ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ. (ފޮޓޯ/ އަވަސް)
ކުރީގެ އިސް ފަނޑިޔާރެއްގެ ނަޒަރުން 'ވާނުވާ' ބަންދަށް ހައްލުތަކެއް
ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ބަންދުކުރުން ނުވަތަ 'ވާނުވާ' ބަންދު ޖެހުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން މަޝްވަރާތައް އަބަދުވެސް ކުރިއަށްދެ އެވެ. އެގޮތުން ގާނޫނު އިސްލާހު ކުރުމަށް ނިންމާ، ޝަރީއަތްތައް ހިންގަން އެކަށީގެންވާ ޖާގަ ދިނުން ފަދަ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި، ވާނުވާ ބަންދުގެ މައްސަލައަށް އޮތް ހައްލަކީ، ޝަރީއަތްތައް އަވަސް ކުރުމެވެ. ނަމަވެސް، ބައެއް ބޭފުޅުންގެ ހިޔާލު އެކަމުގައި ތަފާތެވެ.
އިތުރަށް ކިޔާލަން
'ވާނުވާ'ގެ ހައްލަކީ ކޯޓު އިމާރާތް، އެކަމަށް ދެން ނަގާނީ ދެ މަސް
29 އޭޕްރީލު 2024
ވާނުވާ ބަންދުގައި ތިބި މީހުންގެ ކޭސްތައް ރިވިއުކޮށް ދޫކޮށްލަނީ
5 މާރިޗު 2024
ވާނުވާ ބަންދަށް ބޭނުންވަނީ ހަމައެކަނި ގާނޫނީ ހައްލެއް ނޫން: ޕީޖީ
7 ފެބްރުއަރީ 2024
ވާނުވާ ބަންދު ނިމުމަކަށް ގެންނަން ގާނޫނު އިސްލާހު ކުރަނީ
5 ފެބްރުއަރީ 2024
ހައި ކޯޓުގެ ކުރީގެ އިސް ފަަނޑިޔާރު ހާތިފް ހިލްމީ ގަބޫލުކުރައްވާ ގޮތުގައި، ޝަރީއަތް އަވަސް ކުރުމުގެ އިތުރުން ވެސް ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ނިޒާމަށް ބައެއް ބަދަލުތައް ގެނެސް އާ ކަންކަން ތައާރަފު ކުރަން ޖެހޭ ކަމަށެވެ.
"ޔަގީނުންވެސް ޝަރީއަތް އަވަސްވުމަކީ ހައްލެއް އަދި އެއީ އޭގެ އެންމެ ފުރިހަމަ ހައްލު، އެކަމަކު އެއީ ހަމައެކަނި ހައްލެއް ނޫން،" އެކަމާ ބެހޭގޮތުން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ހާތިފް ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި މީހަކު ބެހެއްޓޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާނަމަ އެވެ. އެ ހާލަތްތަކަކީ:
-
ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް
-
ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ނުވަތަ ފިލައިފާނެ ކަމަށް
-
ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް
މި ވަކި ވަކި ހާލަތްތަކަށް ރިއާޔަތް ކުރައްވާ، ވާނުވާ ބަންދުގެ މައްސަލައަށް ހާތިފް ވަނީ ހައްލުތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށްޓަކައި ނުވަތަ ފިލައިފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ހައްލަކަށް އޭނާ ހުށަހެޅުއްވީ:
-
ޓެގް އަޅުވާފަ މޮނިޓާ ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުން
-
ޓެގް އަޅުވާފަ ހުންނަ މީހާ ނުފިލާނެކަން، ކޯޓަށް ހާޒިރުވާނެކަން އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިނުވާނެކަން ތަންފީޒީ އިދާރާތަކުން ކަށަވަރުކުރުން
-
މިކަން މިގޮތަށް ކަށަވަރުކުރެވިއްޖެ ނަމަ، މި ތިން ސަބަބުގެ މައްޗަށް ބިނާކޮށް މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު ވަރަށް މަދުވާނެ ކަމަށް އޭނާ ވިދާޅުވި
ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް އޮތް ހައްލަކަށް ހާތިފް ހުށަހެޅުއްވީ:
-
މާއްދީ ހެއްކެއްމަށްވާނަމަ، އެ ހެކި ރައްކާކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން
-
ހެކިވެރިޔެއް ކަމަށްވާނަމަ، ބަންދުގައި ހުރި މީހާގެ އެދުމުގެ މަތިން، ދުރާލާ ހެކިބަސް ނެގެން އޮތްނަމަ، ދުރާލާ އެ ހެކިބަސް ނެގުން
-
އަދި މި ހެކިބަސް ފަހުން ބަދަލު ކުރުމުގެ ފުރުސަތު ހެކިވެރިޔާއަށް ނުދިނުން ނުވަތަ އެ ފުރުސަތު ވަރަށް ހަނިކޮށްފައި އޮތުން
"މި ގޮތަށް މިކަން ކުރެވިއްޖެނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހުން ވަރަށް މަދުވާނެކަމަށް ދެކެން،" ހާތިފް ވިދާޅުވި އެވެ.
ވާނުވާއޭ މިކިޔާ ބަންދަށް އޮތް ހަމައެކަނި ޙައްލަކީ، ޝަރީޢަތް އަވަސްކުރުންތޯ؟
— Hathif Hilmy (@HathifHilmy) July 6, 2024
މީހެއް ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އެކަން ކުރަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް…
އެކި ސަބަބުތަކާ ހެދި ޝަރީއަތް ނިމެންދެން 'ވާނުވާ' ބަންދުގައި އެތައް އަހަރެއް ވަންދެން ރާއްޖޭގައި މީހުން އެބަތިއްބެވެ. ހުކުމަކާ ނުލާ ދިގުމުއްދަތަކަށް މީހުން ޖަލުގައި ބޭތިއްބުމަކީ އިންސާނީ ހައްގުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެ އެކަން ވަރަށް ހާއްސަ ހާލަތްތަކެއްގައި ނޫނީ ނުކުރެވޭ ގޮތަށް ބޭއްވުމަށް އެކި ފަރާތްތަކުން ގެންދަނީ އަޑުއުފުލަމުންނެވެ.
ކޮމެންޓް (1)
ސިކުނޑި