އަބްދުﷲ ހަމީދު (ވ)، މުހައްމަދު ސަލީމް (ކ) : މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ރައީސަށް ލަފާދޭން ޖޭއެސްސީން ނިންމި
ހަމީދާއި ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ. އެގޮތުން:
-
އެ ދެ ފަނޑިޔާރުން ވަކިކުރުމުން އެ މަގާމަށް 12 ބޭފުޅުން ކުރިމަތިލެއްވިއިރު، ޖޭއެސްސީން ނިންމާފައިވަނީ އެ މަގާމަށް ހަމީދާއި ސަލީމް އައްޔަންކުރުން؛ ޖޭއެސްސީން ނިންމި ގޮތަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ތާއީދުކޮށްފައިވޭ
-
މިއަދުގެ މަޖިލިސް ޖަލްސާގައި އޮތީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުން
ތަފްސީލު - މަޖިލީހުގައި ނެގި ވޯޓުގައި ހަމީދަށް ރުހުން ލިބުނީ 60 މެންބަރުންގެ ތާއީދާ އެކު އެވެ. ސަލީމަށް 61 މެންބަރަކު ރުހުން ދީފައިވެ އެވެ. އެގޮތުން:
-
ހަމީދަށް އެއް ވޯޓު އިތުރުވީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން އެ ވޯޓުގައި ބައިވެރިވެވަޑައިނުގަތުމުން؛ ސަލީމަށް އޭނާ ވޯޓު ދެއްވި
-
މި ދެ ވޯޓުގައި ވެސް އެމްޑީޕީ މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވޭ
ފަަސްމަންޒަރު - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމުމުންނެވެ. އެގޮތުން:
-
އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައި ވަނިކޮށް
-
އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރި
-
އެއާ އެކު، ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ސުއޫދު އިސްތިއުފާ ދެއްވި. ސަރުކާރުން އެ ތުހުމަތު ދޮގުކުރޭ
-
މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް؛ އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ މިހާރު އޮތީ ހުއްޓިފައި
-
ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައި