'އަހާ' ޕްރޮގްރާމްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ޖަވާބު ދެއްވަނީ
'ވާނުވާ' ބަންދުގެ މައްސަލައަށް އޮތް ހައްލަކީ ޝަރީއަތް ހިންގާނެ ޖާގަ، ދެ މަސް ތެރޭގައި އާ އިމާރާތް ދެވޭނެ: އިހުސާން
'ވާނުވާ' ބަންދުގެ މައްސަލަ ހައްލުކުރެވެން އޮތީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިންގަން އެކަށީގެންވާ ޖާގަ ދެވިގެން ކަމަށާއި ހުޅުމާލޭގައި ހަދާ އިމާރާތް ނިމި ދެ މަސް ދުވަހުގެ ތެރޭގައި އެ ތަން އެ ކޯޓާ ހަވާލުކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ މިނިސްޓަރުން ރައްޔިތުންނަށް ޖަވާބުދާރީވާން ކުރިއަށް ގެންދާ 'އަހާ' ޕްރޮގްރާމްގައި މިރޭ ފަސް މިނިސްޓަރަކަށް ވަނީ އާންމުންގެ ސުވާލުތައް އަމާޒުވެފަ އެވެ. އެގޮތުން މީހަކު ކުރި އެއް ސުވާލަކީ 'ވާނުވާ' ބަންދުގެ މައްސަލަ ހައްލުކުރެވޭނީ ކޮން އިރަކުންތޯ އެވެ.
'ވާނުވާ' ބަންދުގެ މާނައަކީ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އެތައް އަހަރެއް ވަންދެން ބަންދުގައި ތިބެން ޖެހޭޖެހުމެވެ.
ތަފްސީލް - ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ފުލުހުންގެ ތަހުގީގަށް 'ވާނުވާ' ބަންދެއްގައި އެއްވެސް މީހަކު މިހާރު ތިބެން ނުޖެހޭނެ ކަމަށެވެ.
"ފުލުހުންގެ ތަހުގީގުތައް މިހާރު މިހާތަނަށް ނުވާހާ އަވަސްކޮށްފިން. [އެ އޮންނަ މުއްދަތެއްގައި] ޕްރޮސެކިއުޓަ ޖެނެރަލްއަށް ފޮނުވަން،" އިހުސާން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ޝަރީއަތް ނިމެންދެން 'ވާނުވާ' ބަންދުގައި އެތައް އަހަރެއް ވީ މީހުން އެބަ ތިބި ކަމަށާއި އެކަން ހައްލުކުރެވޭނީ ކްރިމިނަލް ކޯޓަށް މިހާރު ދިމާވެފައި އޮތް ޖާގައިގެ މައްސަލަ ހައްލުކުރެވިގެން ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގެ 12 ގާޒީންނަށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް މިހާރު ހުރީ އެންމެ ކޯޓު ރޫމެކެވެ. އެހެންކަމުން ޖާގައިގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެހުރީ ތަނެއް ހޯދާފައި. ހުޅުމާލޭގައި ހުރި އެ އިމާރާތް ކުރިމިނަލް ކޯޓަށް ދޭން ދެތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާފައި ހަވާލުކުރެވޭނެ،" އިހުސާން ވިދާޅުވި އެވެ.
"އެހާ ހިސާބުން ވާނުވާގައި ތިބި މީހުންގެ މައްސަލަތައް އަވަސްކުރެވޭނެ. ވާނުވާ އެއްކޮށް ހައްލުވާނެ."
އޭނާ ވިދާޅުވީ ޝަރީއަތުން ހުކުމެއް އައިސްގެން ނޫން ގޮތަށް އެންމެ މީހަކު ވެސް ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ބައިތިއްބަން ބޭނުންނުވާ ކަމަށެވެ.
ކޮމެންޓް (2)
ޫޔަން
އުންސުރު