ފުލުހުންގެ ބައެއް އޮފީސްތައް ހުންނަ އިސްކަންދަރު ކޮށި: ފުލުހުންގެ އަތުގައި ހުރި ޓެގުތަކުގެ ޖުމުލަ އަދަދު ސިއްރުކޮށްފި - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން

ފުލުހުންގެ އަތުގައި ހުރި އިލެކްޓްރޯނިކް ޓެގުތަކުގެ އަދަދު ސިއްރުކޮށްފި

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދިފައިވަނީ ޓެގުތަކުގެ ޖުމުލަ އަދަދު އަދި ފުލުހުންގެ ހުރި ޓެގުތަކާއި ސިސްޓަމްތަކުން އެއްފަހަރާ އެއް ވަގުތެއްގައި މޮނިޓާކުރެވޭނީ ކިތައް ޓެގު ކަން

ގޭބަންދުގައި ނުވަތަ ރަށު ބަންދުގައި ތިބޭ މީހުންގެ ހަރަކާތްތައް މޮނިޓާކުރުމަށް އެ މީހުންގެ ފައިގައި ޖަހާ ގޮތަށް ފުލުހުންގެ އަތުގައި ހުރި އިލެކްޓްރޯނިކް ޓެގުތަކުގެ އަދަދު ސިއްރުކޮށްފި އެވެ.

ވީ ކިިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް އެތައް އަހަރެއް ވަންދެން 'ވާނުވާ' ބަންދުގައި ތިބެން ޖެހުމުގެ މައްސަލައިގެ ހައްލެެއް ގޮތުން ބައެއް މީހުން ޓެގު އަޅުވާފައި ދޫކުރަން ވަނީ ފަށައިފި އެވެ.

ފައިގައި ޓެގް އެޅުވުމަށް ފަހު ބަންދަށް ލުއި ދޭނެ މީހުން ކަނޑައަޅަމުން ދަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓުތަކަށް ބެލުމަށް ފަހު އެވެ.

އެހެންވުމާ އެކު ޓެގުތަކުގެ ބައެއް ތަފްސީލް ދިނުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން 'ދައުރު' ނޫހުން ވަނީ އެދިފަ އެވެ. އެގޮތުން، 'ދައުރު'ން އެދިފައިވަނީ:

  • ގޭބަންދުގައި ނުވަތަ ރަށު ބަންދުގައި ތިބޭ މީހުންގެ ހަރަކާތްތައް މޮނިޓާކުރަން ފުލުހުންގެ ހިދުމަތުގައި ހުރި އިލެކްޓްރޯނިކް ޓެގުތަކުގެ ޖުމުލަ އަދަދު

  • ފުލުހުންގެ ހިދުމަތުގައި ހުރި އިލެކްޓްރޯނިކް ޓެގުތަކާއި އެ ޓެގުތައް މޮނިޓާކުރުމަށް ހުރި ސިސްޓަމްތަކުން އެއްފަހަރާ އެއް ވަގުތެއްގައި މޮނިޓާކުރެވޭނީ ކިތައް ޓެގު

ތަފްސީލް - މި ހުށަހެޅުމަށް ފުލުހުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެ މައުލޫމާތު ދޫކުރެވެން ނެތީ، އެ މައުލޫމާތު އާންމުކޮށް ދޫކުރުމުން ގާނޫނާ ހިލާފަށް ކުރާ އަމަލުތައް ހިންގިޔަނުދިނުމަށް ކުރަމުންދާ މަސައްކަތުގެ ބޭނުންތެރިކަން ނެތިގެން ހިނގައިދާނެ ކަމަށް ފެންނާތީ އެވެ.

މައުލޫމާތު ސިއްރުކުރުމަށް ފުލުހުން ހަވާލާދީފައިވަނީ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި 28 ވަނަ މާއްދާގެ (ހ) އަށެވެ.

އޭގެ ތެރެއިން 27 ވަނަ މާއްދާއަކީ ތަންފީޒީ އިދާރާތަކުން މައުލޫމާތު ދޫކުރުމުން އިސްތިސްނާ ކުރެވިގެންވާ މައުލޫމާތުތައް ހިމެނޭ މާއްދާ އެވެ. އެގޮތުން، ފުލުހުން ފާހަގަކުރާ ދެ ނަންބަރުގައި އޮންނަނީ:

  • ގާނޫނެއް ހިންގުމުގައި ނުވަތަ ތަންފީޒު ކުރުމުގައި ސިއްރުގެ ގޮތުގައި ހިފަހައްޓަން ޖެހޭ މައުލޫމާތު

  • ގާނޫނާ ހިލާފަށް ކުރާ އަމަލުތައް ހިނގިޔަ ނުދިނުމަށް ނުވަތަ ދެނެގަތުމަށް ނުވަތަ ތަހްގީގުކުރުމަށް ނުވަތަ އެފަދަ ކަންކަމާ ގުޅޭ ގޮތުން މުއާމަލާތް ކުރުމަށް ހެދިފައިވާ ސައްހަ އުސޫލެއްގެ ބޭނުންތެރިކަން ނެތިގެން ހިނގައިދާނެ މައުލޫމާތު

ގާނޫނުގެ 28 ވަނަ މާއްދާއަކީ، މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާއަށް ކަނޑައެޅޭނެ ހާލަތްތައް ބަޔާންކުރާ މާއްދާ އެވެ. ފުލުހުން ފާހަގަކުރާ ނަންބަރުގައި ބުނާ ހާލަތަކީ:

  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން

ތަންފީޒީ އިދާރާތަކުން ހިފެހެއްޓުން ހުއްދަ ނޫން މައުލޫމާތުތަކެއް ވެސް ގާނޫނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާއަށް ވުރެ ބޭރުން ކަމެއްގެ ތަހުގީގު ހިނގައްޖެކަން ހާމަކޮށްދޭ މައުލޫމާތު

  • ގާނޫނާ ހިލާފަށް ކުރެވޭ އަމަލުތަކާ ގުޅޭ ގޮތުން ތަންފީޒީ އިދާރާތަކުން އަމަލުކުރާ ގޮތުގެ އާންމު އުސޫލު އަންގައިދޭ މައުލޫމާތު

  • ގާނޫނާ ހިލާފަށް ކުރެވޭ އަމަލުތައް ހުއްޓުވުމަށް ޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގެ ކާމިޔާބީގެ މިންވަރު އަންގައިދޭ މައުލޫމާތު

  • ތަހުގީގު ކުރެވެމުންދާ މީހަކަށް އާންމު އުސޫލުން އަންގައިދީފައިވާ މައުލޫމާތު

އެނގުން މުހިންމު - ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސީރިއަސް ކުށްތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތަކާއި ޖިންސީ ކުށް އަދި ޓެރަރިޒަމް ފަދަ ކުށްތައް ހިމެނެ އެވެ.

މި މައްސަލައިގެ މައިގަނޑު ހައްލަކީ ޝަރީއަތްތައް އަވަހަށް ނިންމައި ހުކުމަކާ ހަމައަށް ވާސިލްވުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެ ގޮތުން ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، އަވަހަށް ޝަރީއަތްތައް ނިންމޭނެ ގޮތަށް އެހެނިހެން ގޮތްގޮތުން ވެސް އިންތިޒާމުތައް ހަމަޖައްސަން ޖެހެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޖުރާއަތަކީ، މުޖުތަމައުގެ ރައްކަލަށާއި އިންސާފުގެ ކުރިމައްޗަށް ކުށްކުރި މީހާ ގެނައުމަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި ހިންގަމުން ގެންދާ އުސޫލެކެވެ.

ޖިނާއީ އިޖުރާއަތުގެ ތެރޭގައި މި ކަން ހިމަނަން ޖެހުނީ ތިން ކަމެއް މެދުވެރިވާތީ އެވެ. އެގޮތުން:

  • ޝަރީއަތް ހިނގަމުންދާ ގައުމު ދޫކޮށް ގޮސް ފިލުމުގެ އިހުތިމާލު އޮތުން

  • ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިލާމު އޮތުން

  • އަދި މުޖުތަމައަށް ނުރައްކަލެއް އޮވެދާނެ ކަމުގެ އިހުތިމާލު އޮތުން

ކޮމެންޓް (1)

ވަޒަން

2 ޖޫން 2025
ރާއްޖޭގަައި ހުރި ބަޑިއާއި ވަޒަނާއި ހަތިޔާރުގެ އަދަދު ވެސް ހޯދަން މިމީހުން އުޅެގެންފާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް