މާލޭގެ ޑްރަގް އައްޑާއަކަށް މަސްތުވާން ގޮސް ހުރި މީހެއް. ރާއްޖޭގައި ޑްރަގް ފަރުވާ ހޯދާ 3،000 އަށް ވުރެ ގިނަ މީހުން ތިބި ނަމަވެސް، ފަރުވާގެ ނިޒާމު މަސައްކަތް ނުކުރާތީ، އެދެވޭ ނަތީޖާއެއް ހާސިލެއް ނުވޭ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފަރުވާ ދޭން ސަރުކާރަށް "ނޭނގި"، ގިނަ ބަޔަކު މަސްތުން މިންޖުނުވެވިފައި

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށް، ފަރުވާ ހޯދާ 3،000 އަށް ވުރެ ގިނަ މީހުން ތިބި އިރު، ފަރުވާގެ ނިޒާމް އޮތީ ފެއިލްވެފައި ކަމަށް ހެލްތު މިނިސްޓަރު ނަސީމް އިއުތިރާފުވެވަޑައިގަންނަވާ
15 ސެޕްޓެމްބަރު 2021

"ފަރުވާ އެކަށީގެންވާ ގޮތުގައި އަޅުގަނޑުމެންނަށް ނުދެވެނީއޭ. އަނެއްކާ އެމީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެންނަށް ނުކުރެވެނީއޭ،" މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު އެއްބަސްވެވަޑައިގެންނެވި އެވެ.

ނަސީމް ދެން އިއުތިރާފްވެވަޑައިގެންނެވީ ފަރުވާދޭން ސަރުކާރަށް ނުވެސް އެނގެނީ ކަމެވެ.

"މިވާ ގޮތަކީ، އަޅުގަނޑުމެންނަކަށް އަސްލު ހަގީގަތުގައި ނޭނގޭ މިކަން [ފަރުވާގެ ކަންކަން] ކުރަންވީ ގޮތެއް. ވަރަށް ތެދު ތެދަށް ސާފުކޮށް މި ދަންނަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި މަސްތުވާތަކެތިން ސަލާމަތް ވާން ފަރުވާ ހޯދަން، ނިޒާމުގެ ތެރެއަށް ވަންނަ މީހުންނަށް މި ވަބާއިން މިންޖުނުވެވިގެން އުޅޭ ސަބަބެވެ. ރާއްޖޭގައި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މީހުން ނެތީ އެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބޭ މީހުންނަށް ފަރުވާ ކުރާނެ ގޮތް ނޭނގެނީ އެވެ. ދެވޭ ފަރުވާ ވެސް ރަނގަޅު ނޫނީ އެވެ. ނަތީޖާއަކަށް ވެގެންދަނީ، މިކަމުން އެދެވޭ ނަތީޖާއެއް ނުނުކުތުމެވެ. ފަރުވާގެ ކޮޓަރި އާއި މަސްތުގެ އައްޑާއާ ދޭތެރޭގައި ދުވާ ޒުވާނުން ދުވަހެއް ދުވަހަކަށް އިތުރުވުމެވެ.

ފަރުވާގެ ދޮރުގައި ޓަކި ޖަހާތާ 300 ދުވަސް، ދެން ފެންނަނީ އައްޑާއަކުން

މާލޭގައި ހިންގާ ޑްރަގް އައްޑާތައް ބަންދުކުރުމަށް ފުލުހުން ފެށި ބޮޑު އޮޕަރޭޝަންގެ ދަށުން، އެފަދަ އެތައް ތަނެއްގެ ގޭޓުތައް ބަންދުކުރި އެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ، މަސްތުގެ ހާލަތުގައި، ވަންނާނެ ބޯހިޔާވަހިކަމެއް ނެތި، އެތަކެއް ޒުވާނުން މަގުމަތީގައި ބިތްޖެހިފައި ތިބި ތަނެވެ. އައްޑާތައް ބަންދުކުރިއިރު، ފަރުވާ ހޯދަން ވެސް ވަންނާނެ ތަނެއް ނެތެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު މިދިޔަ ހަފްތާގައި ވިދާޅުވިގޮތުގައި، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާގެ ދޮރު ކުރިމަތީގައި މީހަކު މަޑުކޮށްގެން ހުންނަން ވަރަށް ދިގު މުއްދަތެއް ހޭދަވެ އެވެ.

"އެންމެ ކުރުކޮށް ވެސް ގޮސް ހުއްޓިފައި ހުރީ 300 ދުވަހުންނޭ. މި ފަރުވާގެ ދޮރުގެ ކައިރީގައި. އެހެންވީމަ މި ޕްރޮސެސް ވަރަށް ދިގުކޮށް ދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އެންޑީއޭ ރީސްޓްރަކްޗާ ކުރުމަށް ގޮވާލައި "ހޭންޑްސް ޓުގެދާ" އިން ހުށަހެޅި ޕެޓިޝަނަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޝާކިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެއީ 30 ދުވަހުން ވެސް ކުރެވޭނެ ކަމެއް ކަމަށެވެ. 

މިނިސްޓަރު ނަސީމް މިއަދު ވިދާޅުވީ، އެކި މަރުހަލާތަކުގައި މަސްތުވާތަކެތީގެ ފަރުވާ ހޯދާ 3،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި މިވަގުތު އެބަތިބި ކަމަށެވެ. ނަމަވެސް އެއީ ވެސް ނިމުމެއް ނެތް ބުރެކެވެ. ފަރުވާ ދީ ނެރޭތާ ދެތިން ދުވަސް ތެރޭ އަނެއްކާވެސް ފެންނަނީ މަސްތުގެ ހާލަތުގައި ގެނެސް އެ ދޮރުން ވައްދާ ތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވާހަކަދައްކަވަނީ، 15 ސެޕްޓެމްބަރު 2021 (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ނަސީމް ވިދާޅުވީ އެކަށީގެންވާ ދިރާސާތަކެއް ކުރެވިގެން، ޑްރަގުގެ ފަރުވާދޭނެ އިންތިޒާމުތަކެއް މިއަދާ ހަމައަށް ވެސް ހަމަޖެއްސިފައި ނެތް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ތަކުރާރުކޮށް ފަރުވާއަށް ގެންނަން ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފަ އެވެ.

އޭގެ މާނައަކީ ދެވޭ ފަރުވާ އެކަށީގެންވާ ގޮތުގައި އަޅުގަނޑުމެންނަށް ނުދެވެނީއޭ. އަނެއްކާ އެމީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެންނަށް ނުކުރެވެނީއޭ.

އަހްމަދު ނަސީމް، ހެލްތު މިނިސްޓަރު

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ޕެޓިޝަން ކޮމިޓީގައި ވިދާޅުވީ، ކޮވިޑް-19 ލޮކްޑައުން ތެރޭގައި ވެސް މަގުމަތިވެފައި ތިބެގެން ވަގުތީ ހިޔާތަކަށް ގެންދިޔަ މީހުންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ. އެންޑީއޭ އާއި ޖެންޑާ ގުޅިގެން އެމީހުން ޑީޓޮކްސް ކުރުމުގެ މަސައްކަތް ވެސް ކުރި އެވެ. އެގޮތުން 2،000 އާ ގާތްކުރާ އަދަދަކަށް މީހުން ޑިޓޮކްސްކޮށް، ވަގުތީ ހިޔާތަކުން ދޫކޮށްލި އެވެ.

ނަމަވެސް ޖެންޑާއަށް ވެސް ފާހަގަވީ، ދެތިން ހަފްތާގެ ފަރުވާއަށް ފަހު ދޫކޮށްލާ މީހުން އަނެއްކާވެސް މަސްތުގެ ހާލަތުގައި ވަގުތީ ހިޔާތަކަށް ގެންދަން ޖެހޭ ކަމެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އޭރު ފާހަގަ ކުރެވުނު ކަމަކީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުންނާ މެދު އާއިލާ ތެރޭގައި ވެސް އަދި މުޖުތަމައުގައި ވެސް މި ދެކޭ ގޮތް. އެގޮތަކީ ވަރަށް ނެގެޓިވް ގޮތަކަށް ވާތީ، އަނބުރާ ތިން ހަފްތާ ނުވަތަ ދެ ހަފްތާގެ ޑިޓޮކްސް އަށް ފަހު އާއިލާ އަށް ވެއްދުން އެއީ އެންމެ ބޮޑު މަސައްކަތަކަށް ވެގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ (ވ). (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

އަޅުގަނޑުމެންނަށް މި ދެވެނީ އެންމެ އެކަށީގެންވާ ފަރުވާއެއް ނޫންކަން އަޅުގަނޑު ގަބޫލުކުރަން. އެ ދެވޭ ފަރުވާ އެބަޖެހޭ ދިރާސާކުރަން.

އަހްމަދު ނަސީމް، ހެލްތު މިނިސްޓަރު

70% އަކީ މަސްތުވާތަކެތީގެ މައްސަލަތައް

އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ނާޝިދު ޕެޓިޝަން ކޮމިޓީގައި ވިދާޅުވީ، އެ އޮފީހުގެ މަސައްކަތުގެ %70 އަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ޑްރަގް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް ފަރުވާ ބޭނުންވެފައި ތިބި މީހުން މަދެއް ނޫނެވެ.

"ޑްރަގް ކޯޓަށް ވަންނަ ކޮންމެ މައްސަލައަކީ މީހެއް. މާނައަކީ އެއީ ފަރުވާ ބޭނުންވާ މީހެއްގެ މައްސަލައޭ މި ވަންނަނީ އެހެންވީމަ [ފަރުވާ ބޭނުންވާ މީހުންގެ] އަދަދު އަޅުގަނޑުމެންނަށް މި އަންދާޒާ ކުރެވެނީ،" ނާޝިދު ވިދާޅުވި އެވެ.

ފަރުވާއަށް ވައްދާ މީހުންގެ އަދަދު މަތީގައި ހުރި ނަމަވެސް، ފަރުވާ ފުރިހަމަކޮށްގެން ނުކުންނަ މީހުންގެ އަދަދު އޭގެ ދެބައިކުޅަ އެއްބަޔާ ވެސް ކައިރި ނުކުރެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީ އެވެ. ނާޝިދު ވިދާޅުވީ މުޅި ނިޒާމު އެއްކޮށް ހައްލުކޮށްގެން ނޫނީ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

  • ޖަލުގެ %60 އަކީ (556 މީހުން) މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުން.  

  • މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ 35 އަހަރުން ދަށުގެ ޒުވާނުން. 

  • ޖަލުގައި ތިބި ޒުވާނުންގެ %80 އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން. އޭގެ ތެރޭގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން އަންނަ 167 މީހަކު ހިމެނޭ. 

މަސްތުގެ ހިދުމަތް ދެމުން އަންނަ މާލޭގެ ބައެއް ސަރައްހަދުތައް ފުލުހުން ފާހަގަކޮށްފައި: އެފަދަ "ކެފޭ"ތައް ގިނަ އަދަދަކަށް ހުންނަނީ ގަލޮޅުގައި. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ޖަލުގެ އާބާދީ އިތުރުވާން ދިމާވާ ސަބަބެއްގެ ގޮތުގައި ފާހަގަވަނީ، ޑްރަގް ފަރުވާ ފެއިލްވެ، ޖަލަށް ހުކުމް ކުރާ މީހުން މިހާރު އިތުރުވެފައި ވުމެވެ. ނާޝިދު ވިދާޅުވީ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށް، ފަރުވާ ފެއިލްވެގެން ޖަލަށް ގޮސްފައި ތިބި 300 އެއްހާ މީހުން މިވަގުތު ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކަމަށެވެ.

"މި އަދަދުތައް ފުދޭވަރަކަށް އިތުރުވަމުން ދާތީ ޖަލުގެ އާބާދީއަށް ވެސް އޭގެ އަސަރު ވަރަށް ބޮޑަށް އެބަ ކުރޭ،" އޭނާ ވިދާޅުވި އެވެ.

"ހެލްތާއި އެންޑީއޭ އަށް އެކަނި މިކަން ވާކަށް ނެތް"

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ކުރަންވީ ގޮތާއި މައްސަލަ ހައްލުކުރަންވީ ގޮތް ސަރުކާރަށް ރަނގަޅަށް ނޭނގޭ ކަމަށް އެއްބަސްވެވަޑައިގަންނަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއް ކަމުން، ހެލްތު މިނިސްޓްރީ އާއި އެންޑީއޭ އެކަނި އުޅެގެން އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ.

"އެ ހަގީގަތް އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭނެ. މީ މުޅި މުޖުތަމައުގެ މައްސަލައެއް. އެތައް ބައިވަރު މީހުން އިންވޯލްވް ވާ ކަމެއް. ވަރަށް ބޮޑު ވިޔަފާރިއެއް. އެހެންވީމަ މިއަށް މަގުފަހި ވެސް ވާނެ. އެތައް ދިމަދިމާލުން މަގުފަހިވާނެ. ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން ދަނީ. ކުޑަކޮށް ނުރައްކާ ވެސް ކަމެއް މި ކަމަކީ. ވަރަށް ބަލައިގެން މައިތިރިކޮށް ގެންދަން ޖެހެނީ،" ނަސީމް ވިދާޅުވި އެވެ.

ކުރަން ޖެހެނީ ބޮޑު މަސައްކަތެއްކަން ދެކި، ރާއްޖެއިން ބޭރުން ފަންނީ މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ސްޕެޝަލިސްޓުން ނެތުމުން، ބޭރުން މީހުން ރެކްރޫޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ޑޮކްޓަރުން އައިސް، ރާއްޖޭގައި ތިބެގެން، ފަރުވާގެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ނަސީމް ދެއްވި އެވެ.

"އަޅުގަނޑުމެންނަށް މި ދެވެނީ އެންމެ އެކަށީގެންވާ ފަރުވާއެއް ނޫންކަން އަޅުގަނޑު ގަބޫލުކުރަން. އެ ދެވޭ ފަރުވާ އެބަޖެހޭ ދިރާސާކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް