ރައީސް މުހައްމަދު މުއިއްޒު މިރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ޕީއެންސީ)

ރިޔާސީ، މަޖިލިސް އިންތިހާބު އެކީ ބާއްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރާނަން: ރައީސް

އެ ބަދަލު ގާނޫނުއަސާސީއަށް ގެނައުމުން ދައުލަތުގެ ހަރަދުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވި

ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެކީގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މިއަހަރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންސީން މިހާރު ބާއްވަމުންދާ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ، ހަރަދުކުޑަކުރުމަށް ހިންގުމުގެ ނިޒާމަށް ގެންނަން ގަސްތުކުރައްވާ ބައެއް ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 120 މިިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުވެފައިވާ ކަމަށެވެ. އަދި، އޭގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވި ކަމަށެވެ. އެއީ ޖުމްލަ 300 މިލިއަން ރުފިޔާ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި:

  • މި ދެ އިންތިހާބަކީ، އިންތިހާބު ބާއްވާ މުއްދަތުގައި މާބޮޑު ތަފާތެއް ނޯންނަ ދެ އިންތިހާބު ކަމަށްވާއިރު އެންމެ ރަނގަޅު ގޮތަކީ، އަދި ހަރަދުކުޑަވާނެ ގޮތަކީ ދެ އިންތިހާބު އެކީގައި ބޭއްވުން  

  • އޭރުން ދައުލަތުގެ ހަރަދުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވި 

  • އެ ފައިސާ އަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށާއި އިގްތިސާދީ އަދި އިޖުތިމާއީ މަސައްލަތް ކުރުމަށް ބޭނުން ކުރެވޭނެ ފައިސާ

ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް މުއިޒު ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ސަލާމަތްވާ ފައިސާއިން ކުޑަ ރަށެއްގެ މީހުން ބޮޑު ރަށަކަށް ބަދަލުކޮށް އެއްފަސް ކުރެވޭނެ ކަމަށެވެ.

"ރައްޔިތުންނަށް އެންމެ ފައިދާ އޮތް ގޮތަކީ ރިޔާސީ އިންތިހާބާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުން. އެހެންވީމާ މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ގާނޫނު އަސީސީއަށް މި އިސްލާހު ގެންނަން އަޅުގަނޑު ހުށަހަޅާނަން،" ރައީސް ވިދާޅުުވި އެވެ.

ތަފްސީލް - އެ އިސްލާހު ގާނޫނުއަސާސީއަށް ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވަނީ، އެކަމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި އެ ޕާޓީގެ ބައެއް މެންބަރުން މިރޭ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހެއް މިއީ. ރައްޔިތުން ފެންނަ ނުފެންނަ ވޯޓަކަށް އަހަން ޖެހޭ. އެ ވޯޓުގައި ރައްޔިތުން އެގޮތަށް ނިންމަވައިފިއްޔާ 2028ގެ އިންތިހާބު އެގޮތަށް ބޭއްވޭނެ. އަޅުގަނޑަށް ޔަގީން ރައްޔިތުން އެގޮތަށް ތާއީދު ކުރައްވާނެކަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ތަމްސީލްވުން ސަރުކާރު އެކުލަވާލައި ހިންގުމުގައި އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމަށް އިންތިހާބުތައް ކޮންމެހެން ބާއްވަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ހަރަދުކުރާއިރު ވެސް އެކަން ކުރަން ޖެހޭނީ ޒިންމާދާރުކަމާ އެކުގައި ކަމަށެވެ. 

ކޮމެންޓް (3)

ابًއ

8 ޖުލައި 2024
އަތޮޅު ތެރޭ ހިންގުން ހަރުދަނާ ކުރަން އެބަޖެހޭ އަދިހަމަ ގާނޫނަކުން އެބަޖެހޭ ތަޢުލީމީ ޖީލަކަށް ހިންގުމުގެ ޒިންމާ ހަވާލުކުރަން. ކައުންސިލްތަކަށް ކުރިމަތި ލުމުގެ ތަޢުލީމީ މިންގަޱުތަކެއް ކަންޱައަޅަން އެއިރުން ރައްޔިތުން ބޭނުންވާ ފެންފަރުގެ ޙިދުމަތެއް ލިބޭނީ.
0 0

ސިކުނޑި

8 ޖުލައި 2024
ރައީސް ނަޝީދު ތި ކަމަށް ވާކާލާތު ކުރެއްވި މަގަނޑު މަގުސަދަކީ، ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލުން! ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ މަފްހޫމަކީވެސް އެއީ! ރައީސް މުއިއްޒުގެ ވާހަކަތަކުގައި ސިޔާސީ ސިފަ އާއި ކުލަ ޖައްސަންޖެހޭ! ބުނާކޮންމެ ބަހަކީ ކުރާ ކޮންމެ ކަމަކީ ބައިކޮޅަށްޖަހާ ގޯލަކަށްވެގެން ނުވާނެ!
0 0

މުހައްމަދު

8 ޖުލައި 2024
ލޯކަލް ކައުންސިލް އިންތިހާބު ވެސް އެއްކޮށް ބާއްވަން ފެނޭ !! އަދި ކައުންސިލަރުންގެ އަދަދު މަދުކޮށް !! ސަރުކާރަކަށް އެންމެ ގިނައިން ސިޔާސީ މީހުން ކަނޑައެޅޭނެ ވަރު ވެސް ޤާނުން އަކުން ކަނޑައަޅަން ފެނޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް