ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ބޮޑު 2 އޮޕަރޭޝަންގައި އަތުލި 315 ކިލޯގެ ޑްރަގް ނައްތާލައިފި

2018 އިން ފެށިގެން މިހާތަނަށް 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ ނައްތާލާފައި
28 ޑިސެމްބަރު 2021

މިިދިޔަ އޮކްޓޯބަރު މަހު، ކޯސްޓް ގާޑުގެ އެހީތެރިކަމާ އެކު ފުލުހުން ކަނޑުމަގުން ފާރަލައިގެން އަތުލައިގަތް 315 ކިލޯގެ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

ވީ ކިހިނެއް؟ - އެއް ހަފްތާގެ ތެރޭގައި ފުލުހުން ރެކޯޑު އަދަދަކަށް މަސްތުވާތަކެތި ހޯދީ ދެ އޮޕަރޭޝަނެއްގަ އެވެ. އެގޮތުން:

  • ދެ ބުރެއްގެ މަތިން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 315 ކިލޯއަށް އަރާ 

  • ފުރަތަމަ އޮޕަރޭޝަންގައި ޑްރަގް އަތުލީ އދ. ބޮޑުކާށިހުރާ ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ 

  • ދެ ވަނަ އޮޕަރޭޝަންގައި 215 ކިލޯ ޑްރަގް ހޯދީ ރ. ރާނބުގަލީގައި ހުރި ކަށިކެޔޮގަހެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ

ތަފްސީލް - އެ ތަކެތި މިއަދު ދޫނިދޫގައި ނައްތާލީ މީޑިއާގެ ކުރިމަތީގަ އެވެ. މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ:

  • 287 ކިލޯ ހެރޮއިން

  • ފަސް ކިލޯ ކެނަބިސް

  • 627 ގްރާމް މެތު

  • އެއް ކިލޯ އެމްފެޓަމިން

  • 20 ކިލޯ ކޮކެއިން

ބުނީ ކީކޭ؟ - މަސްތުވާތަކެތި ނައްތާލުމަށް ފަހު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ނައްތާލި ތަކެތީގެ އަގު 316 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

މި ތަކެއްޗާ އެކު، 2018 އިން ފެށިގެން މިހާތަނަށް 1801 ކިލޯގެ ޑްރަގް ވަނީ ނައްތާލައިފަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެއީ 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ.

  • ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
  • ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
  • ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ކޮމިޝަނަރު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ރޫޅާލަން ފުލުހުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އެކަމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް އޮތް ތަނުގައި އޮޕަރޭޝަންތަކާއި ތަހުގީގު އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުވުން މިހާ ބޮޑަށް ހަލުވި ކުރެވިފައި ވަނީ އަވަށްޓެރި ގައުމުތަކުގެ އެހީ "ބޮޑުކޮށް ލިބޭތީ" ކަމަށެވެ. 

މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެނގުން މުހިންމު - މިނިސްޓަރު ކުރެއްވި އެ ޓުވީޓުގައި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ 'އިންޑިއާ މިލިޓަރީ އައުޓް' ކެމްޕޭނަކީ، ޑްރަގް އޮޕަރޭޝަންތައް ފުޅާކޮށްފައިވާތީ އެ އޮޕަރޭޝަންތައް ހުއްޓުވަން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ތުހުމަތުކުރެއްވި އެވެ.

"ގައުމަށް ދިމާވެފައިވާ މިފަދަ ބޮޑު ވަބާއެއް ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓުވަން ސިޔާސީ އެކިއެކި ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ބަލައިގަނެވިގެންވާނެ ކަމެއް ވެސް ނޫން،" އިމްރާން ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - މިއަދު ނައްތާލި މަސްތުވާތަކެއްޗާ ގުޅޭ މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް