެންމެ ލަސްގެން ތިން މަސް ތެރޭ އިންތިހާބު ބާއްވަން ޖެހެނޭ އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭައްވި އިންތިހާބެއްގެ ތެރެއިން (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އިންތިހާބުގެ އެންމެހާ ކަންކަން އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައިވާއިރު، އެހެން އާންމު އިންތިހާބުތަކޭ އެއްގޮތަށް ވޯޓު ނަގާ ތާރީހު އިއުލާން ކުރުމުގެ ބާރު ވެސް އޮންނަނީ އެ ކޮމިޝަނަށެވެ. އެގޮތުން:

  • ރައީސްގެ ނުވަތަ މަޖިލީހުގެ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާތާ ފަސް ދުވަސް ތެރޭ ހިޔާލު ހޯދުމަށް އެދި ހުށަހަޅާފައިވާ ސުވާލުގެ ފުރިހަމަ އިބާރާތް ކޮމިޝަނުން އާންމު ކުރަން ޖެހޭ

  • އެ ސުވާލު އާންމު ކުރާތާ ހަތް ދުވަސް ތެރޭ އިންތިހާބުގެ ތާރީހު އިއުލާން ކުރަން ޖެހޭ

  • އެއްވެސް ސަބަބާ ހުރެ ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތުގައި ވޯޓު ނުނެގޭނެ ކަމަށް ކޮމިޝަނަށް ލަފާ ކުރެވޭ ނަމަ، އެކަން ރައީސް ނުވަތަ މަޖިލީހަށް ލިޔުމުން އަންގަން ޖެހޭ

  • އެގޮތަށް ލިޔުމުން އަންގާއިރު، ދެން ވޯޓުލުން އޮންނާނެ ކަމަށް ލަފާ ކުރެވޭ ތާރީހު ވެސް ބަޔާން ކުރަން ޖެހޭ

އެ ތާރީހު އަލުން ކަނޑައަޅާއިރު، ބިލުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިން މަހަށް ވުރެ ދިގު މުއްދަތަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.

މަޖިލީހުން ނުވަތަ ރައީސްގެ ގަރާރު ފާސް ކުރުމަށް ފަހު އަނބުރާ ގެންދެވިދާނެ އެވެ. ނަމަވެސް އެ ގަރާރު އަނބުރާ ގެންދެވޭނީ ބިލުގައިވާ ގޮތުން އިންތިހާބުގެ ތާރީހު އިއުލާން ކުރުމުގެ ކުރިންނެެވެ. އޭގެ ފަހުން ގަރާރު އަނބުރާ ގެންދިޔުމުގެ ފުރުސަތެއް ނޯވެ އެވެ.

އެނގުން މުހިންމު - ރައީސް މުއިއްޒު ވަނީ މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ އެކި ޖަލްސާތަކުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން ނިންމަން ޖެހޭ ބައެއް ކަންކަން އެ މަނިކުފާނުގެ ހިޔާލުފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ކަންކަމަކީ:

  • ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވެރިޔަކު ހޮވާ ގޮތަށް ހެދުން

  • ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވާ ގޮތަށް ހެދުން

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުން

  • ވެރިކަމުގެ ހުވާ ކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލު ކުރަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް