ޕީޖީ އައްބާސް ޝަރީފް: ނުރައްކާތެރި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުނަށް ލުއި ނުދެވޭނެ ކަމަށް ޕީޖީ އޮފީހުން ބުނި -- (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި ނުރައްކާތެރި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުނަށް ލުޔެއް ނެތް: ޕީޖީ
ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ހިމެނޭހެން ނުރައްކާތެރި ކުށްތަކުގެ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ބަންދަށް ލުޔެއް ދޭން ހަމަޖެހިފައި ނުވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް އެތައް އަހަރެއް ވަންދެން 'ވާނުވާ' ބަންދުގައި ތިބެން ޖެހުމުގެ މައްސަލައިގެ ހައްލެެއް ގޮތުން ބައެއް މީހުން ޓެގު އަޅުވާފައި ދޫކުރަން ފެށީ އިއްޔެ އެވެ.
ތަފްސީލް - ޕީޖީ އޮފީހުން މިއަދު ބުނީ ފައިގައި ޓެގް އެޅުވުމަށް ފަހު ބަންދަށް ލުއި ދޭނެ މީހުން ކަނޑައަޅަމުން ދަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓުތަކަށް ބެލުމަށް ފަހު ކަމަށެވެ.
ނަމަވެސް މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ ނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދޭން ހަމަޖެހިފައި ނުވާ ކަމަށެވެ.
ޕީޖީ އޮފީހުގެ ސައިޓްގައި ޝާއިއުކުރި ލިޔުމުގައި ބަންދަށް ލުއިނުދެވޭނީ ކޮން ބާވަތެއްގެ ކުށްތަކުގައި ބަންދުކޮށްފައި ތިބޭ މީހުން ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެއީ:
-
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް
-
މަރުގެ މައްސަލަތައް
-
ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް
-
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތައް
ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ބަލަނީ ދީނީ ނުވަތަ ސިޔާސީ ގޮތުން ހަރުކަށި ފިކުރެއް ކުރިއެރުމުގެ މުގާބިލުގައި ހިމެނޭ ބައެއް ނުރައްކާތެރި ކުށްތަކެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
-
މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
-
ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން
-
ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން
-
މުދަލަށް ބޮޑެތި ގެއްލުން ދިނުން
-
ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން
-
އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވުން
އެހެން ކުށްތަކުގައި ޓެގް އަޅުވާފައި ބަންދުން ދޫކޮށްލުމުގެ މަސައްކަތް އިއްޔެ ފެށިއިރު މިހާރު ދެ މީހަކު ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އިތުރު ފަސް މީހަކު އެ ގޮތަށް ދޫކޮށްލުމުގެ މަސައްކަތް ފަށައި، ކުރިއަށް ހުރި އަޑުއެހުންތަކަށް ފަހު ހަމަޖެހިގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސީރިއަސް ކުށްތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތަކާއި ޖިންސީ ކުށް އަދި ޓެރަރިޒަމް ފަދަ ކުށްތައް ހިމެނެ އެވެ.
މި މައްސަލައިގެ މައިގަނޑު ހައްލަކީ ޝަރީއަތްތައް އަވަހަށް ނިންމައި ހުކުމަކާ ހަމައަށް ވާސިލްވުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޖުރާއަތަކީ، މުޖުތަމައުގެ ރައްކަލަށާއި އިންސާފުގެ ކުރިމައްޗަށް ކުށްކުރި މީހާ ގެނައުމަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް އޮންނަ ގޮތެވެ.
ކޮމެންޓް (1)
ޑޯންޓު