މިދިޔަ ރިޔާސީ އިންތިހާބުގައި މީހަކު ވޯޓުލަނީ: ރިޔާސީ އިންތިހާބު ޕްރެފެރެންޝަލް ވޯޓިންއަށް ބަދަލުކުރަން ހުށަހަޅަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން))

ނިއުސް ފީޗާ

ޕްރިފެރެންޝަލް ވޯޓިން: ކިހިނެއް ހިނގާ ކަމެއް؟

ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރިޔާސީ އިންތިހާބު އެއްބުރުން ނިންމޭ ގޮތަށް ހަދަން. އެކަމަށް މި އަހަރު އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ދަނީ މަސައްކަތް ކުރަމުން. މި ކަމުގެ ހައްލަކަށް ސަރުކާރުގެ އެކްޓިވިސްޓުން ކެމްޕެއިން ކުރަނީ ޕްރިފެރެންޝަލް ވޯޓިންއަށް ދާން

ރިޔާސީ އިންތިހާބުގެ ދެ ބުރު ބޭއްވުމުގެ ބަދަލުގައި އެއް ބުރުން އިންތިހާބު ނިންމުމަށް ސަރުކާރުން ހުށަހަޅާ ހައްލަކީ ޕްރިފެރެންޝަލް ވޯޓިން އެވެ. ރައީސް މުހައްމަދު މުއިއްޒުގެ 'އިރުޝާދުން' އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނެގުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އެ ކަމަށް ސަރުކާރުގެ އެކްޓިވިސްޓުން މިހާރުން ފެށިގެން ސޯޝަލް މީޑިއާގައި ގެންދަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުމަށް، މެންބަރުންގެ އަރިހު ރައީސް މުއިއްޒު ވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު މުލިއާގޭގައި އޮތް ބައްދަލުވުމެއްގައި އެދިވަޑައިގެންފަ އެވެ.

ޕްރިފެރެންޝަލް ވޯޓިން އަކީ ކޮބާ؟

އެ ނިޒާމަށް މުޅީން އަމަލުކުރާ ގައުމަކަށް ފެންނަން އޮތީ އޮސްޓްރޭލިއާ އެވެ. ބަރުލަމާނީ ނިޒާމަކަށް ހިންގަމުން އަންނަ އޮސްޓްރޭލިއާގެ އާންމު މަޖިލީހުގެ އިތުރަށް ކޮންމެ ސްޓޭޓެއްގެ މަޖިލީހާއި އެހެން އާންމު އިންތިހާބުތަކުގައި ވެސް ބޭނުންކުރަނީ 'ފުލް ޕްރިފެރެންޝަލް ވޯޓިން' އެވެ.

އެ ގައުމުގައި އެ ކަން ހިންގާ ގޮތަކީ:

  • ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް

  • ވޯޓު ކަރުދާހުގައި ހިމެނޭ ގޮޅީގައި ޖަހާނީ މި ފާހަގަކުރި ގޮތަށް ނަންބަރުތައް؛ މި ނިޒާމުގައި ވޯޓު ކަރުދާހުގެ ގޮޅީގައި ހެޔޮ ފާހަގައެއް ނުޖަހާނެ

  • އޮސްޓްރޭލިއާގައި ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ވެސް ރޭންކެއް ދޭން ޖެހޭ؛ އެހެން ނުހަދައިފި ނަމަ ވޯޓު ބާތިލްވާނެ އަދި ދެ ކެންޑިޑޭޓަކަށް އެއް ރޭންކެއް ނުވަތަ ނަންބަރެއް ދީފައިވާ ނަމަ އެ ވޯޓެއް ވެސް ބާތިލް ވާނެ

  • 50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް"ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ

  • 50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުގެ ވޯޓުތަކުގައި ހިމެނޭ "ދޭއް" ރޭޓިންއަށް

  • އުނިކުރި ކެންޑިޑޭޓަށް ލިބުނު ވޯޓްތަކުގައި ހިމެނޭ ދެން އޮތް ނަމްބަރުގެ ވޯޓުތައް ގުނައިގެން ކެންޑިޑޭޓުންނަށް ކުރިން ލިބުނު ވޯޓްތަކަށް އެއްކުރަމުން ދާނެ

  • "ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ކުރިއަށް ދާނެ

ޕްރިފަރެންޝިއަލް ނިޒާމެއްގައި ވޯޓް ދޭ ގޮތް

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި މި އުސޫލު ބޭނުންކުރަނީ ސްރީ ލަންކާ އަދި އިންޑިއާގަ އެވެ.

ލަންކާގައި މި އުސޫލު ބޭނުންކުރަނީ ހަމައެކަނި އެ ގައުމުގެ ރިޔާސީ އިންތިހާބުގަ އެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކެއް މަސްހުނިކޮށްގެން ވެރިކަން ހިންގާ ލަންކާގެ ރިޔާސީ އިންތިހާބުތަކުގައި މި އުސޫލު ހިންގާ ގޮތް އަދި ވަރަށް ތަފާތެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި މި ކަން ކުރާ ގޮތަކީ:

  • ކިތަންމެ ގިނަ ކެންޑިޑޭޓުންނެއް ތިބި ނަމަވެސް ރޭންކްކުރަން ޖެހެނީ އެންމެ ކަމުދާ ތިން ކެންޑިޑޭޓުންނަށް؛ އެއީ ވެސް ވޯޓުލާ މީހާއަށް ލިބިދޭ އިހުތިޔާރެއް، ބޭނުން ނަމަ އެންމެ ކަމުދާ ކެންޑިޑޭޓަށް އެކަނި ވޯޓު ދޭންވީ

  • އެއްވެސް ކެންޑިޑޭޓަކަށް %50 ނުލިބޭނަމަ އަމަލުކުރާ ގޮތަކީ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުން އުނިކޮށް، އެހެން ކެންޑިޑޭޓުންގެ ވޯޓުތަކުގައި ހިމެނޭ "ދޭއް" ނަންބަރަށް ބަލަނީ

  • މަދުން ވޯޓު ލިބުނު ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްތަކުގައި "ދޭއް" ރޭންކިން ދިން ވޯޓުތައް އެއްކުރުމަށް ފަހު އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓު އިންތިހާބު ކާމިޔާބުކުރާނެ؛ މި ބުރުގައި ކޮންމެހެން %50 ހަމަވުން ލާޒިމެއް ވެސް ނުކުރޭ

އާންމުންގެ ވޯޓުން އިންތިހާބުކުރާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ޝަބާއަށް މެންބަރުން އިންތިހާބުކުރަނީ ހަމަ ރާއްޖޭގައި ވެސް މަޖިލިސް އިންތިހާބު ހިނގާ ގޮތަށެވެ. ހެޔޮ ފާހަގަ ޖަހައިގެން، ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ގޮނޑި ލިބޭ ގޮތަށެވެ.

ފުރިހަމަ ބަރުލަމާނީ ނިޒާމަކަށް ހިންގާ އިންޑިއާގައި ޕްރެފެރެންޝަލް ވޯޓިން ބޭނުންކުރަނީ:

  • ސްޓޭޓްތަކުން އިންތިހާބުކުރާ އެމްއެލްއޭ (ލީގަލް އެސެމްބްލީގެ މެންބަރުން) ވޯޓު ލައިގެން އިންތިހާބުކުރާ ގާނޫނު ހަދާ މަޖިލީހުގެ މަތިވެ، ރަޖްޔަ ޝަބާގެ މެންބަރުން އިންތިހާބުކުރުމަށް

  • ލީގަލް އެސެމްބްލީގެ މެންބަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ވޯޓުން އިންތިހާބުކުރާ އެ ގައުމުގެ ރައީސް އިންތިހާބުކުރުމަށް

އިންޑިއާގައި، އާންމުންގެ ވޯޓުތަކުގައި ޕްރެފެރެންޝަލް ވޯޓިން ބޭނުމެއް ނުކުރެ އެވެ. މަޖިލިސް މެންބަރުންނާއި ލީގަލް އެސެމްބްލީގެ މެންބަރުން ނަގާ ވޯޓުތަކުގައި އެ ކަން ބޭނުންކުރާ ގޮތަކީ:

  • އިންޑިއާގެ ރައީސް އިންތިހާބުކުރުމުގައި ތަފާތު ކަމަކީ ކޮންމެ މެންބަރަކު ދޭ ވޯޓުގެ އަދަދު ގުނުމުގައި އާބާދީއާ އަޅާކިޔާފައި ތަފާތުތަކެއް ހުރުން

  • ލީގަލް އެސެމްބްލީގެ ކޮންމެ މެންބަަރަކަށް ވެސް އެ މެންބަރަކު ތަމްސީލްކުރާ ސްޓޭޓެއްގެ އާބާދީއަށް ބަލާފައި 'ވޯޓް ވެލިއު'އެއް ލިބޭނެ، އެ މެންބަރުގެ ވޯޓު ގުނާނީ 'ވޯޓު ވެލިއު'ގެ އަދަދުން

  • ތިރިގެ، ލޮކް ޝަބާގެ މެންބަރުންނަށް ވެސް 'ވޯޓު ވެލިއު'އެއްދޭ؛ އެއީ ފޯމިއުލާއެއް ބޭނުންކޮށްގެން ލީގަލް އެސެމްބްލީގެ މެންބަރުންނަށް ލިބޭ 'ވޯޓު ވެލިއު'ގެ ޖުމުލަ އަދަދާ ލޮކް ޝަބާއަށް ލިބޭ ޖުމުލަ އަދަދާ އެއްހަމަކުރާނެ

  • ޕްރެފެރެންޝަލް ވޯޓު ދިނުމުގައި އަމަލުކުރަނީ އޮސްޓްރޭލިއާގައި ވެސް އަމަލުކުރާ އުސޫލުތަކަށް؛ ކޮންމެ މެންބަރަކު ވެސް ހުރިހާ ކެންޑިޑޭޓަކަށް ނަންބަރު ދޭން ލާޒިމު ވާނެ

  • ވަކި އަދަދެއްގެ ޕަސެންޓެއް ހަމަވަން ދެން ވޯޓު ގުނަމުން ދާނީ ވެސް އޮސްޓްރޭލިއާގައި އަމަލުކުރާ ގޮތަށް ކޮންމެ ބުރެއްގެ ވެސް އެންމެ މަދުން ލިބޭ ކެންޑިޑޭޓުގެ ވޯޓުގައި ދެން އޮންނަ ނަންބަރުގެ ވޯޓުތައް އެއްކުރަމުން ދިޔުން

މި ގޮތަށް އެކި ގައުމުތަކުން ކަން ކުރާ ގޮތަށް ބަލާއިރުގައި ރާއްޖޭގެ ރިޔާސީ އިންތިހާބަށް ޕްރެފެރެންޝަލް ވޯޓިން ފައްތާނަމަ އެއާ އެންމެ ގުޅޭ ގޮތެއް މި ގެންގުޅެނީ އޮސްޓްރޭލިއާގަ އެވެ.

ކޮމެންޓް (3)

ޖޯރޭ

20 އޭޕްރީލު 2025
ކޮންމެ ސިސްޓަމަކަށް ވޯޓުލިއަސް ( އިލެކުޓުރޯނިކު ނޫނިއްޔާ ) މުއިއްޒު ކަޓާނެ. ސަބަބަކީ މަޖިލިސް މެންބަރުންގެ ތެރެއިން ބަޔަކާއި މިނިސްޓަރުންގެ ފެމެލީ އެކަނި މުއިއްޒަށް އާނއެކޭ ބުނާނީ. މިއީ ޔަޤީންކަމެއް...
0 0

ފީލިންގ

20 އޭޕްރީލު 2025
ތީދެން މާމޮޅު ގޮތެއްތާ؟ ހުސް ޒަމީލުއާ ވިންޓާރ ޝަރީފު ކުރިމަތިލައިގެން އެމީހުންގެ 2 ވަނަ ސްޕޮޓު ވިއްކާނީ. އޭރަށް އެމީހުންނަށް ވޯޓުލާ މީހުންގެ 2 ވަނަ އޮޕްޝަންގެ ވޯޓު އެންމެގިނައިން ލިބޭމީހަކު އޮންނާނީ ހޮވިފައެއްނު؟
0 0

އޮނަރޭ

20 އޭޕްރީލު 2025
އެހެންވީމާ ތިކަންކުރަން މާލަސްވެއްޖެ. ކީއްވެބާ މިހާތަނަށް ނުކޮށްއޮތީ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް