ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ - (ފޮޓޯ/ރައީސް އޮފީސް)
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރު އުވާލަން ރައްޔިތުންގެ ވޯޓަކަށް
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލުހުރި ގޮތް ބެލުމަށް، ރައްޔިިތުންގެ ވޯޓަކަށް ދިޔުމަށް ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މީގެ ކުރިން އަމަލު ކުރަމުން އައި މުހިއްްމު ތިން ކަމެއް ބަދަލު ކުރެއްވުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ، ރިޔާސީ އިންތިހާބުގައި ދެ ވަނަ ބުރާ ހަމައަށް ނުގޮސް، ފުރަތަމަ ބުރުން ވެރިއަކު ކަނޑައެޅުމެވެ. އަދި މިކަމާ ގުޅޭގޮތުން މިހާރު ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ދިރާސާތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"މިއީ ގައުމަށް އެންމެ ރަނގަޅުކަމަކަށް ވާނަމަ، ދެން އަންނަ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ބާއްވާނީ އެގޮތަށް. މިގޮތަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަޅުގަނޑުމެން ދާނަން،" މިއީ ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ގޮތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
ބަދަލު ގެންނެވުމަށް ހިޔާލު ކުރައްވާ ދެ ވަނަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަހެއްގެ ގޮތުގައި 17 ނޮވެމްބަރު އިން 11 ނޮވެމްބަރަށް ބަދަލު ކުރުމެވެ.
ރައީސް ވިދާޅުވީ 'ސިޔާސީ އޮއެވަރެއްގައި' ޖެހިގެން ޖުމްހޫރީ ދުވަސް ވެސް ހަފުތާއެއް ކައްސާލާފައިވާ ކަމަށެވެ. އެ މަނިކުފާނު އެކަން ފާހަގަ ކުރެއްވީ ޖުމްހޫރީ ދުވަހާއި އާ ރައީސް ހުވާ ކުރައްވާ ދުވަސް ދެ ދުވަހަކަށްވުމުންނެވެ. އެހެންވެ، އެ މަނިކުފާނުގެ ހިޔާލަކީ އެ ދެ ދުވަސް އެއް ދުވަހަކަށް ހެދުމަށް، ރައީސް ހުވާކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލުކުރުމެވެ.
"މިއީ ދައުރު ނިމޭ ދުވަސް ހަފުތާއެއް ކުރުވުން. ރައްޔިތުން ރުހޭނަމަ، ގާނޫނަށް ބަދަލު ގެނެސްގެން އެގޮތަށް ނިންމިދާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ހުވާކުރައްވަމުން އައީ ޖުމްހޫރީ ދުވަހު އެވެ. ނަމަވެސް، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބު އަލުން ބާއްވަން ޖެހުމުން، އެ އިންތިހާބު ކާމިޔާބުކުރެއްވި އަބްދުﷲ ޔާމީންއަށް ހުވާ ކުރެއްވުނީ ހަފުތާއެއް ފަހުން، 17 ނޮވެމްބަރުގަ އެވެ.
ބަދަލު ކުރައްވަން ބޭނުންވެވަޑައިގަންނަވާ ތިން ވަނަ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމެވެ.
ރައީސް ވިދާޅުވި ގޮތުގައި:
-
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދޭތެރޭ އާއްމުގޮތެއްގައި ހޭދަވަނީ ދެތިން މަސް ދުވަސް
-
ދެ އިންތިހާބަށް ވެސް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ހަރަދު ކުރަން ޖެހޭ
-
ރާއްޖެއަކީ ކުޑަ، އާބާދީ މަދު ގައުމަކަށް ވާއިރު މިއީ އެންމެ އެދެވޭ ގޮތަކަށް ނުވާ ކަމަށް ވިދާޅުވި
"އެހެންވެ، އަޅުގަނޑު ވިސްނާފައިވަނީ މިކަމާ ގުޅޭގޮތުން ވެސް ރައްޔިތުންގެ ގާތުގައި އަހަން. ރައްޔިތުން އެގޮތަށް ފެންނަ ނުފެންނަ ވޯޓަކާއެކީ ނިންމައިފިއްޔާ ދެން އަންނަ ރިޔާސީ އިންތިހާބު އޮންނާނެ މަޖިލިސް އިންތިހާބާ އެކުގައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނީ، މަޖިލިސް މެދުވެރިކޮށް ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަރުން ވާދަކުރާ ނިސްބަތް ވެސް މަދުކޮށްލަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލަރުންގެ އަދަދު މަދު ކުރައްވަން ފެނިވަޑައިގަންނަވަނީ، ރާއްޖެއަށް 'ކަތާވަރަށެވެ.'
ކޮމެންޓް (4)
އާލިފްހާ
ބުރާންތި
މަގޭ
ނޯއިޓްއޯލް