އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވާހަކަަދައްކަވަނީ(ފޮޓޯ/އެމްޑީޕީ)
ރިޔާސީ އިންތިހާބު ބާއްވަމުން އަންނަ ގޮތް ބަދަލުކުރަން އުޅެނީ ނުބައި ރޭވުމަކުން: ފައްޔާޒު
ރިޔާސީ އިންތިހާބު މިހާރު ރާއްޖޭގައި ބާއްވަމުންދާ ގޮތް ބަދަލުކުރުމަށް އުޅެނީ މި ސަރުކާރުގެ ނުބައި ރޭވުމަކުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލުހުރި ގޮތް ބެލުމަށް، ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މި އަހަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
އިތުރަށް ކިޔާލަން
ތަފްސީލް - ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ކައުންސިލަރުންގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ މިހާރު ފެންނަމުންދަނީ ވިރާސީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެ ދިމާލަށް މިސްރާބު ޖަހާފައިވާތަން ކަމަށެވެ.
"މިހާރު މިފެންނަނީ ވިރާސީ ވެރިކަމަކާ ދިމާލަށް ދާތަން. ރޭގައި އިއުލާންކުރެވިގެން އެދިޔަ ރައްޔިތުންނާ ހަމަޔަށް ގެންދާ [ރިޔާސީ އިންތިހާބާ ގުޅޭ] ރިފަރަންޑަމަކީ މިކަން މުޅިން އެގޮތަށް ބަދަލުކުރުމަށް ޑރ. މުއިއްޒުގެ ނުބައި ރޭވުމުގެ ތެރެއިން ކުރެވޭ ކަމެއް [ކަމާމެދު] އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ:
-
ހަރަދު ކުޑަކުރަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ ދައްކަނީ މިހާރު ގާނޫނު އަސާސީގައި އޮތް ފާރަވެރި ދައުލަތެއްގެ ސިފަ ގެއްލުވާލުމަށް
-
އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް؛ ރައްޔިތުން އިހުތިޔާރުކުރާ ވެރިކަމެއް އޮބަހެއްޓުމަށް މަޖިލިސް ބާއްވާނެ ގޮތް ނިންމުމުގެ ހައްގު ރައްޔިތުންނަށް އޮންނަންވާނެ
-
ރިޔާސީ އިންތިހާބު އެއްބުރަށް ބަދަލުކުރާ ގޮތަށް ހެދުމަކީ ވެސް ނުރައްކާތެރިކަމެއް
-
އެހެން ހަދަން އުޅެނީ ވޯޓުފޮށިތައް މާލެއަށް ގެނެސް އޮޅުވާލާނެ ކުރީގެ ނިޒާމަށް އަނބުރާ ދިއުމަށް
"މިހާރު އެ ހަދަން އުޅޭ ގޮތަކީ ފައިސާ އާއި ބާރާއި ނުފޫޒުގެ ތެރެއިން ވެރިކަމާއި މަޖިލީހާ އެއްކޮށް ނިގުޅައިގަތުމުގެ މަސައްކަތް. މިއީކީ އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
އެކަންކަން ދޫކޮށްލައިގެން މަޑުން ނުތިބެވޭނެ ކަމަށާއި އެކަން ހުއްޓުވަން އެމްޑީޕީން އަނެއްކާ ވެސް ނުކުންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ބަދަލުތަކެއް ގެންނަނީ ހަރަދުކުޑަކުރަން ކަމަށްވާ ނަމަ 2026ގައި އޮންނަ ލޯކަލަ ކައުންސިލް އިންތިހާބާ އެއްކޮށް ރިޔާސީ އިންތިހާބު ބާއްވައި، މިހާރުގެ މެނިފެސްޓޯއާ އެކު ރައްޔިތުންގެ ކުރިމަައްޗަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް ފައްޔާޒު ގޮވާލެއްވި އެވެ.
އެނގުން މުހިންމު - ރިޔާސީ އިންތިހާބުގެ އެއްބުރު އެކަނި ބާއްވާގޮތަށް ބަދަލުކުރަން ނަގާ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން އެގޮތް ބޭނުންވާ ނަމަ ދެން އޮންނަ ރިޔާސީ އިންތިހާބު ބާއްވާނީ އެގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ އެކަން ކުރަން އުޅެނީ މި ދެ އިންތިހާބަކީ، އިންތިހާބު ބާއްވާ މުއްދަތުގައި މާބޮޑު ތަފާތެއް ނޯންނަ ދެ އިންތިހާބު ކަމަށްވާ އިރު ހަރަދުކުޑަވާނެ ގޮތަކީ ދެ އިންތިހާބު އެކީގައި ބޭއްވުން ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އޭރުން ދައުލަތުގެ ހަރަދުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް