ހައުސިން މިނިސްޓްރީގައި އަލިފާން ރޯވުމަށް ފަހު އެ ތަން ސާފުކުރުމުގެ މަސައްކަތްކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިނިސްޓްރީން ބުނަނީ ފްލެޓް ކޮމިޓީގެ ރިޕޯޓު އަލިފާނުގައި އަނދައިގެން ގޮސްފައިވާ ކަމަށް

ކޮމިޓީ ރިޕޯޓާއި ކޮމިޓީއަށް ދިޔަ ހަރަދުގެ ތަފްސީލުތައް ވެސް މިނިސްޓްރީގައި ނެތް ކަމަށް ބުނި؛ އެކަމަކު މައުލޫމާތު ހޯދަން އެދުނު ފަރާތުން ބުނަނީ އެ ރިޕޯޓަކީ ރައީސް އޮފީހާ ވެސް ހިއްސާކޮށްފައިވާ ރިޕޯޓަކަށްވާތީ އެ މައުލޫމާތު ހޯދޭނެ ކަމަށް

މިދިޔަ ސަރުކާރުގައި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުން ކަނޑައެޅި ފްލެޓު ކޮމިޓީގެ ރިޕޯޓާއި އެކަމާ ގުޅޭ ގޮތުން އެ ކޮމިޓީން ކޮށްފައިވާ އެއްވެސް މަސައްކަތެއް މިހާރު ފެންނަން ނެތް ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ. އެ ތަކެތި ނެތީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި މިދިޔަ ޑިސެމްބަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ތަކެތި އަނދައިގެން ގޮސްފައިވާތީ ކަމަށް އެ މިިނިސްޓްރީން ބުންޏެވެ.

ވީ ކިހިނެއް؟ - ފްލެޓު ލިބޭ މީހުން ކަނޑައަޅަން މިދިޔަ ސަރުކާރުގައި އެކުލަވާލި ކޮމިޓީ ރިޕޯޓާއި އެ ކޮމިޓީން ކުރި މަސައްކަތުގެ ތަފްސީލު އެ މިނިސްޓްރީގައި މިހާރު ނެތް ކަމަށް މިނިސްޓްރީން ބުނީ، އެ މައުލޫމާތު ނުދީގެން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައެއްގައި އިއްޔެ ބޭއްވި އަޑުއެހުމެއްގަ އެވެ. އެ މައުލޫމާތު ހޯދަން އެދިފައި އޮތީ 'ފަހި ޔޫނިއަން'ގެ ފަރާތުން އިސްމާއިލް ނާއިފް ކިޔާ މީހެކެވެ.

މިނިސްޓްރީން ދިނީ ކޮން ޖަވާބެއް؟

  • މައުލޫމާތޯ ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދަން އެދުނީ މިދިޔަ 17 އޮގަސްޓުގައި

  • މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އޭނާ ހުށަހެޅުއްވީ މިދިޔަ 8 އެޕްރީލްގައި

  • އެ މައްސަލާގައި މިދިޔަ މާޗު މަސް ތެރޭ ބޭއްވި އަޑުއެހުމަކަށް ފަހު މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނެފައިވަނީ ފްލެޓުތަކާ ގުޅޭ އެ މައުލޫމާތަކީ މިހާރު ވެސް ކޮމިޓީއަކުން ދިރާސާކުރަމުން އަންނަ މައުލޫމާތަކަށްވުމުން އެ މައުލޫމާތު ދެވެން ނެތް ކަމަށް

  • މިދިޔަ އަންގާރަ ދުވަހު އިތުރު ޖަވާބެއް ފޮނުވި؛ އެ ޖަވާބުގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވާއަށް ގެއްލުން ލިބި، އެ ސާވާއިން މައުލޫމާތު ރިކަވާކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް

"12 ޑިސެމްބަރު 2024ގައި ކުރީގެ ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި މިނިސްޓްރީގެ ސާވާއަށް ގެއްލުންތަކެއް ލިބިފައިވާތީ މައުލޫމާތު ރިކަވާކުރުމުގެ މަސައްކަތްކުރިއަށްދާ ވާހަކަ ދަންނަވަމެވެ. އަދި ތިފަރާތުން އެދިފައިވާ މައުލޫމާތު ރިކަވާކުރެވުނުހާ އަވަހަކަށް ހިއްސާކުރާނެ ކަމުގައި ދަންނަވަމެވެ،" މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން ފޮނުވި ޖަވާބުގައިވެ އެވެ. 

އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި އެ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުން އެ ސަރުކާރުގެ ފަހުކޮޅުގައި އޮތީ ކަނޑައަޅާފަ އެވެ. މި ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައަޅާފައިވަނީ އޭރުގެ ސަރުކާރުން އުފެއްދި ކޮމިޓީއަކުންނެވެ.

އެކަމަކު ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރާށެވެ. އެހެންވެ، އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އާ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ފްލެޓް ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ އެންމެ 1،820 މީހުންނަށެވެ.

ފްލެޓް ކޮމިޓީގެ ތަފްސީލު ހޯދަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ހުށަހަޅާފައިވާ މައްސަލާގައި އިއްޔެ ކުރިއަށްދިޔަ އަޑުއެހުން؛ އެންމެ މަތިން(ހައުސިން މިނިސްޓްރީ)، ތިރިން ކަނާތަށް (އައިކޮމްގެ އެސްޖީ އިދްރީސް އިސްމާއިލް، އަދި ވާތަށް(މައްސަލަ ހުށަހެޅި ނާއިފް)

ބުނީ ކީކޭ؟ - އިއްޔެގެ އަޑުއެހުމުގައި ނާއިފް ބުނީ ފްލެޓު ލިސްޓު ދިރާސާކުރަން މި ސަރުކާރުން ފަށައި އެކަމަށް އާ ކޮމިޓީއެއް ހަަދައިގެން މަސައްކަތް ފެށީ ވެސް ކުރީގެ ސަރުކާރުގައި ފްލެޓް ލިބޭ މީހުން ކަނޑައެޅި ކޮމިޓީން ކޮށްފައިވާ މަސައްކަތް ގޯސް ކަމަށް ބުނެ ކަމަށެވެ. އެހެންކަމުން، އެ މައުލޫމާތަކީ ހުންނަންޖެހޭނެ މައުލޫމާތެއް ކަމަށާއި، "މިނިސްޓްރީ އަނދައިގެން ދިޔަ" ބަހަނާ ނުދެއްކޭނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ:

  • ހައުސިން މިނިސްޓްރީ އަދަނގެން ދިޔައަސް، ރައީސް އެކުލަވާލެއްވި ކޮމިޓީއަކުން ތައްޔާރުކުރި ރިޕޯޓެއް ރައީސް އޮފީހުގައި އޮންނާނެ

  • ހައުސިން މިނިސްޓްރީ އަނދައިގެން ދާއިރު ރައީސް އޮފީސް އަނދައިގެންނެއް ނުދޭ

  • ފަހި ޔޫނިއަންއިން ރައީސްއާ ބައްދަލުކުރިއިރު ވެސް އެ ރިޕޯޓު ރައީސްއަށް ލިބިވަޑައިގެންފައި އޮތް ކަމަށް އެ ބައްދަލުވުމުގައި ވިދާޅުވި

  • އޭރު ކޮމިޓީން އެ މަސައްކަތް ކުރަމުންދިޔައިރު ވެސް ހަފްތާއަކު އަދި މަހަކު އެއް ފަހަރު އެ ކޮމިޓީގެ މަސައްކަތްތައް ރައީސް އޮފީހާ ހިއްސާކުރަމުންދިޔަ ކަމަށް ފަހި ޔޫނިއަންއަށް މައުލޫމާތުދީފައިވޭ

  • ފްލެޓުތަކާ ގުޅޭ ހުރިހާ ކަމެއްގެ މައުލޫމާތު ހުންނާނީ ރައީސް އޮފީހަށް ގޮސްފައި

  • ފްލެޓާ ގުޅޭ ގޮތުން އޭސީސީން ރިވިއުކުރި މައުލޫމާތު އެކަނި ހައުސިން މިނިސްޓްރީގައި ހުރެފައި ކޮމިޓީއެއްގެ މައުލޫމާތު ދައުލަތުގެ އެއްވެސް އިދާރާއަކަށް އެނގެން ނެތޭ ބުނުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން

  • އޭރު ކޮމިޓީގައި މަސައްކަތްކުރި މީހުން ވެސް ދުނިޔޭގައި ތިބިއިރު އެ މީހުންނަށް ވެސް އެ މައުލޫމާތު އެނގޭނެ

  • އަނދައިގެންދިޔަ ކަމަށް ހަދާފައި އެ މައުލޫމާތު ނެތް ކަމަށް މިނިސްޓްރީއަކަށް ނުނިންމޭނެ؛ ރައީސް އޮފީހުން ހޯދައިގެން ނަމަވެސް އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ

"ބަހަނާއެއްގެ ގޮތުގައި ދައުލަތުގެ އިދާރާއަކުން ނަގާ ވަރުގެ ވާހަކައެއް ނޫން އެއީ ހައުސިން މިނިސްޓްރީ އަނދައިގެން ދިއުމުން އެބޭފުޅުން އެ ރިޕޯޓު އަނދައިގެންދިޔަ ކަމަށް. އެއީ ބުއްދި ގަބޫލުކުރެވޭނެ ކަމެއް ނޫން،" ނާއިފް ބުންޏެވެ.

އެއަށް ފަހު އިއްޔެގެ އަޑުއެހުމުގައި މިނިސްޓްރީން ބުނީ، ރައީސް އޮފީހާ އެ މައުލޫމާތު ހިއްސާކޮށްފައިވޭތޯ ބެލުމަށް ފަހު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖަވާބެއް ދޭނެ ކަމަށެވެ. އެ މައުލޫމާތު މިނިސްޓްރީގެ އެއްވެސް އިދާރާއެއްގައި ރައްކާކޮށްފައި ވެސް ނުވަނީތޯ ސުވާލުކުރުމުން މިނިސްޓްރީން ބުނީ "ފެންނާކަށް ނެތް" ކަމަށެވެ.

ސާވާ ރިކަވާކުރުމާ ގުޅޭ ގޮތުން އެ އަޑުއެހުމުގައި މިނިސްޓްރީން ބުނީ އަދިވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށާއި ރިކަވާކުރެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށެވެ.

ކޮމިޓީއަށްދިޔަ ހަރަދުގެ ތަފްސީލެއް ވެސް ނެތް

އެ ކޮމިޓީއަށް ދިޔަ ހަރަދުގެ ތަފްސީލު ދިނުމަށް ވެސް ނާއިފް އެދިފައިވެ އެވެ. އޭގެ ޖަވާބުގައި މިނިސްޓްރީން ބުނެފައިވަނީ:

  • ހައުސިން އެޑްވައިޒަރީ ކޮމިޓީއަށް ދިޔަ ހަރަދުގެ މައުލޫމާތަކީ އޭރުގެ 'މިނިސްޓްރީ އޮފް ހައުސިން ޕްލޭން އެންޑް އާބަން ޑިިވިލޮޕްމަންޓު'ގެ ފަރާތުން ބަލަހައްޓާފައިވާ މައުލޫމާތެއް؛ އެއީ ތަފާތު މުއައްސަސާއެއް

  • މިއީ ތަފާތު މުއައްސަސާއަކަށްވާތީ އެ ހަރަދުގެ މައުލޫމާތު އެ މިނިސްޓްރީއަކު ނެތް 

މިނިސްޓްރީ ބަދަލު ވިޔަސް، މިހާރުގެ މިނިސްޓްރީގެ ވެސް އޮތީ އެއް މެންޑޭޓެއް ކަމުން، އެ މައުލޫމާތުތައް ބަަލަހައްޓަމުންދާނީ މިނިސްޓްރީން ނޫންތޯ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ސެކެޓްރީ ޖެނަރަލް އިދްރީސް އިސްމާއިލް އެ އަޑުއެހުމުގައި ސުވާލުކުރައްވާފައިވެ އެވެ.

ޖަވާބުގައި މިނިސްޓްރީން ބުނީ:

  • ހައުސިން މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހަރަދުތަކުގެ ތަފްސީލާ ގުޅޭ ކަންކަން މިހާރު ނުހިމެނޭ 

  • އެ ބައި ބަލަހައްޓަމުންދަނީ އެ އިދާރާގެ ކޯޕަރޭޓު ސެކްޝަނުން 

  • މިނިސްޓްރީ ބަދަލުވެގެން އައިރު، އެ މައުލޫމާތު ލިބިފައި ނެތް ކަމަށް ކޯޕަރޭޓް ސެކްޝަނުގެ ފަރާތުން ބުނެފައިވޭ

މިނިސްޓްރީން ބުނީ އެ މައުލޫމާތު ބަލަހައްޓާފައިވާނެ ކަމަށް ގަބޫލުކުރެވެނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އެހެންވެ، އެ މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ފަރާތުން ސާފުކުރުމަށް އެ އަޑުއެހުމުގައި އެދުމުން މިނިސްޓްރީން ބުނީ ޗެކްކުރާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފްލެޓް ކޮމިޓީގެ މަސައްކަތުގެ ތަފްސީލުތަކާ ގުޅޭ ލިޔެކިއުންތައް މިނިސްޓްރީގައި ނެތް ކަމަށް އެ މިނިސްޓްރީން އިއްޔެ ބުނިއިރު، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މީގެ ކުރިން ވިދާޅުވީ ސާވާއަށް ލިބުނު ގެއްލުމާ ގުޅިގެން ބޯހިޔާވަހިކަމާ ގުޅުން ހުރި އެއްވެސް ލިސްޓަކަށް އަސަރު ކޮށްފައި ނުވާ ކަމަށެވެ.

އޭގެ ކުރިން، އަލިފާނުގެ ހާދިސާ ހިނގި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ވިދާޅުވެފައި އޮތީ، އެ ހާދިސާގައި "ހަމަ ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް އެ ދިޔައީ" ކަމަށެވެ.

ސާވާގެ ޑިސްކުތައް ރިކަވާކޮށް، ސިންގަޕޫރަށް ފޮނުވައިގެން އެއިން އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ ބަލަމުންދާ ކަމަށް މިނިސްޓްރީން އޮތީ ބުނެފަ އެވެ.

ކޮމެންޓް (2)

ތެފައާސާ.

21 މޭ 2025
އަހަރެންގެ ކުޑަމަންޖެ ގެންގުޅޭ ފޯނުން ނަގާ ފޮޓޯތައްވެސް ހުންނަނީ ގޫގުލް ޑްރައިވްގައި ސޭވްވާގޮތަށް ހަދާފައި. އޭރަށް މިސާލަކަށް ފޯނަށް ކަމެއްވިޔަސް ނުވަތަ ފޯނު ގެއްލުނަސް ފޮޓޯތައް ސަލާމަތްވާނެއެއްނު؟ ބޮޑު ސިންގާ ސަރުކާރެއްގައި މިވަރުގެ ވިސްނުމެއްވެސް ނެތީ؟ ކޮސް ވެދާނެއެއްނު؟
0 0

ކޮސް

20 މޭ 2025
ފުލެޓުތަކުގެ ކަންތައް އޮޅުވާލަން ވެގެން ހިންގިކަމެއް އެއީ. މިވާހަކަ ގަބޫލު ކުރާނެ ދިވެހިރާއްޖޭގެ އިންސައްތަ މީހުން. ބާކީތިބި މީހުންނަކީ މުއިއްޒު ވިދާޅުވާ އެއްޗެއް ޤަބޫލުކުރާބައެއް. ޖުލައި 2025 ގައި ފޯޅަވަހި ދިވެހިން ލިބޭގޮތަށް ހުރިހާކަމެއް ނިމިއްޖެއޭ ވިދާޅުވިއަސް އެވާހަކަވެސް ޤަބޫލުކުރާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް