މަޖިލިސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އެޕްރީލް 2024 އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ޕީއެންސީ މެންބަރުންގެ ތާއީދަށް ރައީސް އެދިވަޑައިގެންފި

ރައީސް މެންބަރުންގެ އަރިހުގައި ވިދާޅުވި ގޮތުގައި މި އަހަރު ތެރޭ ރެފަރެންޑަމް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން ތާއީދުކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންގެ ކިބައިން އިއްޔެ އެދިވަޑައިގެންފި އެވެ. އެކަން ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށްޓަކައި ނަގަން ޖެހޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފަރެންޑަމް މި އަހަރު ތެރޭ ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މެންބަރުންގެ އަރިހުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ވީ ކިހިނެއް ؟ - ރައީސް މުއިއްޒު މެންބަރުންގެ ކިބައިން އެގޮތަށް އެދިވަޑައިގެންނެވީ އިއްޔެ މެންދުރު މުލިއާގޭގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު(ޕީޖ)އާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ތަފްސީލު - މެންދުރުގެ ފަރިކޮޅެއްގެ ތެރެއިން ބޭއްވި އެ ބަދަލުވުމުގައި ރައީސް ވަނީ މައިގަނޑު ހަތަރު ވާހަކައެއް މެންބަރުންނާ ހިއްސާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންެވި ބައެއް ބޭފުޅުން ވަނީ މިއަދު އެކަމުގެ މައުލޫމާތު 'ދައުރު'އާ ހިއްސާކުރައްވައިފަ އެވެ.

"އެއް ކަމަކަށް ރައީސް ވިދާޅުވީ މިއަހަރު ތެރޭ ރިފަރެންޑަމްއަށް ދާނެ ކަމަށް. އެކަން މެންބަރުންނާ ހިއްސާކޮށް މެންބަަރުންގެ ތާއީދަށް އެދިވަޑައިގެންނެވި،" ބައްދަލުވުމުގައި އިންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ޕީއެންސީ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގެ ތެރެއިން

އޭގެ އިތުރުން ރައީސް މެންބަރުންނާ ހިއްސާ ކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • މީގެ ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް ކައުންސިލަރުންގެ އަދަދު މަދު ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް؛ އެއީ، 500 އިން ދަށުގެ އާބާދީތަކަށް ތިން ކައުންސިލަރުން އަދި 500 އިން މަތީގެ އާބާދީތަކަށް ފަސް ކައުންސިލަރުން ހެދުމަށް

  • އޭގެ އިތުރުން އަތޮޅު ކައުންސިލު އުވާލުން ވެސް ހިމެނޭ؛ އަދި އެ ނޫން ވެސް ބައެއް އިސްލާހުތައް ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ވާހަކަ ދެއްކެވި

"އެއްބުރުން ރިޔާސީ އިންތިހާބު ނިމޭ ގޮތަށް ހެދުމަށާއި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ނަގާ ރިފަރެންޑަމްގައި އެކަންކަމަށް ތާއީދުކޮށްދެއްވުމަށް މެންބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރަސްމީ އެކި ޖަލްސާތަކުގައި ވެސް ރައީސް ވަނީ ބައެއް ކަންކަމުގައި ރައްޔިތުންގެ ރިފަރެންޑަމްއަކަށް ދާން ބޭނުންވާ ކަން ހާމަ ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ނުލިބޭ ނަމަ، މިހާރު އޮންނަ ގޮތުން ދެވަނަ ބުރަކަށް ދާން ޖެހޭ؛ ރައީސްގެ ވިސްނުންފުޅަކީ ފުރަތަމަ ބުރުން އެންމެ މަތިން ވޯޓު ލިބޭ މީހަކަށް އިންތިހާބު ކާމިޔާބުވާ ގޮތަށް ހެދުމަށް

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް

  • ރައީސް ކަމުގެ ހުވާ ކުރައްވާ ދުވަކީ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ނޮވެމްބަރު 11އަށް އަލުން ބަދަލު ކުރުމަށް؛ 2013ގެ އިންތިހާބު ލަސްވުމާ އެކު މިހާރު ހުވާ ކުރަމުން އަންނަނީ ނޮވެމްބަރު 17ގައި

ކޮމެންޓް (5)

ސިކުނޑި

19 އޭޕްރީލު 2025
މިރާއްޖޭގައި ވެރިކަމެއް ހިނގާ ކަމުގެ އިހުސާސެއް ނުކުރެވޭ! ސަރުކާރު ހިނގަނީ އޮޔާދާ ކަނދު ގަނޑެއްހެން! ސަރުކާރުން ކުރާ ކަމެއް ރައްޔިތުންނަށް ފަހުމުވާގޮތަށް ކިޔައިދޭން މަސައްކަތް ކުރުމުގެ ބަދަލުގައި ފެށުނީއްސުރެ ޑިފެންސަށް ކުޅޭތަން ފެންނަނީ! މިހާރު އެއްކޮޅު މީޑިއާތަކާއި އިދިކޮޅު މީޑިއާތަކުން ގެންނަ ޚަބަރުތައް އަޑުއިވި ރައްޔިތުން މިތިބެނީ "ވާނުވާ" އެއްގައި! އަޅެ މުސާރަ ދީފަ ތަރުޖަމާނެ ހުންނަ އިރު ހަފުތާއަކު އެއްފަހަރު ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުން ކީއްތޯ ވާނީ!
3 0

ޢަލީ

18 އޭޕްރީލު 2025
ޜަނގަޅު ހުށަހެޅުންތަކެއް. ބޭކާރު ހަރަދުތަކެއް ތޮ އިންތޮހާބުތްކްށް އެބަ ހަރަދު ކުރޭ. އަންހެނުންގެ ކައުންސިލްތައްވެސް އުވާލަން ޖެހޭ. ބޭކާރު ކަމެއް
1 3

ފީލިންގ

18 އޭޕްރީލު 2025
@ޢަލީ ރަނގަޅު ވާހަކައެއް. ރިޔާސީ އިންތިޚާބުވެސް އުވާލަންވީ. ބޭކާރު ޚަރަދެއް. ދެން އެލާރިއަށް އަދިވެސް އިތުރު ޑެޕިއުޓީ މިނިސްޓަރުން ލާނީ. ޑެޕިއުޓީ މިނިސްޓަރަކު އައްޔަންނުކުރެވޭ ބައިވަރު ފަޅުރަށްތައް އަދިވެސް އެބަހުރި...
6 1

ކޮސް

18 އޭޕްރީލު 2025
ތިކަމެއް ނުކުރެވޭނެ . ރައްޔިތުން މަޖިލީހުގެ މެންބަރުން ، ރައީސް ވިދާޅުވިގޮތަށް އަމަލު ނުކޮށްފިއްޔާ ގޮނޑި ގެއްލޭނެތީ ފެހިބަޓަނަށް ފިއްތަން މަޖުބޫރުވެދާނެ. އެކަމަކު ރައްޔިތުން މިފުރުޞަތެއް މުއިއްޒަކަށް ނުދޭނެ. ވ.ސަލާން.
5 1

ތެފައާސާ.

17 އޭޕްރީލު 2025
50% ތާއީދު ދެން ނުލިބޭނޭކަން ކަށަވަރުވީމާ ޖެހޭނީ މިކަހަލަ އިސްލާހު ގެނެސްގެން ކާމިޔާބުކުރެވޭތޯ ބަލަން. ގޯހެއްނޫން.
13 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް