ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމަށް މިއަދު ހެނދުނު ކ. ދޫނިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ޕޮލިސް)

ޑްރަގް ވިޔަފާރި އާއި ސިޔާސީ މީހުންނާ އޮތް ގުޅުން ނައްތާލެވޭނީ ރައްޔިތުންނަށް: އިމްރާން

މިނިސްޓަރު ވިދާޅުވީ، މައްސަލަ ހައްލުކުރަން އޮތް އެންމެ ބޮޑު ދަތިކަމަކީ ޑްރަގުގެ ވިޔަފާރި ނެޓުވޯކުތަކުންނާއި ވަކިވަކި ސިޔާސީ މީހުން މަސްތުވާތަކެތީގެ ވިޔަފާރިން ނާޖާއިޒް ފައިދާ ނެގުން ކަމަށް
28 ޑިސެމްބަރު 2021

މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް އެ ތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ދެން އޮތީ ރައްޔިތުންގެ ޒިންމާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. މަސްތުވާތަކެއްޗާ ދެކޮޅު ސިޔާސަތު ތަންފީޒުކުރުމުގެ އެންމެ އިސް އަދާކުރައްވާ މިނިސްޓަރު ހާއްސަ ގޮތެއްގައި ފާހަގަކުރެއްވީ، ޑްރަގު ނެޓްވޯކުތަކާއި ސިޔާސީ މީހުންނާ އޮންނަ ގުޅުން ނައްތާލުމަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމެވެ.

ވީ ކިހިނެއް؟ - މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލަތަކާއި އެ ނޫން މައްސަލަތަކުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި މިއަދު ވަނީ ކ. ދޫނިދޫގައި ނައްތާލައިފަ އެވެ.

ބުނީ ކީކޭ؟ - އެ ސަރަހައްދުގައި ހުންނަވައި މިނިސްޓަރު އިމްރާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެ، އަހަރުން އަހަރަށް އިތުރަށް ގޯސް ވަނީ، އެ ކަމަށް އެކި ސަރުކާރުތަކުން އެކި ސިޔާސަތު ގެންގުޅޭތީ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން، ފާއިތުވި ތިން އަހަރު ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުން އެބަ ދެނެގަންނަން ޖެހޭ ކޮން ބައެއްކަން މިކަމުގެ ތެރޭގައި އުޅެނީ. ރައްޔިތުން އެބަ ފާހަގަކުރަން ޖެހޭ މިކަމާ ކޮން ބައެއްކަން އުޅެނީ.

އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ:

  • އެ މައްސަލަ ހައްލުކުރަން ސަރުކާރާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް 

  • އޭގެން އެއްވެސް ދިމާލަކުން އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ނުކުރެވިއްޖެ ނަމަ، މައްސަލައަށް ހައްލެއް ހޯދަން ދަތިވާނެ ކަމަށް

  • މުޅި މައްސަލައަށް ބަލާއިރު، މައްސަލަ ހައްލުކުރަން އޮތް އެންމެ ބޮޑު ދަތިކަމަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓުވޯކުތަކުންނާއި ވަކިވަކި ސިޔާސީ މީހުން މަސްތުވާތަކެތީގެ ވިޔަފާރިން ނާޖާއިޒު ފައިދާ ނެގުން ކަމަށް

"ރައްޔިތުން އެބަ ދެނެގަންނަން ޖެހޭ ކޮން ބައެއްކަން މިކަމުގެ ތެރޭގައި އުޅެނީ. ރައްޔިތުން އެބަ ފާހަގަކުރަން ޖެހޭ މިކަމާ ކޮން ބައެއްކަން އުޅެނީ. ކޮން ބައެއްގެ ސަބަބުންކަން މުޅި ދައުލަތާ ރައްޔިތުންނަށް މިވަރުގެ ގެއްލުމެއް ލިބެނީ،" އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް މިއަދު ހެނދުނު ކ. ދޫނިދޫގައި ކުރިއަށް ގެންދަނީ. (ފޮޓޯ/ޕޮލިސް)
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް މިއަދު ހެނދުނު ކ. ދޫނިދޫގައި ކުރިއަށް ގެންދަނީ. (ފޮޓޯ/ޕޮލިސް)

އިމްރާން ވިދާޅުވީ ފުލުހުންގެ ފަރާތުން މައްސަލަތައް ތަހުގީގުކޮށް، ކޯޓާ ހަމައަށް ގެންދާ ކަމަށެވެ. އެހެންކަމުން، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނާއި އެ ކަމުގައި ޝާމިލުވާ ސިޔާސީ ފަރާތްތަކާ މެދު ރައްޔިތުންގެ "ސަމާލުކަން އޮންނަން ޖެހޭ" ކަމަށެވެ.

"އޭރުން އެ ފަރާތްތަކުން މި ކަންކަމާ ދުރުވެ އެ ފަރާތްތަކުގެ ވިޔަފާރި އާއި ސިޔާސީ މަސައްކަތުގައި މިފަދަ ނުބައި ކަންކަން ހިމަނައިގެން ކުރިއަށް ނުގެންދެވޭނެ. އެ މަގަށް މި ކަންކަން ބައްޓަންކޮށްގެން ނޫނީ އަޅުގަނޑުމެންނަށް މީގެން ސަލާމަތް ވެވޭނެ ގޮތެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ސަރުކާރުން ދޭންވީ އެންމެ އިސްކަން ދީގެން އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. މިއަދު ބޭނުންވަނީ ހުރިހާ މުއައްސަސާތަކާއި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުން."

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް